އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލުނެރެފި

މާލޭ ކާނިވާ ސަރަހައްދަށް އުދައެރުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އުދަ އަރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލުނެރެފިއެވެ.

އުދަ އަރާނެ ކަމަށް ލަފާކޮށް މެޓުން ހުދު ސަމާލުނެރެފައިވަނީ މިއަދު ހެނދުނު 10:15އިން ފެށިގެން މެންދުރު ފަހު 14:00އާ ހަމައަށެވެ.

މެޓުން ބުނީ މިއަދު ހަވީރު 18:00އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

މާލޭ ކާނިވާ ސަރަހައްދަށް އުދައެރުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މެޓް އޮފީހުން ބުނިގޮތުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ގަޑިއަކު ހަ މޭލާއި 16މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ހަމައެއާއެކު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

ކަނޑުތައް އުތުރުގައި މަޑުވެފައި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސް މިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓަށް ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

އިއްޔެ ވެސް މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރައި އެ ސަރަހައްދުގައިވަނީ ފެންބޮޑުވެފައެވެ.

ހަމައެއާއެކު އެ ތަނުގައި ހިންގާ ޑޯލްފިން ކެފޭގެ ތިރީ ބައިވަނީ ރާޅު އެރުމުގެ ސަބަބުން ބޭނުންނުކޮށް ހުއްޓައިލައިފައެވެ.

މާލޭ ކާނިވާ ސަރަހައްދަށް އުދައެރުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އުދައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ސިޓީ ކައުންސިލުން ވަނީ ސަލްމާން މިސްކިތް ސަރަހައްދުގައި ފާރެއް ރާނާފައެވެ.

މި ފަހުން ވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ. އެގޮތުން ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވިއެވެ.

comment ކޮމެންޓް