ހިނައިގަތުމާ ބެހޭ މިކަންކަން އެނގޭތަ؟

ފެންވަރާ މާގަނޑެއް --- ފޮޓޯ/ ދިސްއޯލްޑްހައުސް.ކޮމް

މުދައްރިސަކާ އޭނާގެ ކުރީގެ ދަރިވަރަކު މަގުމަތިން ބައްދަލުވި ދުވަހެކެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި ދަރިވަރު ސުވާލު ކުރިއެވެ. ސަރ އެވެ. ފިރިހެނުންވެސް ހިނައިގަންނަންޖެހޭ ހެއްޔެވެ؟ މިސުވާލު ކުރި ދަރިވަރަކީ ކައިވެންޏެއްކޮށް ދަރިޔަކުވެސް ލިބިފައިވާ ޒުވާނެކެވެ. އެހެން ހާދިސާއެކެވެ. ފުރާވަރުގެ އަންހެންކުއްޖަކާއި އޭނާގެ މަންމައާ ދެމެދު ދެކެވުނު ވާހަކައެއްގައި އެ އަންހެންކުއްޖާ ބުންޏެވެ. ހިނައިގަތުމުގައި އެންމެ ފުރަތަމަ ޖެހޭނީ ވުލޫކުރާށެވެ. އެއަށްވުރެ ބާރަށް މަންމަ ބުންޏެވެ. ނޫނެކެވެ. އެންމެ ފުރަތަމަ ފެންވަރާނީއެވެ. ވުލޫކުރާނީ ފަހުންނެވެ.

ހިނައިގަތުން ނުވަތަ ޝަރުޢީ ފެންވެރުމާ ބެހޭގޮތުން ތަކުރާރުކޮށް އިވޭ ވާހަކަތަކުން ދޭހަވާގޮތުގައި، އެކަމާބެހޭ އެންމެ އަސާސީ މައުލޫމާތުވެސް ނޭނގޭ މީހުން މުޖުތަމައުގައި އެބަ އުޅެއެވެ! މިއީ ވަރަށް ދެރަ ކަމެކެވެ. އެހެނީ ހިނައިގަތުމަކީ ބައެއް ހާލަތްތަކުގައި ވާޖިބެއްކަމުގައި ވުމެވެ. ވާޖިބެއް އަދާކުރެވޭނީ އެކަން ކުރާނެ ގޮތް އެނގިގެންނެވެ. އެކަމާ ބެހޭ މައުލޫމާތު އެކަށީގެންވާ މިންވަރަކަށް ހުރެގެންނެވެ. ހިނައިގަތުން ވާޖިބުވާ ހާލަތްތަކާއި އެއާ ބެހޭ ބައެއް ތަފުސީލު ތިރީގައި އެވަނީއެވެ.

ޙައިޟާއި ނިފާސްގެ ލޭ މަނާވުން: މިއީ ހަމައެކަނި އަންހެނުންނަށް ކުރިމަތިވާ ދެހާލަތެކެވެ. ޤުރުއާނާއި ސުންނަތުން އެނގޭ ގޮތުގައި ޙައިޟުގެ ލޭ އައުން ހުއްޓި އެކަން ރަނގަޅުވުމުން ހިނައިގަތުމަކީ ވާޖިބެކެވެ. ނިފާސްކަމަށްވެސް އޮތީ ހަމަ މި ހުކުމެވެ.

އިޙްތިލާމުވުން: މިއީ ނިދީގައި ތެތް ހުވަފެން ފެނި އިޙްތިލާމު ވުމެވެ. މިގޮތަށް ހުވަފެނުގައި އިޙްތިލާމުވިޔަސް ހިނައިގަންނަންޖެހޭނީ ހޭލެވުނު އިރު 'ފެން' ފެންނަން ހުރިނަމައެވެ. އެއްޗެއް ފެންނަން ނެތްނަމަ ހިނައިގަންނާކަށް ނުޖެހޭނެއެވެ. ނިދީގައިނޫނަސް، އެހެން ގޮތަކުންވިޔަސް މަނި ބޭރުވެއްޖެނަމަ ހިނައިގަތުން ވާޖިބުވާނެއެވެ. މިއީ ދެޖިންސުގެ މީހުންނަށްވެސް މެދުވެރިވާ ހާލަތެކެވެ.

