ޗައިނާއާ ކުރިމަތިލުމުގެ ސިޔާސަތެއް ގެންގުޅުމަކީ ޔޫރަޕަށް މަސްލަހަތު އޮތް ގޮތެއް ނޫން: ޖަރުމަނު

ބާލިން (3 ނޮވެމްބަރު 2022) : ޗައިނާއާ ކުރިމަތިލުމުގެ ސިޔާސަތެއް ގެންގުޅުމަކީ ޔޫރަޕަށް ފައިދާހުރި ކަމެއް ނޫންކަމަށް ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޯލްޒް ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުޅެއްގައި ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ޝޯލްޒް ވިދާޅުވީ ޗައިނާ ގެންގުޅޭ ވަން ޗައިނާ ސިޔާސަތަށް ދެކޮޅު ހަދައި އެ މައްސަލާގައި ޗައިނާއާ ޖައްސާލައިގެން ގުޅުންތައް ހީނަރުވުމުން ޔޫރަޕަށް ލިބޭނެ ފައިދާއެއް އޮންނާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ޗައިނާ ކުރާ ކޮންމެކަމަކާ އަދި ޗައިނާ ގެންގުޅޭ ކޮންމެ ސިޔާސަތެއް ރަނގަޅުވުން ނޫން ކަމަށް ޝޯލްޒް ވިދާޅުވިއެވެ.

މިމޭރުމުން ދެއްވި ބަޔާނެއްގައި ޝޯލްޒް ވިދާޅުވީ ޓައިވާންއާ މެދުގައި ޒިންޖިއާން ޕްރޮވިންސްގެ މުސްލިމުންނާމެދު ޗައިނާ ގެންގުޅޭ ސިޔާސަތަށް ފާޑުކިޔައި ރަނގަނޅުގޮތް ހާމަކުރުމަކީ ޔޫރަޕްގެ ގައުމުތަކަށް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް ފާޑުކިޔުމަކީ ޗައިނާއާ ޖައްސާލައިގެން ޗައިނާއާ ކުރިމަތިލާ ހިސާބަށް ކަންކަން ގެންދިޔުން ނޫންކަމަށާއި ފާޑުކީ ނަމަވެސް ޔޫރަޕަށް ޗައިނާއާ ރަނގަޅު ގުޅުންތަކެއް ބޭއްވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝޯލްޒް ވިދާޅުވިގޮތުގައި ޓައިވާން މައްސަލާގައިވެސް އަދި އިންސާނީ ހައްގުތަކުގެ މައްސަލާގައި ވެސް އަދި ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ވެސް ޗައިނާއާ ކުރިމަތިލުމުގެ ސިޔާސަތެއް ގެންގުޅުމަކީ ޖަރުމަނު ތާއީދު ކުރާނެ ކަމެއް ނޫންނެވެ.

ޗައިނާއާ ކުރިމަތިލުމުގެ ސިޔާސަތެއް ގެންގުޅުމަކީ ޔޫރަޕަށް ފައިދާހުރި ކަމެއް ނޫންކަމަށް ޝޯލްޒް މި ވިދާޅުވަނީ ނުސީދާ ގޮތެއްގައި އެމެރިކާއަށް އަމާޒުކުރައްވައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއަކީ ޗައިނާއާ ކުރިމަތިލުމުގެ ސިޔާސަތެއް ގެންގުޅުމަށް ފާޅުގައި ޔޫރަަޕަށް ގޮވާލައި އެކަމަށް ޔޫރަޕަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދާ ގައުމެކެވެ.

އެމެރިކާ މިގޮތަށް ގޮވާލާއިރު މުހައްލިލުން ދެކޭގޮތުގައި އެމެރިކާ ގެންދަނީ ޔޫރަޕަށް ބާރާއި ނުފޫޒު ހިންގުމަށް ކުރިޔަށްވުރެ މާބޮޑަށް މަސައްކަތް ކުރަމުންނެވެ. ކުރިން އެމެރިކާ ގެންދިޔައީ އަސްކަރީގޮތުން ޔޫރަޕަށް ބާރާއި ނުފޫޒު ހިންގައި އަސްކަރީގޮތުން ޔޫރަޕް އަތްދަށުލަމުންނެވެ.

