ޓްވިޓާގެ އެޑިޓް ބަޓަން އެންމެންނަށް ލިބޭނެ ގޮތް ހަދަނީ

މަހުޖަނު އީލޯން މަސްކް ޓްވިޓާ އަމިއްލަ ކުރުމަށް ފަހު ގެންނަ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ޓްވިޓާގެ އެޑިޓް ބަޓަން، ޓްވިޓާ ބޭނުންކުރާ ހުރިހާ އެންމެންނަށް ލިބޭ ގޮތް ހަދަން ތައްޔާރުވަމުންދާކަން އިއުލާންކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަސްކް ދަނީ ޓްވިޓާ ބްލޫ ސަބްސްކްރިޕްޝަނެއް ނެތަސް، އެޑިޓް ބަޓަން ހުރިހާ ޓްވިޓާ ޔޫޒަރުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް ތައްޔާރުވަމުންނެވެ.

ދާދި ފަހުން ޓްވިޓާގެ ސީއީއޯގެ މަގާމާ ހަވާލުވި މަސްކް ވަނީ ޓްވިޓާ ބްލޫ ސަބްސްކްރިޕްޝަން ހިދުމަތުން މަހަކު އަށް ޑޮލަރު (ގާތްގަނޑަކަށް 123 ދިވެހި ރުފިޔާ) ނަގައިގެން ޓްވިޓާގެ ޔޫޒާ ވެރިފިކޭޝަން ޕްރޮސެސް އިސްލާހު ކުރަން ރާވާފައިވާކަން އަންގާރަ ދުވަހު އިއުލާންކޮށްފައެވެ.

ޓްވިޓާގެ އެޑިޓް ފީޗާއަކީ މިވަގުތު އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއުޒީލެންޑްގެ ޓްވިޓާ ބްލޫ ސަބްސްކްރައިބަރުންނަށް ލިބޭނެ ފީޗާއެކެވެ. އެޑިޓް ޓްވީޓް ފީޗާގެ ސަބަބުން ޓްވީޓެއް ޝާއިއު ކުރިތާ 30 މިނެޓް ތެރޭގައި ޓްވީޓަކަށް ބަދަލު ގެނެވޭނެއެވެ.

ޓެކްނޮލޮޖީއާ ގުޅޭ މައުލޫމާތު ޝާއިއުކުރާ ޕަބްލިކޭޝަނެއް ކަމަށްވާ ޕްލެޓްފޯމާގެ ބާނީ އަދި އެޑިޓަރު ކޭސީ ނިއުޓަން އެންމެ ފަހުން ޕްލެޓްފޯމާގައި ލިޔުނު ޕޯސްޓެއްގައިވާ ގޮތުން ޓްވިޓާގެ ހުރިހާ ޔޫޒަރުންނަށް އިތުރު ފީއަކާ ނުލައި އެޑިޓް ބަޓަން ލިބޭނެ ގޮތް މަސްކް ހަދައިދޭނެއެވެ. މި ފީޗާ މިހާރު ލިބެނީ ޓްވިޓާ ބްލޫ ސަބްސްކްރައިބަރުންނަށް އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، އަދި ނިއުޒީލެންޑް ފަދަ ބައެއް ސަރަހައްދުތަކުގައެވެ.

ޓްވިޓާ ބޭނުންކުރާ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި، އެޑިޓް ޓްވީޓް ފީޗާ ބްލޫ ސަބްސްކްރައިބަރުންނަށް ތައާރަފް ކުރަން ފެށީ މިދިޔަ މަހުއެވެ. މި ޓޫލްގެ ސަބަބުން ޓްވީޓެއް ޕޯސްޓް ކުރުމުން 30 މިނެޓް ތެރޭގައި ފަސް ފަހަރު އެޑިޓް ކުރެވޭނެއެވެ. އެޑިޓްކޮށްފައިވާ ޓްވީޓެއް ފެންނަނީ އެ ޓްވީޓް އެޑިޓްކޮށްފައިވާކަން ހާމަވާ އިންޑިކޭޓަރު ތަކާއެކުގައެވެ. އަދި އެޑިޓްކުރި ތާރީޚާއި އޭގެ ފަހުން އައި ބަދަލުތަކާއެކު އަސްލު ޓްވީޓް ވެސް ޔޫޒަރުންނަށް ފެންނަން ހުންނާނެއެވެ.

މަސްކް ވަނީ މިދިޔަ ހަފުތާގައި ޓްވިޓާ 44 ބިލިއަން ޑޮލަރަށް ގަނެފައެވެ. ޓްވިޓާއާ ހަވާލުވި ފަހުން އޭނާ ވަނީ ކުންފުނީގެ ހިންގުމުގެ ދާއިރާއަށް ބަދަލުތަކެއް ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، ޗީފް އެގްޒެކެޓިވް ޕަރަގް އަގްރަވާލް އާއި ލީގަލް އެގްޒެކެޓިވް ވިޖާޔާ ގައްