"އެގެއެއްގައި ﷲގެ ކަލާމްފުޅު ނުކިޔެވޭ ގެއެއްގައި ބަރަކާތެއް ނުލައްވާނެއެވެ. ގޭގެ އަހުލުވެރިންނަށް އުޅެން ދަތި ތަނެއް ކަމުގައި ވާނެއެވެ. އެގެއަކަށް މަލާއިކަތް ބޭކަލުން ހާޟިރުނުވާ ޝައިތާނާގެ ހާއްޔެއް ކަމުގައި ވެދާނެއެވެ."

***

އާޔާ ކަންފަތުގައި ހެޑްސެޓް އަޅައިގެން ފޯނަށް ގެއްލިފައި އިންކަމަށް ހެދުނަސް ކަންފަތްވީ އެހެން ދިމާލެއްގައެވެ. އެދެމީހުންގެ ވާހަކަ އަޑުއެހުމުން ކުށްވެރި އިހުސާސްކުރެވުނެވެ. އެކަމަކު އެމީހުން އެދައްކަނީ ކޮންމެހެން މީހުންނަށް ނީއްވަން ދައްކާ ސިއްރު ވާހަކަތަކެއް ނޫނެވެ. ޒާތީ ވާހަކައަކަށް ނުވީމަ އެމީހުންވެސް އަޑުއިއްވަން ބޭނުންވީކަމަށް ވެދާނެއެވެ.

"އެންމެ ރަގަޅު. އެންމެ ބާރަށް ދަތުރުކުރާ އެއްޗަކީ އައްޔަށް ވެއްޖެއްޔާ ދެން ކޮބާ މައްސަލައަކީ؟"

"ޔުނިވާސްގެ ބޮޑުކަމާއި އަދި އެކްސްޕެންޑް ވަމުން އަންނަކަން ގުރުއާނުގެ އާޔަތަކުން އެނގޭ. އަސަލް އެކަން ދަންނަންތަ؟ ސައިންސްވެރިންނަށް އެކަން ހޯދައިގަނެވުނީ ދާދިފަހުން. އަލި އެހާ ބާރު ސްޕީޑެއްގައި ދަތުރުކުރާ އިރުގައިވެސް ދުނިޔެއިން ހަނދާއި ހަމަޔަށްް އަލި ދަތުރުކުރަން އެކެއް ޕޮއިންޓް ތިނެއް ސިކުންތު ނަގާ. އަދި 33.9 މިލިއަން މޭލު ދުރުގައިވާ މާރސްއަށް އަލި ދަތުރުކުރަން 182 ސިކުންތް. އިރާއި ހަމަޔަށް ފޯރަން އަށް މިނިޓާއި ވިހި ސިކުންތު. ޖުޕިޓާ އާއި ހަމަޔަށް އަލި ފޯރާނީ ތިރީސް ދެމިނިޓްފަހުން. އަދި ބީހައިވް ކްލަސްޓާއާއި ހަމަޔަށް އަލި ދަތުރުކުރާނީ ހަސަތޭކަ އަހަރުފަހުން. އަހަރެމެންގެ މި މިލްކީވޭއިން ނިކުންނަން މަސައްކަތްކުރިޔަސް ފައްސަތޭކަ އަހަރު ނަގާނެ. އަލީގެ ދަތުރުމިނުގައި ދަތުރުކޮށް މުޅި ގެލެކްސީ ބަލައިލެވޭނީ 48000 އަހަރުފަހުން. އަދި އެންޑްރޮމެޑާ ގެލެކްސީއަށް ފޯރަން 2.5 މިލިއަން އަހަރުނަގާނެ. ޔުނިވާސްގެ ކޮޅާއި ހަމަޔަށް ފޯރަން ކިހާ އަހަރެއް ނަގާނެ؟ ދުވަހެއްގައިވެސް ކުރެވޭނެ ކަމެއްނޫން. ސަބަބަކީ ޖައްވުގައި އެންމެ ބާރަށް ދަތުރުކުރާ އެއްޗަކީ އަލި ކަމުގައިވިޔަސް އައްޔަށްވުރެ އަވަހަށް ޔުނިވާސް އެކްސްޕެންޑްވަމުންދާތީ. އެމޭޒިން އެއް ނޫންތަ؟ ﷲގެ ކުޅަދުންވަންތަކަމާއި ކައުނުގެ ބޮޑުކަމާއިމެދު ހައިރާންވެ މީހަކު ތަލިން ކުޅު ނުހިކޭނެތަ؟" ކާއިނާތު ލޯ ބޮޑުކޮށްލަމުން ބުނެލިއެވެ.

އާޔާ އެ އަޑު އަހަން އިންއިރުު ސުބުހާނަﷲ އަދި ﷲއަކްބަރު ކިޔައިލެވުނީ ކިތައްފަހަރު ކަމެއްވެސް ނޭގުނެވެ. އޭނަގެ ހިތް ކާއިނާތުއަށް ތައުރީފުކުރިއެވެ. އޭނަގެ ވިސްނުން ދުވަހަކު އެހިސާބަށް ފޯރިކަމެއް ނޭގެއެވެ. ތަރިތަކުން ފުރިފައިވާ ރީތި އުދަރެހެއް ފެނިލުމުން ކުޅަދުންވަންތަކަން ހިތަށް އަރުވައިލިޔަސް އޭގެ ފަހަތުގައިވާ ކަންތައްތަކަށް ސިކުނޑި ފޯރުވާކަށް ނޭގުނެވެ. ކާއިނާތުގެ ސަބަބުން ހިތުގައި ޝައުގުގެ ކަނި ޖަހަންފެށިއެވެ.

"ކާއީއާއެކު ޑޭޓަކަށް އަޔަސް ސައިންސް ފިލާވަޅު ނަގަން ޖެހެނީ...."

"އަހަރެންގެ މަންމަ އަހަރެން ވިހެއީމަ ރޯން ފެށީވެސް ކައު ކައު ކިޔާފައޭ މަންމަ ބުނި. ކައުނު ކިޔަން އޭރު ނޭގުނީކަން ނޭގޭ..އެހެންވެ އެއްނު މި ސްޕޭސް މޮޔަ ބޮލަށް ވެރިވެގެން މިއުޅެނީ...ވިހޭ ދުވަހުން ފެށިގެން ޑްރީމްއަކީ އެސްޓްރޮނޯޓަކަށްވުން....." ކާއިނާތު ދަތްދޮޅީގައި އަތް ވިއްދާލަމުން އަސަލްގެ މޫނަށް ކަޅިޖަހައިނުލާ ބަލަން އިނެވެ.

"ތިކަން އެނގޭ...."

"ޖައްވަށް ދިޔުމަށްވުރެ ހިތް އެދޭ ކަމެއްނެތް. އެއްފަހަރު މަންކީއެއްވެސް ޓެސްޓްބުރެއްގައި ޖައްވަށް ފޮނުވައިލި. މަންކީއަށްވުރެ ދާހިތްވާ ސްޕެސިމެންއެއް ރާއްޖޭގައި އިންކަން އެމީހުންނަށް އެނގުނުނަމަ. އެނީވޭސް ސައިރަސް ގާތުން އެދެނީ ނާސާއަށް ވިޒިޓްކުރަން ޗާންސެއް ހޯދަދޭން.........."

"އޭނައަށް އެކަން ކުރެވިދާނެ. އޭނަ ބައްޕައަކީ ޓޫރިސްޓުން ސްޕޭސްއަށް ގެންދިޔުމުގެ ބިޒިނަސްއެއް ފަށައިގެން އުޅޭ މަހުޖަނެއް. ސައިރަސް އެކަމަކު ވަރަށް އިންހިއުމަން....................."

"ވަޓް؟" ކާއިނާތުއަށް އިނގިލީގައި ދަތް އަޅައިގަނެވުނެވެ.

"މިބުނީ އެސްޓްރޮނޯޓްސް މައިކްރޯގްރެވިޓީގައި ކޮންފައިންޑް ސްޕޭސްއެއްގައި އެހެން އެސްޓްރޮނޯޓުންނާއެކު އެގޮތަށް ތިބުމުން އިމޯޝަންލެސް ރުޅިގަދަ މީހަކަށްވޭ. އޭނަގެވެސް އެކަހަލަ ގޮތެއް ހުރޭ..."

އަސަލްއަށް ފޯނެއް އައުމުން އާޔާއަށް ސިއްރުން ބަލައިލެވުނެވެ. އަސަލް ބުމަ ކައިރިކޮށްލައިގެން އިންގޮތުން ކަމަކާއި ހިތްހަމަނުޖެހިފައިކަން އެނގުނެވެ. ފޯނު ބާއްވާފައި އަސަލް ކާއިނާތުއަށް ނަޒަރު ހުއްޓާލައިގެން އިންގޮތުން ކާއިނާތުއަށް ވަގުތުން ދެނެގަނެވިއްޖެއެވެ.

"ކާމް ޑައުން އަސަލް..."

"ކޮންކަމަކާތަ؟" އަސަލް ސުވާލުކުރިއެވެ.

"އަހަރެން ކުށެއް ކުރީމަ އަސަލް ނައްޓައިގެން ބަލާ ނަޒަރުން ބަލަން އިނީމަ ވިސްނުނީ ކޮންމެވެސް ކަމަކާ ބްލޭމްކޮށްގެންކަން..."

"ސައިރަސް ހުރި ރިޒޯޓާއި އަންނަ ގަޑިއާއި ހުރިހާ އެއްޗެއް ނޯވާ ނޫހަށް އެނގުނުގޮތެއް ބުނެބަލަ......"

ކާއިނާތުގެ ލޮލުގެ އެއްކަނަށް ކުޑަ ވަންނިއެއް ވެރިވި ނަމަވެސް އެލޮލުން އިތުރު ޝުއޫރެއް ފައުޅެއްނުވިއެވެ. އެސްފިޔަވެސް ޖަހައިނުލިއެވެ.

"ތި ޖީލާން މަގޭ ބޮލުގައި އަޅުވަން ކުރިކަމަކަށް ވާނީ؟ އަސަލް އަހަންނަށް އިތުބާރު ކުރަމެއްނު...އަހަރެން އެެހާވަރުގެ ލަނޑެއް ދީފާނެހެން ހީވޭތަ؟ ނުދޭނެ ދޯ. ކަމެއްކުރިޔަސް ކުރާނީ ހުރިހާ ކޮޅަކުން ވިސްނާފައި. ކޮންމެގޮތެއްވިޔަސް ސައިރަސް ރާއްޖެ އައުމަށްފަހު އެހާ ފަސޭހައިން މީހުންނަށް ނޭގިި ފިލައިގެނެއް ނުދެވޭނެ. ކާމްޑައުން އަަސަލް. އެންމެ މޮޅު އިންޓަވިއުއާއި އޭނަގެ ހުރިހާ ސިއްރުތައް ހޯދާފައި ދުނިޔޭގެ ނޫހެއްގައި ވެސް ނެތްވަރުގެ އާޓިކަލްއެއް ލިޔެދޭނަން. އޯކޭތަ؟" ކާއިނާތުގެ ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވިއެވެ. އެ ދެލޮލުން ފެނުނު ލާނެތް ވިދުވަރުން އަަސަލްގެ ހިތް ވިރުވާލައިފިއެވެ.

"އަސަލް....މިހެން ބުންޏަސް ރުޅި ނާންނައްޗޭ..."

"ނެވަރ...." އަސަލްވެސް ކާއިނާތުގެ މޫނަށް ނަޒަރު ހުއްޓައިލިގޮތަށް ލަދުގަންނަވަރަށް ބަލަން ފެށިއެވެ. އަޅައިގަންނަ ގޮތެއް ހުރި ލޮލެކެވެ.

"އަހަރެން ނޯވާއަށް ގުޅާފައި އެ ޚަބަރު ދިނީ. ސައިރަސް އަންނަންވާއިރަށް ވީހާވެސް ގިނަބަޔަކު ގެންނާން ބޭނުންވީ...އޭނައަކީ ސެލެބްރިޓީއެއްނު. އެންމެ އެކަށީގެންވާގޮތަށް މަރުހަބާކިޔުމަކީ އަހަރެމެންގެ ނޫހަށްވެސް ފައިދާކޮށްފާނެކަމެއް..."

"އަސްތަޣުފިރުﷲ..."އަސަލްއަށް ފުން ނޭވާއެއް ލެވުނެވެ.

