އެމްބާ ހާޑް ޓްވިޓާ އިން ގެއްލިއްޖެ

އެމްބާ ހާޑް

އިލޮން މަސްކް ޓްވިޓާ ގަތުމާއެކު ގިނަ ބަޔަކު ވަނީ އެ ޕްލެޓްފޯމް ދޫކޮށްލާފައެވެ. 2017ގައި ލޯބިވެރިންގެ ގޮތުގައި ފެނުނު އިލޮން މަސްކް އާއި އެމްބާ ހާޑް ވަނީ ހަތަރު މަހު އެކުގައި އުޅުމަށްފަހު ވަކިވީ ކަމަށް ބުނެފައެވެ.

ދާދި ފަހުން 'ސްޕޭސް އެކްސް'ގެ ފައުންޑާ އަދި ސީއީއޯ އަދި ޓެސްލާ ކުންފުނީގެ ސީއީއޯ އިލޮން މަސްކް ވަނީ ޓްވިޓާ ގަނެފައެވެ. މިއާއެކު 2017ގައި ޓްވިޓާ އެކައުންޓެއް އުފެއްދި އެމްބާ ހާޑްގެ ޓްވިޓާ އެކައުންޓް ގެއްލިއްޖެއެވެ. ދަ ރިއަލް އެމްބާ ހާޑްގެ ގޮތުގައި ފެނުނު އެކައުންޓު މިހާރު ލިސްޓުކޮށްފައެއް ނުވެއެވެ.

މި އަހަރު ތެރޭގައި އެމްބާ ވަނީ ޓްވިޓާގައި އޭނާ އާއި ކުރީގެ ފިރިމީހާ ޖޮނީ ޑެޕްގެ ކޭސްގެ ވާހަކަތައް ދައްކާފައެވެ. އަދި އެ ޑިފެމޭޝަން ކޭސް އޭނާގެ ކޮޅަށް މޮޅުނުވުމުން އެކަމާ ގުޅޭގޮތުންވެސް އެމްބާ ވަނީ ޓްވީޓްކޮށްފައެވެ. އެގޮތުން، އޭނާ ހުށަހެޅި އެތައް ހެއްކެއް އޭނާގެ ކުރީގެ ފިރިމީހާގެ ބާރާއި ނުފޫޒާ ބަލާފައި ވީ ބޭކާރު ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ހިތާމަ ކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.

އެމްބާ ޓްވިޓާ އިން ވަކިވުމަށްފަހު މިކަމާ ގުޅޭގޮތުން އޭނާ އެއްވެސް ތަނަކަށް އިންޓަވިއުއެއް ދީފައެއް ނުވެއެވެ.

ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރާ ޓްވިޓާ އިލޮން މަސްކް ގަތުމާއެކު އެކި ކަހަލަ ފާޑުކިޔުން އޭނާ އަށްދަނީ އަމާޒުވަމުންނެވެ. ބައެއް ފަރާތްތަކުން އޭނާ އަށް ސަޕޯޓު ކުރާއިރު އޭނާ އާ ދެކޮޅު މީހުންވެސް ޓްވީޓުތައް ކުރެއެވެ. އިލޮން ޓްވިޓާ ގަތުމާއެކު އެ ޕްލެޓްފޯމަށް ގިނަ ބަދަލުތަކެއް ގެންނަން ދަނީ މަސައްކަތް ކުރަމުން ކަމަށް ބުނެފައިވެއެވެ. އެގޮތުން ޚަރަދު ކުޑަކުރުމުގެ ގޮތުން އެ ކުންފުނީގެ އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު