އިޒްރޭލުގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވެއްޖެއެވެ.
ރިޝީ މިފަދައިން ވިދާޅުވެފައިވަނީ އިނގިރޭސި އެމްބަސީ ޤުދުސަށް ބަދަލުކުރުމުގެ ވިސްނުންފުޅު އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސް ގެންގުޅުއްވާފައިވާކަން ހާމަވެފައި އޮތް ދަނޑިވަޅެއްގައެވެ.
އިނގިރޭސި ބޮޑުވަޒީރާ ހަވާލާދީ އޭނާގެ ތަރުޖަމާނު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އެ ވިސްނުން ގެންގުޅުއްވާފައިވިނަމަވެސް މިހާރުގެ ސަރުކާރުން އެފަދަ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
އިނގިރޭސި އެމްބަސީ ޤުދުސަށް ބަދަލުކުރުމުގެ މަޝްވަރާތައް ރާނީ އެލިޒަބެތުގެ ޖަނާޒާއަށްފަހު އޭރުގެ ބޮޑުވަޒީރު ލިޒް ޓްރަސް އާއި އިޒްރޭލުގެ ބޮޑުވަޒީރު ޔައީރް ލެޕިޑް ވަނީ ކުރައްވާފައެވެ.
ނަމަވެސް މިފަދަ ވިސްނުމެއް މިހާރުގެ ބޮޑުވަޒީރު ނުގެންގުޅުއްވާކަން މިހާރު ވަނީ ހާމަވެފައެވެ.
އިޒްރޭލުގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ މިހާރު ހުންނަނީ އިޒްރޭލުގެ ވެރިރަށް ތެލް އަވީވުގައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު އެއް ބާރުކަމުގައިވާ އެމެރިކާއިން ވަނީ އެ ގައުމުގެ އެމްބަސީ ޤުދުސަށް ބަދަލުކޮށްފައެވެ. މިއާއެކު ކޮސޯވޯ، ހޮންޑިއުރަސް އަދި ގުއާތަމޭޔާގެ އެމްބަސީ ވެސް ޤުދުސަށް ބަދަލުކުރިއެވެ.
ނަމަވެސް މި ނިންމުމާ ދެކޮޅަށް ފަލަސްޠީނާއި އަރަބި އަދި މުސްލިމު ގިނަ އެކްޓިވިސްޓުން ވަނީ އަޑުއުފުލާފައެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.
އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ހެދުމަށް އިޒްރޭލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ދުނިޔޭގެ ގިނަ ގައުމުތަކުން އިޒްރޭލުގެ ވިސްނުން ބަލައެއް ނުގަނެއެވެ.