ރާއްޖޭގެ ސިޔާދަތަށް ބާރުވެރި ގައުމުތަކުން ކުރިމަތިކުރުވާ ފިއްތުންތަކަށް ދޫ ދެވޭކަށް ނެތް: ނާޒިމް

މޯލްޑިވްސް ނެޝަނަލްް ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

މިއަދު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖެހުމުގެ ބޭނުމުގައި ބާރުވެރި ގައުމުތަކުން ކުރިމަތި ކުރުވާ ފިއްތުންތަކާ ދެކޮޅަށް މަސައްކަތްނުކޮށް ދޫކޮށްލެވެން ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ނާޒިމް ދެއްވި ޚާއްސަ މެސެޖުގައި ވިދާޅުވީ ނޮވެމްބަރު ތިނެއްގެ އުދުވާނުން ދިވެހީންނަށް ނަސްރު ލިބުނީ ހިތްވަރުގެ ސަބަބުން ކަމަށެވެ. އަދި މިއަދު ވެސް އެ ދުވަސް ގިނަ ދިވެހީންގެ ހަނދާނުގައި ތާޒާކަމާއެކު ހުންނާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އެ ދުވަހު ދިވެހީން ޝަހީދުވި. ދިވެހީން ރަހީނުކުރެވުނު. ދިވެހީން ނިވައިފަތްގަނޑަކަށް ހެދި،" އޭނާ ވިދާޅުވިއެވެ.

އެއާއެކު ނާޒިމް ވިދާޅުވީ ނަސްރުގެ ދުވަސް ފަދަ ދުވަހެއްގައި ރާއްޖޭގެ ސިޔާދަތަށް ބުރޫ އަރާފަދަ ވާހަކަ ދެއްކުމަކީ ނުތަނަވަސްކަމެއް ކަމަށެވެ.

ނަމަވެސް މިއަދު ގައުމުގައި އެފަދަ ކަންކަން ހިނގަމުން އަންނައިރު ގައުމު ދެކެ ލޯބިވާ ބައެއްގެ ހައިސިއްޔަތުން އެކަމާ ވާހަކަ ދައްކަން މަޖުބޫރުވާ ކަމަަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ޗާގޯސް އައިލޭންޑްސްގެ މައްސަަލައަށް އިޝާރާތްކުރައްވަމުން، ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލެން މަގު ފަހިވެފައިވުން ކަމަށެވެ. އަދި ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތުން އެ ކަމަށް ފުރުސަތު ހުޅުވެމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑު ސަރުކާރަށް ގޮވައިލަން އެފަދަ ފުރުސަތެއް އެއްވެސް މިންވަރަކަށް ދެވޭނެ ގޮތަކަށް ސިޔާސަތެއް އެކުލަވައިނުލެއްވުމަށް. މިހާރުގެ ސިޔާސަތަށް ރުޖޫއަވުމަށް. މިއަދު ދިވެހި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ އެ ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މި ކަން ހަނދާންކޮށްދީގެން ދައުލަތުގެ ސިޔާސަތު މުރާޖާކުރުމަށް ސަރުކާރަށް ބާރު އެޅުމާއެކު މަސައްކަތް ކުރުމަށް،" ނާޒިމް ވިދާޅުވިއެވެ.

އެއާއެކު ނާޒިމް ވަނީ އެ މައްސަލައިގައި އެމްއެންޕީއިން ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ދައުވަތު ވެސް ސިޔާސީ ފަރާތްތަކަށް އަރުވައިފައެވެ. އަދި ސިޔާސީ ވިސްނުން އެއް ފަރާތްކޮށް ގައުމީ ވިސްނުމުގައި މި މައްސަލައިގައި ކުރިއަށް ދިއުމަށް ވެސް އެދިލެއްވިއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ މަސްލަހަތު އެންމެ މަތީ މިންވަރަށް އިސްކުރުމަށް ވެސް ވަނީ އޭނާ ގޮވައިލައްވައިފައެވެ.

އެމްއެންޕީން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް ވަނީ ޗާގޯސް މައްސަލައާ ގުޅިގެން އެ ޕާޓީން ދެކޭ ގޮތް ސިޓީއަކުން އޭގެ ތަފްސީލީ ސަބަބުތަކާއެކު ސަރުކާރަށް އަންގައިފައިވާނެކަމަށް ބުނެފައެވެ.

އެ މައްސަލައިގައި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރަން ޖެހޭކަމަށް ގަބޫލުކުރާކަމަށް ވެސް މީގެ ކުރިން ވަނީ އެ ޕާޓީން ބުނެފައެވެ.

comment ކޮމެންޓް