އަސަލްއާއި ކާއިނާތުގެ "ޑޭޓް" އާއިމެދު އާޔާ ހައިރާންވިއެވެ. މިވަރުގެ ލޯބީގެ ކުލައެއްނެތް ގުޅުމެއް ދުނިޔޭގައިވާނެ ހެއްޔެވެ؟ ބަސްމޮށުމުން ލޯބީގެ އެއްވެސް އެއްޗެއް ނުބުނެވުނަސް ހިމޭންކަމުގެ ބަހުރުވައިން އެދެމީހުން ވާހަކަ ދައްކަނީއެވެ. އެންމެން އިޝްގާއި ލޯބި މާނަކުރާގޮތް ތަފާތުވެދާނެއެވެ. ކާއިނާތުއާއި އަސަލްގެ ހިތް އެކަކު އަނެކަކަށްޓަކާ ލޯބިން ޖަރީވެފައިވިޔަސް އަރައިރުންވެވިދާނެ ނޫންހެއްޔެވެ؟ އަބަދާއަބަދު ލޯބީގެ ވާހަކަ ދައްކާފައި މާފޮޅުވާކަށް ކޮންމެހެން ނުޖެހޭނެއެވެ. ޖައްވާއި ކަނޑާއި ދުނިޔޭގައިވި ކޮންމެ މައުޟޫއަކަށް ވާހަކަދައްކަންވީއެވެ. ނޯމަލް ގުޅުމަކީ އެއީއެވެ.

***

ކައުނު ނޫސް އިމާރާތުގެ ތެރޭގައި މުވައްޒަފުން ސައިބޯން ހުންނަ ކުޑަ ކޮޓަރިތެރޭގައި ކާއިނާތުއާއި ބައެއް މުވައްޒަފުން ކޮފީގައި ތިބީ ފުދޭވަރަކަށް ފޯރިގަދަ މައުޟޫއެއްގައެވެ. ސައިރަސްގެ ވާހަކަ ނޯވާ ނޫހުގައި ލިޔެވުނު ސަބަބެއް ނޭގިގެން އެކަކު އަނެކަކަށް އިނގިލި ދިއްކުރަނިކޮށް ކާއިނާތު އަމިއްލައަށް އެކަން ބޮލުގައި އެޅުވިއެވެ. އެވާހަކަ ނޯވާ ނޫހަށް ފޯރުކޮށްދިނީ އޭނަ ކަމުގައި ބުނެލީ ނިކަން ހަމަޖެހިލައިގެން އިނދެއެވެ.

"ކާއިނާތު ކީއްވެތަ؟ ސިކުނޑީގެ ބަދަލުގައި ޕީނަޓެއް ނޫންތަ؟" ޖީލަން ކަޅި އަޅައިގަތެވެ. އޭނަގެ ޚިޔާލުގައި ކާއިނާތުގެ ބޮލުގައި ހިފާ ހަލުވައިގަތެވެ.

"ޕީނަޓް ބަޓަރާއި ހެދި މަށަށް އުޅެވެނީ ތިހެންވީމަ ކަމަށްވާނީ." ކާއިނާތު ދޫ ނެރެލިއެވެ. ޖީލަން އޭނަދެކެ ފޫހިވާވަރު ނިތްކުރީގައި ލިޔެފައި އޮންނާކަށް ކޮންމެހެން ނުޖެހެއެވެ.

"އަހަރެމެންނަށް ލިބެން އޮތްހާ ކްރެޑިޓެއް އެހެން ބަޔަކަށް ދިނީ...."

"ސޮރީ ލަވް...ޓައިމް ޓްރެވެލް ކުރާނެ ގޮތެއް އީޖާދުވަންދެން ތިކަމަށް މަޑުކޮށްލަން ޖެހޭނީ. އެނބުރިގޮސް އެކަން ބަދަލުކުރެވޭނެ ގޮތެއް އެނޫނިއްޔާ ނެތް. ސައިރަސްފަދަ ތަރިއެއް އަންނައިރު ދުނިޔޭގެ ހުރިހާ ނޫސްތަކަށް އަރަން ޖެހޭނެކަމަށް އަހަރެން ދެކުނީމަ ނޫސްތަކަށް އަންގަން ބޭނުންވީ. އެއީ އަހަރެންގެ އަމިއްލަ ނިންމުން. ޖީލާންގެ ދަތުގައި ޗޮކްލެޓް ގަނޑެއް ހަރުލާފައި އެބައިން....." ކާއިނާތު ކުއްލިއަކަށް ހީގަތުމުން ޖީލާންގެ މޫނު ރަތްވެގެން ދިޔުމާއެކު އަނގަ ލައްޕާލައިފިއެވެ. މިސްބާހުވެސް ހިނިއައެވެ. ކާއިނާތު ބުނާ އެއްޗެއް ޖީލާން އަދި ގަބޫލުވެސް ކުރާނެއެވެ. ޖީލާންގެ ހުދު ދަތްތަކަށް ލޯބިން ޖެއްސުމެއްކޮށްލުމުން އެފަކީރު އެހެރީ ގަބޫލުކޮށްގެންނެވެ. ޗޮކްލެޓްކޮޅެއް ހަރުލާވަރަށްވުރެ އޮމާން ހުދު ދަތްޕިލާ ދިއްލިފައި ހުރުމުން ކާއިނާތުވެސް ހަސަދަވެރިވީކަން ނޭގެއެވެ.

"މިއޮތީ ކާއިނާތު ސައިރަސްއާއި ކުރަންވީ ސުވާލުތައް...." ބިލާލް ޕްރިންޓްކޮށްފައި އޮތް ކަރުދާހެއް ދިއްކޮށްލުމުން ކާއިނާތު އިނގިލިކޮޅުން ހިފިއެވެ.

"ހައު ބޯރިން..." ކާއިނާތު އެ ސުވާލުތަކާއިމެދު ހިތްހަމަނުޖެހުނެވެ.

އަސަލް ފެނުމުން ކާއިނާތުގެ ލޮލުގެ ވިދުން ގަދަވިއެވެ. އެތަނުގެ އަޑުމަޑުވެ އެންމެން އިހުތިރާމްގެ ނަޒަރަކުން ވެރިޔާއަށް ބަލަންފެށިއެވެ. އަސަލް އިށީނީ ކާއިނާތުގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.

"ބްލެކް ކޮފީއެއް ނޫނީ ކަޕުޗިނޯއެއްތަ؟"

އެހެން އެންމެން ކޮފީ ނިމިފައި ތިބުމުން މަސައްކަތަށް އެނބުރި ދިޔައީ އެމީހުންނަށް ފުރުސަތުދީފައެވެ. އެދެލޯބިވެރިންގެ ފަސާނާ އެނޫހުގެ އެންމެންހެން ދަނެއެވެ.

"އަސަލް. އަހަންނަށް ހީވަނީ މި ޖީލާން މަށާއި ހިތާވެގެން އުޅޭހެން..."

"ކީއްވެ ތިހެން ބުނީ؟" އަސަލް ސިހުނެވެ.

"ފާޑުފާޑަށް ބަލާތީ. އެންމެ އަޖައިބުވަނީ އަސަލްގެ ކުރިމަތީގައި މިކަންތައް ހިނގާއިރު އެކަމާއި އަޅާނުލާތީއޭ. އެހެންވެ އޭނައަށް ހިތްވަރު އެލިބެނީ..."ކާއިނާތު ޗުސްކަނޑައިލިއެވެ.

"ސޮރީ ކާއީ. އަހަރެން ހިޔެއްނުކުރަން...."

"އިފް ޔޫ ޓްރޫލީ ލަވް މީ ދެން އެކަހަލަ ކޮންމެ ކަމެއް ނޯޓިސްވާން ޖެހޭނެ ދޯ. އަސަލް. އަހަރެން ވާހަކައެއް އަހަންތަ؟ ތެދަށް ބުނެފާނަން؟ ކީއްވެ ދުވަހަކު ތިގެއަށް ނުގެންދަނީ؟ މަންމައާއި ބައްދަލު ނުކުރުވަނީ؟"

"ކާއީ މިހެން ބުނީމަ ދެރަނުވައްޗޭ. ތިހެން ސީދާ އެހީމަ އަހަރެންވެސް ފޮރުވާކަށް ނެތިން. މަންމަ އަހަރެން ކާއީއާއި މެރީކުރަން ގަބޫލެއްނޫން. ސަބަބަކީ ކާއީގެ ބައްޕައެއް ނެތީމައޭ. އެއީ އަހަންނަށް މުހިއްމުކަމެއްނޫން އެކަމަކު މަންމަ ކާއީގެ ފެމިލީއާއި ބެހޭގޮތުން އެވަރަށް މައުލޫމާތު އެއްކުރިގޮތެއްވެސް ނޭގޭ. އިރާދަކުރެއްވިއްޔާ އަދި މަންމަ ކާއީދެކެ ލައިކްވާނެ ދުވަހެއް އަންނާނެ. އެދުވަހަކަށް އިންތިޒާރުކުރަނީ...." އަސަލް އިސްތަށިގަނޑުތެރޭގައި އަތް ހިންގައިލިއެވެ.

