އިންސްޓަގްރާމް ޑައުންވެ، ރޮނާލްޑޯގެ ތިން މިލިއަން ފޮލޯވަރުން ގެއްލިއްޖެ

ޝޯޝަލް މީޑިއާގައި އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިންސްޓްގަރާމުން ތިން މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ކުއްލިއަކަށް ގެއްލިއްޖެއެވެ.

މުޅި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ވެސް ރޮނާލްޑޯ އަކީ ބޮޑު ނުފޫޒެއް އޮންނަ ކުޅުންތެރިއެކެވެ. އެގޮތުން ޖުމްލަ 493 މިލިއަން ފޮލޯވަރުންނާއެކު ރޮނާލްޑޯއަކީ މުޅި އިންސްޓަގްރާމްގައި ވެސް އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ އެކައުންޓެވެ.

ދާދިފަހުން އިންސްޓަގްރާމްއަށް ދިމާވި ގްލިޗަކާ ގުޅިގެން ވަގުތުކޮޅަކަށް އެ ޕްލެޓްފޯމް ޑައުންވިއެވެ. ނަމަވެސް އެ ގްލިޗުގެ ސަބަބުން ބޮޑެތި އެކައުންޓުތަކުން ފޮލޯވަރުން ވަނީ ގެއްލިފައެވެ. އެއާއެކު އެންމެ ގިނަ އަދަދަކަށް ފޮލޯވަރުން ގެއްލިފައިވާ އެއް އެކައުންޓަކީ ރޮނާލްޑޯގެ އެކައުންޓެވެ.

އޭނާގެ އެކައުންޓުން ތިން މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ގެއްލުނެވެ. އެހާ ގިނަ އަދަދަކަށް ފޮލޯވަރުން ގެއްލިފައިވަނީ ގްލިޗުގެ ސަބަބުން ގިނަ އަދަދަކަށް ޔޫޒަރުންގެ އެކައުންޓުތައް ސަސްޕެންޑުވުމާ ގުޅިގެންނެވެ. މި އެކައުންޓުތައް ސަސްޕެންޑު ވެފައިވަނީ އައިއޯއެސްގެ ޑިވައިސްތަކަށް ފޮނުވި އިންސްޓަގްރާމް އަޕްޑޭޓަކާ ގުޅިގެން ކަމަށް ވާހަކަތައް ދެކެވެއެވެ.

އިންސްޓަގްރާމުން ބުނިގޮތުގައި މިހާރު އެ ޕްލެޓްފޯމުން ވަނީ ގްލިޗުގެ މައްސަލަ ހައްލުކޮށްފައެވެ. އަދި ފޮލޮވަރުން ގެއްލުނު އެކައުންޓުތަކަށް މިހާރު ފޮލޮވަރުން ހުންނާނެ ކަމަށް އިންސްޓަގްރާމް އިން ބުނެއެވެ.

ރޮނާލްޑޯގެ އެކައުންޓުންގެ ތިން މިލިއަން ފޮލޯވަރުން މަދުވިއިރު މަޝްހޫރު ތަރި ކައިލީ ޖެނާގެ އެކައުންޓުން ވަނީ 1.1 މިލިއަން ފޮލޯވަރުން މަދުވެފައެވެ. އަދި ކިމް ކާޑޭޝިއަންގެ އެކައުންޓުން 749،000 ފޮލޯވަރުން މަދުވިއިރު ޓޭލާ ސްވިފްޓުގެ އެކައުންޓުން 674،000 ފޮލޯވަރުން މަދުވިއެވެ.

comment ކޮމެންޓް