މަސްތުވާތަކެތީގެ މައްސަލަތަކުގައި ދައުވާ އުފުލި މިންވަރު މިދިޔަ މަހު ވެސް އިތުރުވެއްޖެ

ޑްރަގް ކޯޓު -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ މަހު އެންމެ ގިނައިން ދައުވާކުރަން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

އެ އޮފީހުން އާންމުކޮށްފައިވާ މިދިޔަ މަހުގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހު ފަސް ބާވަތެއްގެ މައްސަލައިގައި ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ.

އެގޮތުން މަސްތުވާތަކެއްޗާ ގުޅޭ އެކި ދައުވާތައް 47 މީހެއްގެ މައްޗަށް ވަނީ އުފުލައިފައެވެ. ފުލުހުންގެ ދައުރަށް ހުރަސް އަޅައިގެން 15 މީހެއްގެ މައްޗަށް ދައުވާ އުފުލައިފައިވާއިރު، ޓެރަރިޒަމާއި ގުޅުންހުރި ދައުވާތައް 14 މީހެއްގެ މައްޗަށް ވަނީ އުފުލައިފައެވެ. މީގެ އިތުރުން އެންޓި ޓޯޗާގެ އަމަލުތަކާ ގުޅުންހުރި މައްސަލަތަކުގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލައިފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ މިދިޔަ މަހު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ 75 ޕަސެންޓަކީ މި އަހަރުގެ މައްސަލަތަކާ ގުޅޭ ދައުވާތައް ކަމަށެވެ. އޭގެ އިތުރަށް، މިދިޔަ އަހަރުގެ 34 މައްސަލައަކާއި، 2020 ވަނަ އަހަރުގެ 12 މައްސަލައެއް ހިމެނޭކަމަށް ވެސް ވަނީ ބުނެފައެވެ.

ހަމައެއާއެކު މިދިޔަ މަހު އެންމެ ގިނަ މައްސަލަ ހުށަހަޅައިފައިވަނީ، ކްރިމިނަލް ކޯޓަށާއި ޑްރަގް ކޯޓަށާއި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށެވެ. ހަމައެއާއެކު އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށާއި އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ގިނަ މައްސަަލަތަކެއް ހުށަހަޅައިފައިވެއެވެ.

އެގޮތުން ކްރިމިނަލް ކޯޓަށް 112 މައްސަލަ ހުށަހަޅައިފައިވާއިރު، ޑްރަގް ކޯޓަށް ހުށަަހަޅައިފައިވަނީ 69 މައްސަލައެެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް 22 މައްސަލަ ހުށަހަޅައިފައިވާއިރު، އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް 13 މައްސަލަ، އަދި، އެ ސިޓީގެ މީދޫ މެޖިސްޓްރޭޓް ކޯޓަށް އަށް މައްސަަލަ ހުށަހަޅައިފައިވެއެވެ.

ޕީޖީ އޮފީހުން އަންނަނީ ކޮންމެ މަހަކު ވެސް އެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ ތަފްސީލް ހާމަކުރަމުންނެވެ.

comment ކޮމެންޓް