ހިނައިގަތުމަކީ އެކަމުގެ ނިޔަތާއެކު ފެންވެރުމެވެ. ހިނައިގަންނަންޖެހޭ ހާލަތެއް މެދުވެރިވުމުން، ނިޔަތާއެކު މާގަނޑު ދަށަށް ވަދެ މުޅި ހަށިގަނޑުގައި ފެންޖައްސައިގެން ފެންވަރައިލުމުން އެ އޮތީ ހިނައިގަނެވިފައެވެ. އަދި އެ ނިޔަތުގައި ހުރެ މޫދަށް އެރުން ނޫނީ ސުވިމިންޕޫލަކަށް ފުންމާލުންފަދަ ކަމެއް ކުރިޔަސް ހިނައިގަނެވުނީކަމަށްވާނެއެވެ. ނަމަވެސް އެއީ އެންމެ ގިނަ ސަވާބު ލިބޭ ފުރިހަމަ ގޮތެއްނޫނެވެ. ގިނަ ސަވާބު ހޯދަން އެދޭނަމަ ހިނައިގަތުމުގައި އިތުރު ކަންތައްތަކެއް ފުރިހަމަވާންޖެހޭނެއެވެ. މިކަންތައްތައް އެކި މަޒުހަބުގެ ފިޤުހު ފޮތްތަކުގައި ކުދިކުދި ތަފާތުތަކާއެކު ހުންނާނެއެވެ. ޖުމުލަކޮށް ބަލާއިރު ހިނައިގަތުމުގައި ސުންނަތުން ސާބިތުވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

އެންމެ ފުރަތަމަ، ހިނައިގަތުމަށް ނިޔަތް ގަންނާނީއެވެ. ނިޔަތަކީ ކަމެއް ކުރުމަށް ގަސްތުކުރުމެވެ. ހިނައިގަންނަންޖެހޭ ފަދަ ކަމެއް މެދުވެރިވުން ފެންވަރަން ދާއިރު، އެ ނިޔަތް އޮންނަންވާނެއެވެ. ސަބަބަކީ އެފަދަ ކަމެއް މެދުވެރިވުމުން އެ ވަރާ ފެނަކީ 'ޝަރުޢީގޮތުން ވާޖިބުވެގެންވާ' ފެންވެރުމެކެވެ. އެއީ އާއްމު ފެންވެރުމެއްނޫނެވެ. މި ދެބާވަތުގެ ފެންވެރުން ތަފާތުކޮށްދެނީ އެކަން ކުރާ މީހާގެ ނިޔަތެވެ.

އެއަށްފަހުގައި بسم الله الرحمن الرحيم ކިޔައި ދެއްތިލަ ތިންފަހަރު ދޮވެލާނީއެވެ. އަދި ހަށިގަނޑުގެ ބޭރުފުށުގައި އެއްވެސް ނަޖިހެއް ނުވަތަ މިލައެއް ވާނަމަ އެއެއްޗެއް ފިލުވައިލާނީއެވެ. ދެން ނަމާދަށް ވުލޫ ކުރާހެން ވުލޫ ކުރާނީއެވެ. އަދި އެއަށްފަހުގައި ބޮލުން ފެށިގެން މުޅި ހަށިގަނޑުގެ ބޭރުފުށުގައި ފެންޖެހޭނެހެން ފެންވަރާނީއެވެ. އިސްތަށިތައް ވިނަވައިލައި، ރަނގަޅަށް އިސްތަށީގެ ބުޑުގައި ފެންޖެއްސުމަށް ސަމާލުކަން ދޭންވާނެއެވެ.

އަންހެނުންގެ ގަތާފައިވާ އިސްތަށިގަނޑު ނިއުޅައިލައި މުޅި އިސްތަށިގަނޑުގައި ފެންޖެއްސުމާމެދު ދަންނައެވެ. ޞައްޙަ ހަދީސުން ސާބިތުވާ ގޮތުގައި؛ ޖުނުބުގެ ހިނެއުމުން ހިނައިގަންނައިރު، އެފަދަ އިސްތަށިގަނޑު ކޮންމެހެން ނިއުޅައިލާކަށް ނުޖެހެއެވެ. ޖުނުބުގެ ހިނެއިން ހިނައިގަންނައިރު އިސްތަށިގަނޑު ނިއުޅައިލަން ޖެހޭނެތޯ އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. 'ނޫނެކެވެ. އެހެން ހަދާކަށް ނުޖެހޭނެއެވެ. ތިންއަތްގޮށީގެ ފެން ބޮލަށް އޮއްސައިލާށެވެ. އެއަށްފަހުގައި ހަށިގަނޑުގެ އެހެން ބައިތަކުގައި ރަނގަޅަށް ފެން ޖެހޭނެހެން ފެންވެރުމުން ތާހިރުވާނެއެވެ.'(މުސްލިމް)

އިސްވެ ދިޔަ ހަދީސަށް ބައްލަވައި، ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ޙައިޟުވެރިޔާއަށްވެސް އޮތީ ހަމަ އެގޮތެވެ. އޭނާވެސް ހިނައިގަތުމުގައި، ގަތާފައިވާ އިސްތަށިގަނޑު ކޮންމެހެން ނިއުޅައިލާކަށް ނުޖެހޭނެއެވެ. ނަމަވެސް އަނެއްބައި އިލްމުވެރިން ވިދާޅުވާ ގޮތުގައި، ހަދީސްގައި އޮތީ ޖުނުބުވެރިޔާގެ ވާހަކައެވެ. އެހެންކަމުން ޙައިޟުވެރިޔާއަކަށް އެ ހުކުމެއް ނާންނާނެއެވެ. ޙައިޟުވެރިޔާ އެކަމުން ނިމި ހިނައިގަންނަ އިރު، ގަތާފައިވާ އިސްތަށިގަނޑު ނިއުޅައިލާންޖެހޭނެއެވެ. މިކަމުގައި އެންމެ ޞައްޙަކަމަށް ބުރަ ވެވެނީ ކުރިން ބުނި ރައުޔަށެވެ. ނަމަވެސް އިލްމުވެރިންގެ ޚިލާފުން ނިކުތުމަށްޓަކައި ޙައިޟުވެރިޔާ އެކަމުން ނިމި ހިނައިގަންނައިރު އިސްތަށިގަނޑު ނިއުޅައިލުން އެދެވިގެން ވެއެވެ.

އެބައެއްގެ މައްޗަށް އެކަން ވާޖިބު ހާލަތެއް އަތުވެއްޖެނަމަ، އަންހެނުންނާއި ފިރިހެނުންވެސް ހިނައިގަންނަންޖެހޭނެއެވެ. މިސާލަކަށް؛ ޙައިޟު ނިފާސްކަމުގެ ހިނެއުމަކީ ހަމައެކަނި އަންހެނުންނަށް ހާއްސަ ހިނެއުމަކަށްވިޔަސް، އެއްދާން ކޮށްފިނަމަ އަންހެންމީހާއާއި ފިރިހެންމީހާވެސް ހިނައިގަތުން ވާޖިބުވާނެއެވެ. ހިނައިގަތުމުގެ ތެރޭގައި ވުލޫ ނުކުރާނަމަ، ވުލޫކޮށްގެން ކުރަންޖެހޭ (ނަމާދުފަދަ) ކަމެއް ކުރެވޭނީ ވުލޫކޮށްގެންނެވެ. އެހެނީ ހިނައިގަތުމަކީ ނުވަތަ ފެންވެރުމަކީ އެއްވެސް ގޮތަކުން، ވުލޫއާ އެއްހަމަ ކުރެވޭ ކަމެއްނޫނެވެ. ޖުނުބުވެރި ހާލަތުގައި ހުރެ ކުރާ ނަމާދު ޞައްޙައެއްނުވާނެއެވެ. އަދި އެހާލަތުގައި ހުރެ ޠަވާފު ކުރުންވެސް ޞައްޙައެއްނޫނެވެ. ވީމާ، ޖުނުބުވެރިވުމަށްފަހު ހިނައިގަތުމަކީ އިޚުތިޔާރީ (އޮޕްޝަނަލް) ކަމެއްކަމަށް ދެކިގެން ނުވާނެއެވެ!

ގުޅޭ ޓެގު
comment ކޮމެންޓް