އިޙްތިކާރު ކޮށްގެން ފައިދާ ހޯދުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން: ޚުތުބާ

ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީސްތަކުންނަށް ބޭނުންޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ ހިފެހެއްޓުމަށް ފަހު، އެ މުދަލެއް އަގުބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ މުދަލާއި ތަނަވަސްކަން ހޯދުމަކީ އިސްލާމްދީނުގައި މަނާ ކުރާ ކަމެއް ނޫން ކަމަށާއި ހަލާލުގޮތުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމަށް އިސްލާމް ދީން ހިތްވަރުދޭ ކަމަށެވެ.

ނަމަވެސް ވިޔަފާރި ކުރާ އުސޫލުތަކާއި ވިޔަފާރީގެ ގޮތުގައި ކޮށްގެން ނުވާނެ ކަންކަން ދީނުގައި ބަޔާންކޮށްދީފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

"މަކަރާއި ހީލަތް ހެދުމާއި އޮޅުވާލުން އިސްލާމްދީނުގައި ވަނީ ހަރާމް ކުރައްވާފަ،" މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ އިޙްތިކާރު ކޮށްގެން ފައިދާ ހޯދުމަކީ ވެސް އިސްލާމްދީނުގައި ހުއްދަ ވެގެންވާ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެކަމަކީ ކީރިތި ރަސޫލާގެ ސުންނަތުން ވެސް މަނާކުރައްވާފައިވާ މުއާމަލާތެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އިޙްތިކާރު ކުރުމަކީ މީސްތަކުންނަށް ބޭނުންޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ، ހިފެހެއްޓުމަށްފަހު އެ މުދަލުގެ އަގުބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކުމެވެ.

ހާއްސަ ގޮތެއްގައި ކޮއްްތުގެ ގޮތުގައި މީސްތަކުން ބޭނުންކުރާ ބާވަތްތައް އިޚްތިކާރު ކުރުމުގެ ފާފަ ވަކިން ބޮޑު ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ހަމައެއާއެކު މިނެކިރުމުގައި އުނި އިތުރު ކުރުމަކީ ވެސް ގެއްލުމާއި ހަލާކާ ކުރިމަތިވާނެ ކަމެއް ކަމަށާއި އެއީ ވިޔަފާރީގައި މަކަރާއި ހީލަތް ހެދުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި މީސްތަކުންގެ މުދާ ފޭރިގަތުމަށް ބޭނުންކުރާ އުކުޅުތަކާމެދު ފާރަވެރިވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ.

"އެކި އެކި ބާވަތްތަކުގެ ދަޅަތައް ދައްކައިގެން ފޯނަށް ފޮނުވޭ އޯޓީޕީތައް ހޯދައި، އީމެއިލް އާއި އިންޓަނެޓް ބޭންކިން އެކައުންޓްތަކަށް ވަދެ، ފައިސާ ފޭރިގަތުމުގެ ޝަކުވާގެ އަޑު މުޖުތަމައުގައި މިއަދު ވަނީ ގަދަވެފަ،" ޚުތުބާގައި ބުންޏެވެ.

އެހެންކަމުން އެފަދަ ކެހިވެރި ދަންތުރަތަކުގައި ނުޖެހުމަށް އަބަދުމެ ހޭލާ ހުރުމަކީ އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މުޖުތަމައުގައި ހިނގާ މަކަރާއި ޙީލަތުގެ އެފަދަ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކާ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް