އަޅުގަނޑުމެން ވޯޓުލަނީ އުވަގަށާ މެޝިނަކަށް ނޫން، އެމްޑީޕީއަށް ޑިމޮކްރަސީގެ ވަހަކަ ނުދެއްކޭނެ: ޔާމީން

ޕީޕީއެމުން ވޯޓުލަނީ އުވަ ގަށާ މެޝިނަކަށް ނޫންކަމަށާއި، ލަދު ހަޔާތުގެ ކަންފުޅެއް ކިރިޔާ ވެސް ވާނަަމަ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ޑިމޮކްރަސީގެ ވަހަކަ ނުދެއްކޭނެކަމަށް ވިދާޅުވެ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ޕާޓީއަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ރައީސް ޔާމީން "ސަން"އަށް ވިދާޅުވީ އެމްޑީޕީއަށް ޑިމޮކުރަސީގެ ވަހަކަ ނުދެއްކޭނެކަމަށެވެ. އަދި އެ ޕާޓީން މުޅި ރާއްޖެ ވިއްކައިލައިފައިވާކަމުގެ ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުމެން ޓައްޕުތަކަށް އަޅައިގެންތޯ މި ވޯޓު ދެނީ. ނޫނީ އުވަގަށާ މެޝިނުގައިތޯ އަޅުގަނޑުމެންގެ ވޯޓުކަރުދާސް މިހުރީ. އަޅުގަނޑުމެންގެ ވޯޓު ކަރުދާސް ނެތެއްނު އުވަގަށާ މެޝިނަކުއެއް. ޓައްޕުތަކުގައެއް ބާލިދީގައެއް ނޫނެއްނު މި އެއްޗެހި އުފުލަނީކީ،" ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީގެ 2018ވަނަ އަހަރުގެ އެތެރޭގެ އިންތިޚާބެއްގައި ސިމެންތި ގަށާ މެޝިނަކަށް ވޯޓު އަޅަނީ --

ދެހާސް އަށާރަ ވަނަ އަހަރު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ސިމެންތި ގަށާ މެޝިނަށާއި ކޮތަޅާއި ޓައްޕަށް ވެސް ވަނީ ވޯޓު އަޅައިފައެވެ.

އެމްޑީޕީން އެކަން ކުރީ އެ ޕާޓީގެ ޕްރައިމަރީ ހުއްޓުވުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފައިވަނިކޮށެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބަކީ ވަރަށް ޑޮމޮކްރަޓިކްކޮށް ހިނގާ އިންތިޚާބެއްކަމަށެވެ. އަދި ހޮވޭނީ އެންމެ ކެނޑިޑޭޓެއްކަމަށާއި ނޮހޮވޭ ކެނޑިޑޭޓުން ވެސް އެކުގައި މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ.

"މި އިންތިޚާބު ނިމިގެންދާއިރު އަޅުގަނޑުމެންގެ ތެރޭގައި ސުލްހައަށް ބުރޫއަރާ އެއްވެސް ކަމެއް ނުވުމަކީ އަޅުގަނޑުމެން ޕާޓީގެ ހުރިހާ އެންމެންގެ ވެސް އެެންމެ އިސް އެދުން،" ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން ޕާޓީގެ މެންބަރުންނާ ޔާމީން ބައްދަލުކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމަނިކުފާނު ވިދާޅުވީ އެތެރޭގެ މި އިންތިޚާބުގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުންކަމަށެވެ.

"ކުރިމަތީގައި މި އޮތީ 2023ގެ އިންތިޚާބު. މި އިންތިޚާބަކީ އިރާދަކުރެއްވިިއްޔާ އަޅުގަނޑުމެން އިންޑިއާ ބަލިކުރާނެ އިންތިޚާބު،" އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާރަށް ކުރިއަށް

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފައިވަނީ މިއަދު ހެނދުނު 10:00ގައެވެ. ވޯޓުލުމުގެ ފުރުސަތު ހަވީރު 16:00އަށް ބަންދުވާއިރު، އެ ވަގުތާ ހަމައަށް ކިއު ބަންދުކުރުމުގެ ކުރިން ކިއުއަށް އަރައި ކޮންމެ މީހަކަށް ވެސް ވޯޓުލުމުގެ ފުރުސަތު ދޭނެކަމަށް އެ ޕާޓީންވަނީ ބުނެފައެވެ.

ޕީޕީއެމުން ބުނީ މިހާރު ހިނގަމުން އަންނަ އެ ޕާޓީގެ ދާއިރާ އިންތިޚާބުގައި ވޯޓު ލެވޭނީ ވޯޓުލާ މަރުކަޒުތަކަށް ހަވާލުކޮށްފައިވާ ވޯޓާސް ލިސްޓުގައި ހިމެނޭ މެމްބަރުންނަށް އެކަނިކަމަށެވެ.

ވޯޓު ލާން އަންނަ އިރު ކާކުކަން އަންގައިދޭ ލިޔުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އެ ލިޔުން ބަލައިގަންނާނެކަމަށް ވެސް ބުނެފައިވެއެވެ.

މި އިންތިޚާބުގައި ހުޅުމާލެ އަދި ވިލިމާލެ ދާއިރާ ފިޔަވައި މާލޭގެ ދާއިރާތަކާއި، ރަށްރަށުގެ މީހުން މާލޭގައި ވޯޓުލާން ހަމަޖެހިފައިވަނީ ހެންވޭރު ދަނޑުގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒަށެވެ.

ހުޅުމާލޭގައި ވޯޓުލުން އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގެ ވީއައިޕީ ހޯލްތެރޭގައެވެ. ވިލިމާލޭގައި ވޯޓުލުން ކުރިއަށްދާނީ ވިލިމާލެ ޔޫތު ސެންޓަރުގައެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން ޕާޓީގެ މެންބަރުންނާ ޔާމީން ބައްދަލުކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ އިތުރުން ރަށްރަށުގައި އެ ދާއިރާތަކުގެ ވޯޓުލުން ރަށްތަކުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީން ކަނޑައަޅައި އިންތިޒާމުތަކުގެ ތެރެއިން ކުރިއަށްދާނެކަމަށް ވެސް ޕީޕީއެމުންވަނީ ބުނެފައެެވެ.

މި އިންތިޚާބުގައި އެ ޕާޓީގެ އާންމު މެމްބަރުން ވާދަކުރަނީ ހަތަރު މަގާމަކަށެވެ. އެއީ ދާއިރާ ރައީސުންނާއި، ދާއިރާ ނައިބު ރައީސުންގެ އިތުރުން ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް އަދި އަންހެނުންގެ ހަރަކާތުގެ ރަށު ރައީސްކަމުގެ މަގާމަށެވެ.

ދާއިރާ ރައީސުންގެ މަގާމަށް 124 ކެންޑިޑޭޓުން ވާދަކުރާއިރު، ދާއިރާ ނައިބު ރައީސުންގެ މަގާމަށް ވާދަކުރަނީ 102 ކެންޑިޑޭޓުންނެވެ. ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސްކަމަށް 119 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުންގެ ހަރަކާތުގެ ރަށު ރައީސްކަމުގެ މަގާމަށް 118 ކެންޑިޑޭޓުން ވާދަކުރެއެވެ.

އެއާއެކު ޖުމްލަ 463 ކެންޑިޑޭޓުން މުޅި އިންތިޚާބުގައި ވާދަކުރާނެއެވެ.

ވާދަވެރި ކެމްޕެއިނަކަށްފަހު އިންތިޚާބު ފެށިފައިވާއިރު ކެމްޕެއިންތެރޭ ވަނީ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ވަކި ބަޔަކު ޕްރޮމޯޓުކުރި މައްސަލަތަކެއް ވެސް ފެންމަތިވެފައެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި މީހަކު ވޯޓުލަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެހެންނަމަވެސް މިހާރު ކުރިއަށްދާ އިންތިޚާބުގައި އެ ޕާޓީގެ ލީޑާޝިޕުން އެންޑޯސްކޮށްގެން ނެރެފައިވާ އެއްވެސް ކެންޑިޑޭޓެއް ނުހުންނާނެކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

ވާދަވެރި ބޮޑު އެތެރޭގެ އިންތިޚާބެއް ރާއްޖޭގައި ދެވަނައަށް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީން ކުރިއަށް ގެންދާއިރު، މީގެ ކުރިން އެމްޑީޕީއިން ވެސް ވަނީ އެ ޕާޓީގެ އިސް މަގާމުތަކަށް މެމްބަރުން އައްޔަންކުރުމުގެ ވާދަވެރި އިންތިޚާބެއް ބާއްވައިފައެވެ.

comment ކޮމެންޓް