އީލޯން މަސްކް ޓްވިޓާއާ ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް ޓްވިޓާ ޑައުންވެއްޖެ

އީލޯން މަސްކް -- ފޮޓޯ/ ގެޓީ

ބިލިއަނަރު އީލޯން މަސްކް ޓްވިޓާއާ ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް ޓްވިޓާ ޑައުންވެއްޖެއެވެ.

ޓްވިޓާ އެކައުންޓްތަކަށް ވަނުމަށް ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން ޓްވިޓާގެ ފީޑް ޕޭޖް ލޯޑް ވުމުން އެ ގަޑީގައި މެސެޖެއް އެރިއެވެ. އެއީ "ކޮންމެވެސް ކަމެއް ގޯސްވެއްޖެ، އެކަމަކު ކަންބޮޑު ނުވޭ – އަނެއްކާވެސް ޓްރައި ކޮށްލާ" އެހެން ބުނާ މެސެޖެކެވެ.

ވެބްސައިޓްތަކަށް ދިމާވާ މިފަދަ މައްސަލަތައް މޮނިޓާކޮށް ބަލާ 'ސައިޓް ޑައުންޑިޓެކްޓާ"އިން ވެސް ވަނީ ޓްވިޓާއަށް މައްސަލަތަކެއް ދިމާވި ކަމަށް ބުނެފައެވެ. އެކަމަކު އެ ވެބްސައިޓުން ބުނީ މައްސަލަ ދިމާވީ ދުނިޔޭގެ މަދު ހިސާބުތަކަކަށް ކަމަށެވެ. އެ ވެބްސައިޓުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޓްވިޓާއަށް މިދިމާވި މައްސަލަތަކުގެ ތެރެއިން 94 ޕަސެންޓް މައްސަލަ ދިމާވެފައި ވަނީ ޓްވިޓާ ވެބް ބޭނުން ކުރާ މީހުންނަށެވެ. އަދި ހަ ޕަސެންޓް މައްސަލަތައް ދިމާވީ ޓްވިޓާ އެޕް ބޭނުންކުރާ މީހުންނަށެވެ.

މިދިޔަ މާޗް މަހުވެސް ޓްވިޓާ ޔޫޒަރުންނަށް ޑެސްކްޓޮޕްތަކުން ޓްވިޓާއަށް ވަންނަން ދަތިތަކެއް ކުރިމަތިވިއެވެ. އެ މައްސަލަ ދިމާވީ އިންޑިއާ، ޖަޕާން، ފިލިޕީންސް، މެލޭޝިއާ އަދި އިންޑޮނޭޝިއާގައި ޓްވިޓާ ބޭނުން ކުރާ މީހުންނަށެވެ.

ޓްވިޓާ ޑައުންވެފައި --

ޔޫޒަރުންގެ ރިޕޯޓްތަކަށް ރިއާޔަތްކޮށް 'ސައިޓް ޑައުންޑިޓެކްޓަރުން' ހާމަކޮށްފައިވާ ގޮތުގައި އޭރު ދިމާވި މައްސަލަތަކުގެ ތެރެއިން 85 ޕަސެންޓު މައްސަލަތައް ފާހަގަކުރެވުނީ ޑެސްކްޓޮޕުން ޓްވިޓާ ބޭނުން ކުރާ މީހުންނަށެވެ. އަދި އަށް ޕަސެންޓް މައްސަލަ ދިމާވީ އެންޑްރޮއިޑް ޑިވައިސްތަކުން ޓްވިޓާ ބޭނުން ކުރި މީހުންނަށެވެ.

މީގެ އިތުރުން ފެބްރުއަރީ މަހު ވެސް ދެ ފަހަރަކު ވަރަށް ގިނަ ބަޔަކަށް ޓްވިޓާގެ ޚިދުމަތް ބޭނުން ކުރުމުގައި ހުރަސް އެޅި، މިނިޓުތަކެއް ވަންދެން ޓްވީޓް ނުކުރެވި ދިޔަ ކަމަށް 'ސައިޓް ޑައުންޑިޓެކްޓަރުން' ބުނެފައިވެއެވެ.

މަސްކްއަށް ޓްވިޓާ ލިބުމުގެ ކުރިން ޓްވިޓާއިން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބަރަހަނާ ވީޑިއޯ އާއި ފޮޓޯ ފަދަ ތަކެއްޗާއި އެއާ ގުޅުންހުރި ކޮންޓެންޓް ޕްރޮމޯޓްކުރި އިންޑިއާގެ 52،141 އެކައުންޓް، އޮގަސްޓް 26 އާއި ސެޕްޓެމްބަރު 25އާ ދެމެދު މަނާކޮށްފައެވެ.

މަސްކްއަށް ޓްވިޓާ ލިބުނު ފަހުން މުހިންމު ގިނަ ނިންމުންތަކެއް އިއުލާންކޮށްފައިވެއެވެ. އެގޮތުން ބްލޫ ޓިކް ސަބްސްކްރިޕްޝަން ލިބޭނީ މަހަކު އަށް ޑޮލަރު ދެއްކުމުން ކަމަށާއި އެޑިޓް ބަޓަން ހުރިހާ ޔޫޒަރުންނަށް ހިލޭ ލިބޭނެ ގޮތް ހަދާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އެޑިޓް ބަޓަން މިވަގުތު ލިބެނީ ހަމައެކަނި އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއުޒީލެންޑްގެ ޓްވިޓާ ބްލޫ ސަބްސްކްރައިބަރުންނަށް އެކަންޏެވެ.

comment ކޮމެންޓް