ޔޫއެސް ނޭވަލް، މިލިޓަރީ އަދި އެއާފޯސް އެކެޑަމީ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމެރިކާގައި ހުންނަ ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް، ނޭވަލް އަދި އެއާފޯސް އެކެޑެމީގައި ހިންގުމަށް ހަމަޖެހިފައިވާ ތިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފިއެވެ.

މި ކޯސްތަކުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހެއްކަމުގައި ވުމާއި، ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ އަދި އަންނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން ހިމެނޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަދި، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިން (ACT) ހަދާފައިވާ ފަރާތެއްކަމުގައިވުމާއި، ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިން ލޭންގްއޭޖް (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ހަށިހެޔޮކަމުގެ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުން ޝަރުތުތަކުގައި ހިމެނެއެވެ.

ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ޖުމްލަ 18 ޖާގައެވެ. އެއީ ކޮންމެ ކޯހަކުން ހަ ޖާގައެވެ. އެމްއެންޑީއެފުން ބުނީ SAT,ACT,TOEFL ޓެސްޓްތައް ކޯހަށް އެޕްލައިކުރުމަށްފަހު ވެސް ފުރިހަމަ ކުރެވިދާނެ ކަމަށެވެ.

މި ކޯސްތަކުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، ކެމިސްޓްރީ، އިލެކްޓްރިކަލް އިންޖިނިއަރިން، ނޭވަލް އާކިޓެކްޗާ، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސާޗް، މެރިން އެންޑް އެންވައިރްމަންޓަލް ސައިންސް، ޕްރޮފެޝަނަލް މެރިޓައިމް ސްޓަޑީޒް، އަދި ސްޓްރެޓެޖިކް އިންޓެލިޖެންސް ސްޓަޑީޒް ހިމެނެއެވެ.

މީގެ އިތުރުން، ކޮމްޕިއުޓާ ސައިންސް، ޑިފެންސް ސްޓްރެޓެޖިކް ސްޓަޑީޒް، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިންސް، އިންޓަނޭޝަނަލް ރިލޭޝަންސް، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސާޗް، ފިލޯސަފީ، ސައިކޮލޮޖީ އަދި ސޯސިއޮލޮޖީ އާއި، އެރޮނޮޓިކަލް އިންޖިނިއަރިން، އެސްޓްރޮނޮޓިކަލް އިންޖިނިއަރިން، ކޮމްޕިއުޓާ ސައިންސް، މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް، މެކޭނިކަލް އިންޖިނިއަރިން، ސައިބާ ސައިންސް، ބަޔޮލޮޖީ، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސާޗް، ފިލޯސަފީ، ސިސްޓަމް އިންޖިނިއަރިން އަދި މީޓިއޮރޮލޮޖީ ދާއިރާއިން ވެސް މި ކޯސްތަކަށް ފަހު ކުރިއަށްދެވޭނެއެވެ.

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، މި މަހުގެ 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ނުވަތަ އެމްއެންޑީއެފް ޓްރެއިނިންގް ޑިޕާޓްމަންޓްގެ މެއިލް ([email protected]) އަށް މެއިލް ކުރުމަސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ.

comment ކޮމެންޓް