ގަވާއިދާ ޚިލާފަށް ޓްވިޓާއިން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ ކޯޓަށް

ޓްވިޓާގެ މައި އޮފީސް -- ފޮޓޯ/ ވަޔާޑް

އެތައް ހާސް މުވައްޒަފުން ޓްވީޓާގެ ވަޒިފާއިން ވަކިކުރަން އީލޮން މާސްކް ރާވާފައިވާތީ ޓްވިޓާއާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ބްލޫމްބާގް ނިއުސްއިން ރިޕޯޓްކުރި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ސެން ފްރެންސިސްކޯގެ ފެޑެރަލް ކޯޓަށް ކްލާސް އެކްޝަން ލޯސޫޓެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅީ ޓްވިޓާއިން ގާތްގަޑަކަށް 3،700 ވަޒީފާ ނައްތާލާނެ ކަމަށް ބުނެ މުވައްޒަފުންނަށް އެކަން އަންގާފައި ވާތީއެވެ.

އެ މައްސަލައިގައިވާ ގޮތުން އެ މީހުން ވަޒީފާއިން ވަކިކުރަނީ ފެޑެރަލް އަދި ކެލިފޯނިއާގެ ގާނޫނާ ޚިލާފަށެވެ. އެގޮތުން އެ މީހުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ދޭން ޖެހޭ މުއްދަތުގައި ނޯޓިސް ނުދޭ ކަމަށް މައްސަލައިގައިވެއެވެ.

އެމެރިކާގެ ވަޒީފާއާ ބެހޭ ފެޑެރަލް ގާނޫނެއް ކަމަށްވާ "ވޯކާ އެޖެސްޓްމަންޓް އެންޑް ރީޓްރެއިނިން ނޮޓިފިކޭޝަން އެކްޓް"ގައިވާ ގޮތުން 100 ނުވަތަ އެއަށްވުރެ ގިނަ މަސައްކަތްތެރިން ތިބޭ ކުންފުނިތަކުން އެއް ފަހަރާ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާ ނަމަ ނުވަތަ އެހެންވެސް ސަބަބަކާ ހުރެ އެމީހުންގެ ވަޒީފާގެ މަސައްކަތަށް ބުރޫ އަރާނަމަ 60 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭނެއެވެ.

އެ މައްސަލައިގައި އިތުރަށް ވަނީ، ޓްވިޓާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުން ހުއްޓުވުމަށްޓަކައި މުވައްޒަފުން ލައްވައި ލިޔެކިޔުންތަކުގައި ސޮއިކުރުވުން ހުއްޓުވުމަށް ވެސް އެދިފައެވެ.

"އަޅުގަނޑުމެން މި މައްސަލަ މިރޭ ހުށަހެޅީ މުވައްޒަފުންނަށް އެމީހުންގެ ހައްގުތައް ދޫކޮށްލުމަށް އެއްވެސް ލިޔެކިޔުމެއްގައި ސޮއި ކުރަން ނުޖެހޭނެ ކަމާއި އެމީހުންނަށް ހައްގުތައް ހޯދުމުގެ މަގު އޮތްކަން ސާބިތުކޮށްދިނުމަށް،" މައްސަލަ ކޯޓަށް ހުށަހެޅި ވަކީލު ޝެނަން ލިސް-ރިއޯޑަން ބްލޫމްބާގް ނޫހަށް ވިދާޅުވިއެވެ.

ބްލޫމްބާގުން ބުނެފައި ވަނީ މިކަމާ ގުޅޭގޮތުން ޓްވިޓާގެ ބަހެއް ހޯދުމަށް އެދުމުން އެއްވެސް ޖަވާބެއް ނުދިންކަމަށެވެ.

އެ ނޫހުގައިވާ ގޮތުން ޓްވިޓާއިން އެތައް ހާސް މީހުން ކަނޑާލަނީ އެ ކުންފުނީގެ އާ ވެރިޔާ އީލޯން މަސްކް، އެ ކުންފުނީގެ ވަޒީފާތައް މަދުކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. އެގޮތުން ގިނަ މީހުންނަށް ދީފައިވާ ނޯޓިސްގައި، އެމީހުންގެ ވަޒީފާ ނިމުމަކަށް އަންނާނީ އިއްޔެ ކަމަށް ބުނެފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

އޭގެ ސަބަބުން، ޓްވިޓާގެ ބައެއް މުވައްޒަފުންނަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުން ފެށިގެން އެމީހުންގެ ކުންފުނި ސްލެކްއަށް ނުވަދެވި، އެމީހުންގެ އީމެއިލް އެކައުންޓްތަކުން ބްލޮކްވެފައިވާ ކަމަށް ބިޒްނަސް އިންސައިޑާ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

comment ކޮމެންޓް