ނައިބު ރައީސް، ކޮޕް27ގައި ބައިވެރިވެވަޑައިގެންނެވުމަށް މިސްރަށް ފުރާވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް މިސްރަށް ފުރާވަޑައިގެންނެވުން --- ފޮޓޯ/ ރައީސް އޮފީސް

މިސްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27)ގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފުރާވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި ނައިބު ރައީސް ފަައިސަލްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެ ކޮންފަރެންސްގައި ގައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު، ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ބުނީ ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގުވާމީ މުޖްތަމަޢުއާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކާ އަދި ކުރިމަތިވާ މާލީ ދަތިކަމާބެހޭގޮތުން ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ކުދިޖަޒީރާ ގައުމުތަކުގެ ޙައްގުގައި ވަކާލާތު ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

ހަމައެއާއެކު، ރާއްޖެއިން ވަނީ 2030 އާ ހަމައަށް އަންނައިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން ވެސް އިއުލާނުކޮށްފައެވެ.

ކޮޕް27 އިންތިޒާމު ކުރަނީ މިސްރު ސަރުކާރުންނެވެ.

މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.

ދުނިޔޭގެ އެތައް ގައުމުތަކެއްގެ ލީޑަރުން އެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ވެސް އެ ސަމިޓުގައި ބައިވެރިވެއެވެ.

comment ކޮމެންޓް