ވަޓްސްއެޕްއިން މިހާރު އޮންލައިން ސްޓޭޓަސް ސިއްރު ކުރެވޭނެ

ވަޓްސްއެޕްގެ ޕްރައިވެސީއާ ގުޅޭ އިތުރު ފީޗާތަކެއް މިދިޔަ މަސްތަކުގައި އެ އެޕަށް ވަނީ ތައާރަފުކޮށްފަ --

ވަޓްސްއެޕްއިން އޮންލައިން ސްޓޭޓަސް ފޮރުވައިގެން، އެހެން މީހުންނަށް އޮންލައިންކަން ނޭނގޭ ގޮތަށް އެމީހަކު ބޭނުންވާ ބަޔަކާ ޗެޓް ކުރެވޭގޮތް ހަދައިފިއެވެ.

ވަޓްސްއެޕްގެ ޔޫޒަރުންނަށް އާ ޕްރައިވެސީ ފީޗާތަކެއް ފަހަކަށް އައިސް ތައާރަފްކުރަމުންދާއިރު، އޭގެ ތެރެއިން އެއް ފީޗާއަކީ އޮންލައިން ސްޓޭޓަސް ފޮރުވުމެވެ. މީގެ ދެތިން މަސް ކުރިން ވަޓްސްއެޕްއިން އޮންލައިން ސްޓޭޓަސް ސިއްރުކުރެވޭ ފީޗާ ތައާރަފްކުރިއިރު މިހާރު މި ފީޗާ އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްގައި ހުރިހާ ޔޫޒަރުންނަށް ވެސް ލިބެން ހުންނާނެއެވެ.

ވަޓްސްއެޕްއިން އޮންލައިން ސްޓޭޓަސް ފޮރުވާނެ ގޮތް:

1: އެންޑްރޮއިޑް ނުވަތަ އައިއޯއެސް ބޭނުންކުރާ ފަރާތްތަކުން ފުރަތަމަ ޖެހޭނީ ވަޓްސްއެޕް އެޕްލިކޭޝަން އަޕްޑޭޓް ކުރާށެވެ.

2: ފޯނުން ވަޓްސްއެޕް އެޕް ހުޅުވާލާށެވެ.

3: ސެޓިންސް މެނޫއަށް ވަންނާށެވެ.

4: ދެން އެކައުންޓް ސެޓިންސްއަށް ކްލިކް ކުރާށެވެ.

5: ޕްރައިވެސީ އޮޕްޝަނަށް ތިރިއަށް ސްކްރޯލް ކުރާށެވެ.

6: "ލާސްޓް ސީން އެންޑް އޮންލައިން" އަށް ފިތާލާށެވެ.

7: މިހާރު "އަހަރެން އޮންލައިން ވާއިރު ފެންނަނީ ކާކަށް" މިބައިން ބޭނުންވާ ބަޔަކު ޚިޔާރުކުރެވޭނެއެވެ.

8: ބޭނުންވާ ގޮތަށް ސެޓިންސް ބަދަލުކޮށްލާށެވެ.

ވަޓްސްއެޕްއިން މި ފީޗާ ތައާރަފު ކުރުމުގެ ކުރިންވެސް، އެމީހަކު އެންމެ ފަހުން އޮންލައިންވީ ގަޑި ނުވަތަ އެ ސްޓޭޓަސް ފޮރުވޭނެ ގޮތް މީގެ ކުރިން އޮތީ ފަހިކޮށްދީފައެވެ. އެގޮތުން އެންމެންނަށް ނުވަތަ ފޯނުގައި ސޭވްކޮށްފައިވާ ކޮންޓެކްޓުތަކަށް ނުވަތަ ބައެއް ކޮންޓެކްޓުތަކަށް އެ ސްޓޭޓަސް ފޮރުވޭ ގޮތް މީގެ ކުރިން އޮތީ ހަދާފައެވެ.

އެއާ ޚިލާފަށް އޮންލައިން ސްޓޭޓަސް ފޮރުވަން ޚިޔާރު ކުރެވޭނީ ދެ ގޮތެއްގެ ތެރެއިން އެއް ގޮތެކެވެ. އެއީ އެންމެންނަށް އޮންލައިން ސްޓޭޓަސް ފޮރުވުން ނުވަތަ އެންމެ ފަހުން އޮންލައިންވި ގަޑި ނުފެންނަ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް އޮންލައިން ސްޓޭޓަސް ވެސް ފޮރުވުމެވެ.

އެހެންކަމުން އާ ފީޗާ ބޭނުން ކުރުމުގެ ކުރިން، އެންމެ ފަހުން އޮންލައިންވި ގަޑި ފެންނަ މީހުންގެ ލިސްޓުގެ ސެޓިންސް ހެދުމުން މި ފީޗާ ބޭނުން ކުރަން ފަސޭހަ ވާނެއެވެ.

ވަޓްސްއެޕްއިން ބުނާ ގޮތުގައި އޮންލައިން ސްޓޭޓަސް ސިއްރުކުރާ ފީޗާއާއެއް ތައާރަފު ކުރުމުގެ ބޭނުމަކީ ޕްރައިވެސީ ވަރުގަދަ ކުރުމެވެ. ޕްރައިވެސީއާ ގުޅޭ އިތުރު ފީޗާތަކެއް މިދިޔަ މަސްތަކުގެ ތެރޭގައި ވަޓްސްއެޕް އިން ތައާރަފުކޮށްފައިވާއިރު، އެ ކުންފުނިން ބުނާ ގޮތުގައި އެ ޕްލެޓްފޯމްގައި ހުންނަ ހުރިހާ ޗެޓްތަކަކީ އެންޑް ޓު އެންޑް އެންކްރިޕްޓެޑް ޗެޓްތަކެކެވެ. އޭގެ މާނައަކީ މެސެޖު ފޮނުވާ ފަރާތާއި ލިބޭ މީހާ ނޫން އެހެން މީހަކަށް ޗެޓްތައް ނުފެންނާނެ ވާހަކައެވެ. ވަޓްސްއެޕް ނުވަތަ ބެލެނިވެރި ކުންފުނި މެޓާއަށް ވެސް އެ ޗެޓްލޮގްތަކެއް ނުފެންނާނެއެވެ.

ވަޓްސްއެޕް އިން ދާދިފަހުން އިތުރު ކުރި ފީޗާތަކުގެ ތެރޭގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި 'ކޮމިއުނިޓީސް' ފީޗާ ވެސް ހިމެނެއެވެ. މީގެ އިތުރުން އެ އެޕްގެ ގްރޫޕްތަކަށް ވެސް ބައެއް ފީޗާތައް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން 32 މީހުންނަށް އެއް ފަހަރާ ވީޑިއޯ ކޯލް ކުރެވޭ ގޮތް ހެދުމާއި އެއް ގްރޫޕެއްގައި 1024 މީހުން ބައިވެރިކުރެވޭ ގޮތް ހެދުން ހިމެނެއެވެ.

ވަޓްސްއެޕްއިން ބުނީ އެ އެޕް ބޭނުންކުރާ އެންމެންނަށް ވެސް ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި މި ފީޗާތައް ބޭނުން ކުރެވޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު