16 މިލިއަން ޑޮލަރުގެ ހެޗަރީއެއް ހިިންގަން 21އަހަރަށް މާނަގަލާ އަކުއާ ގްރޫޕަށް

ހެޗަރީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ފިޝަރީޒް މިނިސްްޓްރީ

މަސްމަހާމެހީގެ އެކި ބާވާތްތައް އާލާކުރާ ހެޗަރީއެއް ހިންގަން ގއ. މާނަގަލާ ޔޫއޭއީގެ އަކުއާ ބްރިޖު ގްރޫޕާ ހަވާލުކޮށްފިއެވެ.

މި ހެޗަރީއަކީ 16 މިލިއަން ޑޮލަރުގެ ހެޗަރީއެކެވެ. އެ މަަސައްކަތުގެ ދަށުން އަކުއާ ކުންފުންޏަށް އެ ހެޗަރީ ހިންގައި ބަލަހައްޓަން އެ ރަށް 21 އަހަރުގެ މުއްދަތަކަށް ލިބޭނެއެވެ.

އެ ހެޗަރީގެ މަސައްކަތުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީއާއި އަކުއާ ބްރިޖު ކުންފުނިން ސޮއިކުރީ މިދިޔަ މަހުގެ 27ވަނަ ދުވަހެވެ.

ގއ. މާނަގަލާ -- ފޮޓޯ: ޕީއެސްއެމް

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕްލޭނިން އެގްޒެކެޓިވް އީނާސް ނާސިރެވެ. އަކުއާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އަކުއާ ބްރިޖްގެ ސީއީއޯ މުހައްމަދު ތާބިޝެވެ.

އެ ހަފްލާގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީތެރިކަމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. 12 މަސް ދުވަހުގެ ތެރޭ އެ މަސައްކަތް ނިންމަންޖެހެއެވެ.

މިހާރު އެ ހެޗަރީގެ އިންފްރާސްޓްރަކްޗާ މަސައްކަތުގެ ތެރެއިން ފުރަތަަމަ ފިޔަވަހީގެ މަސައްކަތްވަނީ ނިންމައިފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މައިގަނޑު ގޮތެއްގައި އެ ހެޗަރީގައި އާލާކުރާނީ އެމާއި، ފާނައިގެ އިތުރުން ހުއިފިލަނޑާއެވެ.

އެއާއެކު އެ ހެޗަރީގެ މަސައްކަތް ނިމުމުން، މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ބައެއް މައްސަލަތަކަށް ހައްލު ލިބޭނެކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ.

comment ކޮމެންޓް