"އަހަންނަށްވުރެ މަންމަ މުހިއްމުތަ؟"

"އެހެނެއްނޫން..."

"އެހެން ރަށަކަށްގޮސް މެރީކޮށްގެން ވަކިން އުޅެމާ ހިނގާ. އަސަލްގެ ކޮއްކޮ ހުރީމަ މަންމަ އެކަންޏެއްނުވާނެ. އަސަލްގެ ކާބަންކޮޕީއެއްނު...." ކާއިނާތު އަސަލްގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ. ގަޑިއާއި ކުޅެންފެށިއެވެ. އަސަލްއަށް އޭނަގެ އާއިލާ މުހިއްމުވަރާއި އެމީހުންދެކެ ވާ ލޯބި އެންމެ ރަގަޅަށް އެނގޭނީވެސް ކާއިނާތުއަށެވެ. އަސަލް އޭނަގެ މަންމަމެން ދޫކޮށްފައި ދުރަކަށް ނުދާނެއެވެ. މަރު ފިޔަވާ އެމީހުން ދުރުކުރެވޭނެ ދުނިޔޭގެ ބާރެއްނުވެއެވެ. ނަމަވެސް އެވަގުތު އޭނަގެ ހިތް އަސަލްގެ މަންމައާއި ދެކޮޅަށް ބަޣާވާތްކުރަނީއެވެ. ހިތާހިތުން އެތައް އެއްޗެހިތަކެއް ކިޔިއްޖެއެވެ.

"އަސަލް. އަހަރެން އިންތިޒާރުކުރާނަން...ދެމީހުންނަށް ނުވަދިހަ އަހަރުގައިވެސް ކައިވެނި ކުރެވޭނެ ގޮތެއްވެދާނެ. ނޫނީ ގިޔާމަތްދުވަހުން ދޯ...."

"އާނ ކާއީ ނޫން އަންހެންކުއްޖަކާއި ނީންނާނަން.."

ކާއިނާތު ހީލިއެވެ.

އޭނަ ސައިރަސްއާއި ކައިވެނިކުރިޔަސް އަސަލް ވައުދުގައި ހިފަހައްޓައިގެން ހުސްހަށިބަޔަށް ހުންނާނެހެއްޔެވެ؟ ކާއިނާތުގެ ހިތުގައި އޮތީ ސައިރަސްއެވެ. ސައިރަސްގެ ލޯތްބެވެ. އޭނަވެސް ބޭވަފާތެރިވާއިރު އަނެއްކޮޅުން އަސަލްވެސް އެހެރީ މަންމަ ބުނީތީ ގޮތުގައި ހިފަހައްޓައިގެން ދެމީހުންގެ ޒުވާން އުމުރު މަންމައަށްޓަކާ ގުރުބާން ކުރަން ނިންމައިގެންނެވެ.

***

ސައިރަސްގެ ދަތުރު ދެމަހަށް ލަސްވިކަން އެނގުމުން ރުޅިގަދަވެގެންގޮސް ކާއިނާތުގެ ހުރިހާ ދަތްކޮޅު ފައިބާހާ ބާރަށް ދަތްތައް ކާރުވައިގަނެވުނެވެ. އަސަލް ގަސްތުގައި ސައިރަސްގެ ދަތުރު ފަސްކުރުވީކަމާއިމެދުވެސް ޝައްކުވިއެވެ. ނަމަވެސް ތައްޔާރުވެ ރީތި ހެދުންކޮޅެއް ފައްސަންވެސް ވަގުތު ލިބުނީނޫންހެއްޔެވެ؟ އޭނަ ހެދުމަކާއި ބޫޓެއް އަދި ދަބަހަކަށް އޯޑަރުކޮށްލުމަށްފަހު ލެޕް ހިފައިގެން އެނދުގައި އިށީދެ ލިޔަންފެށިއެވެ.

"މިދިޔަ އަހަރު ކަންބަޅި ދަނޑެއްގެ ތެރެއަށް ޖައްވުން ވެއްޓުނު ހިލަގަނޑުން ކަނޑާއި ދިރިހުރުން ދުނިޔޭގައި އުފެދުނުގޮތުގެ މައުލޫމާތު ހުރެދާނެކަމުގައި ސައިންސްވެރިން ބުނެފިއެވެ. އެ ހިލަގަނޑު ދިރާސާކުރުމަށްފަހު އޭގައި އެގާރަ ޕަސެންޓް ފެނާއި ދެ ޕަސެންޓް ކާބަން ހުރިކަމަށް ފެނުނެވެ."

