އިދިކޮޅު ލީޑަރު ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންފި

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ -- ފޮޓޯ/ ޕީޕީއެމް

ވާދަވެރި ސިޔާސީ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

މިއީ އެ މަނިކުފާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރިފަހުން އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް ޔާމީން އައްޑުއަށް ވަޑައިގެންނެވުމާއެކު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ޓަކައި ޕީޕީއެމްގެ ގިނަ ސަޕޯޓަރުންތަކެއްވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދަށް އެއްވެފައެވެ.

އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ގިނަ އަދަދެއްގެ އިސްރަށްވެހިން ވެސް ހިމެނެއެވެ.

އައްޑޫއަށް ޔާމީން ކުރައްވާ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހު ފޭދޫގައި ޚާއްސަ ހަރަކާތަކާއެކު ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު އެމަނިކުފާނާ ބައްދަލުކުރަން ބޭނުންވާ ކޮންމެ ރައްޔިތަކަށް ވެސް އެ ފުރުސަތު ފަހިވެފައި އޮންނާނެކަމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދުވަނީ އިއްޔެ ވިދާޅުވެފައެވެ.

އައްޑޫއަށް އެ މަނިކުފާނު ކުރެއްވި މި ދަތުރުފުޅުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް މެމްބަރުން ވެސް ހިމެނެއެވެ.

އައްޑޫ ސިޓީއަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ސިޓީއެކެވެ.

comment ކޮމެންޓް