ނަމަވެސް ޔުކްރެއިން ހަނގުރާމައާއެކު އެމެރިކާ މިހާރު ގެންދަނީ ޔޫރަޕާއި ރަޝިއާ ޖައްސައި އިގްތިސާދީގޮތުންނާއި ހަކަތައިގެ ގޮތުން ޔޫރަޕަށް އަތްގަދަކޮށް ހުރިހާ ދާއިރާތަކެއްގައިވެސް އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި ޔޫރަޕް ބޭއްވުމަށް އާދަޔާ ޚިލާފަށް މަސައްކަތް ކުރަމުންނެވެ. މިކަމުގެ ބޭނުމަކީ ޗައިނާއާ ދިމާކުރުމަށް އެމެރިކާ ގެންގުޅޭ ސްޓްރެޓީޖިކް ސިޔާސަތުގައި ޓޫލެއްގެ ގޮތުގައި ޔޫރަޕް ބޭނުންކުރުން ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

ރަޝިއާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދޭ މައި ދެހޮޅި ކަމަށްވާ ނޯޑް ސްޓްރީން ވަންއާއި ޓޫ ގޮއްވާލިކަމުގެ ތުހުމަތު ރަޝިއާ ކުރަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ މައްޗަށެވެ. ރަޝިއާގެ އަގު ހެޔޮ ގޭހުން ޔޫރަޕް މަހުރޫމު ކުރުމަށްފަހު އެމެރިކާ ގެންދަނީ ހަތަރު ގުނަ އަގުބޮޑުކޮށް ޔޫރަޕަށް ގޭސް ސަޕްލައި ކުރަމުންނެވެ. އަދި އެމެރިކާގެ އަގު ބޮޑު ގޭހަށް ބަރޯސާވުމަށް ޔޫރަޕަށް މަޖުބޫރު ކުރުވަމުންނެވެ.

މި މައްސަލާގައި ފަރަންސޭސި ރައީސް ވަނީ ސީދާގޮތެއްގައި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ފަރަންސޭސި ރައީސް ވިދާޅުވިގޮތުގައި އެމެރިކާ ގެންދަނީ ޔޫރަޕަށް އަގު ބޮޑުކޮށް ގޭސް ވިއްކައިގެން ބޮޑު ފައިދާ ގަނޑެއް ނަގަމުންނެވެ. މިއީ ހެޔޮއެދޭ ރަހުމަތްތެރިން ކަންކުރަންޖެހޭ ގޮތްތޯވެސް ފަރަންސޭސި ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.

ޔޫރަޕަކީ ތެލާއި ގޭސް ފަދަ ގުދްރަސީ ރިސޯސްތައް ގާތްގަނޑަކަށް ހުސްވެފައިވާ އަދި އާބާދީ ވަރަށް ބޮޑަށް މުސްކުޅިވެފައިވާ އަދި އުފެއްދުންތެރިކަން ވެސް ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާ ކޮންޓިނެންޓެކެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ފިނިގަދަވުމުގެ ސަބަބުން ފިނި މޫސުމުގައި ޔޫރަޕްގެ ގިނަ ގައުމުތަކުގައި ދިރިއުޅުން ވެސް މިހާރު ވަނީ ވަރަށް ދަތި އަދި އެހާމެ އަގުބޮޑުކަމަކަށް ވެފައެވެ.

ޗައިނާއާއި ރަޝިއާ އާ ދިމާކުރުމުގައި އެމެރިކާ ގެންގުޅޭ ސިޔާސަތުގައި ބައިވެރިވުމަކީ ޔޫރަޕަށް ބުއްދިވެރި ކަމެއް ނޫންކަމަށް ބުނާ އަޑުތައް ޔޫރަޕުން މިހާރު ވަނީ އެކި ފެންވަރުގައި އިވެންފަށާފައެވެ. ޗައިނާއާ ކުރިމަތިލުމުގެ ސިޔާސަތެއް ގެންގުޅުމަކީ ޔޫރަޕަށް ފައިދާހުރި ކަމެއް ނޫންކަމަށް ވިދާޅުވެ ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޯލްޒް ދެއްވި ބަޔާނަކީވެސް އެމެރިކާގެ މިސިޔާސަތާ ދެކޮޅަށް ޔޫރަޕްގެ ލީޑަރެއްގެ ފަރާތުން އެމެރިކާއަށް އަމާޒުވި ނުސީދާ މެސެޖެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާ އާއި ރަޝިއާ ދިމާކުރުމުގެ ހަރުކަށި ސިޔާސަތެއް އެމެރިކާ ގެންގުޅެނީ ދުނިޔެއަށް ބާރާއި ނުފޫޒު ހިންގުމަށާ އަދި ދުނިޔޭގެ ފުލުހަކަށް އަމިއްލައަށް ވެގެން އުޅުމަށް އެމެރިކާ ކުރާ މަސައްކަތްތަކަށް އެޅޭ އެންމެ ބޮޑު ހުރަހަކީ އެ ދެ ގައުމު ކަމަށްވާތީއެވެ.

comment ކޮމެންޓް