އިނގިރޭސި ވިލާތުގެ ކަންބަޅި ދަނޑަކަށްވުރެ ރާއްޖޭގެ ފަޅުރަށަކަށް ވެއްޓުނު ގިނަ ހިލައެކޭ ލިޔެފިއްޔާ ކިޔުންތެރިންގެ ޝައުގުވެރިކަން ދަމައިގަނެވިދާނެއެވެ. ކޮންމެހެން އެންމެ ތެދު ޚަބަރު ގެނެސްދޭންޖެހޭނެހެއްޔެވެ؟ "ވައިޓްލައި" އަކުން ވާނީ ކޮން ގެއްލުމެއްހެއްޔެވެ؟

ކާއިނާތު ޚަބަރު އެޑިޓްކޮށްލައިފިއެވެ.

"ކާއީ......ވަރަށް ގޯސްކަމެއް ތިކުރީ. އެންމެނަށް ދޮގެއްކަން އެނގޭނެ. ކީއްވެތަ ދޮގު ޚަބަރު ފަތުރަނީ؟ އައި ހޭވް ނޯ ޗޮއިސް ކާއީ މިތަނުން ކަނޑާލުން ނޫނީ...." ޚަބަރު ލިޔުނުތަނާ މާ ގިނައިރެއްނުވެ އަސަލްގެ ފޯނު ކޯލެއް އައެވެ.

ކާއިނާތުގެ ހިތަށް ފިނިވެގެން ދިޔައެވެ.

"އެންމެ ފަހުގެ ޗާންސް ޕްލީޒް..."

"ކާއީ. އަހަންނަށް ނޭގޭ ކާއީ ދޮގުހަދަން ދަސްކުރީ ކޮންތާކުން ކިހިނެއްވެކަމެއް. އެކަމަކު ތިއީ ރަގަޅު ސިފައެއްނޫން. ކާއީ ތިކަން ހުއްޓައިލާ. ތިގޮތަށް ދޮގު ޚަބަރު ފަތުރަން ހަދައިގެން އެންމެންގެ ކުރިމަތީގައި ކާއީގެ އަގުވެއްޓޭކަށް ބޭނުމެއްނޫން..." އަސަލްގެ ވާހަކަތަކުން ކާއިނާތު ރުޅިއައިސްގެން މޮޔަވާވަރުވި ނަމަވެސް އެކަމެއް އަސަލްއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ ފޯނުން ވާހަކަދެއްކުމުގެ ފައިދާއަކީ އެއީއެވެ. ޖަޒުބާތުތައް ފޮރުވޭނެއެވެ.

***

އަސަލްގެ ކޮއްކޮ ޒުހަލް ކޮޓަރީގައި ދަންޖެހިފައި ހުއްޓާ ފެނުނީ އަސަލްއަށެވެ. އަސަލް ހަޅޭއްލަވައިގެންފާ ގޮސް ވަގުތުން ކޮއްކޮގެ ފައިގާ ހިފެހެއްޓިއެވެ. އަދި ކަރުން ވާގަނޑު ނައްޓާ އެނދުމަތީގައި ބޭއްވުމަށްފަހު ވިންދު ބަލައިލިއިރު ވިންދެއްވެސް ނެތެވެ. ނޭވާވެސް ނުލައެވެ. އަސަލް ވަގުތުން ސީޕީއާރުވެސް ދޭންފެށިއެވެ. އަދި އޭނަ މަންމައަށް ގޮވާ ގެނެސްގެން އެމްބިއުލެންސާއި ފުލުހުންނަށްވެސް ގުޅައިފިއެވެ. ހުރިހާކަމެއް ހިނގީ ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އެމްބިއުލެންސް އައުމާއެކު ހުރިތަނަށް ތިރިވި އަސަލް ވަގުތުން ކާއިނާތުއަށް މެސެޖްކޮށްފައި ޒުހަލް ދަންޖެހިފައި ހުއްޓާ ފެނުނު ވާހަކަކިޔާދިނެވެ.

ގިނައިރުތަކެއްނުވަނީސް ކުއްލި ޚަބަރުގެ ގޮތުގައި ކައުނު ނޫހުގައި ގެނެސްދިނީ ޒުހަލް ދަންޖެހިގެން ނިޔާވި ވާހަކައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު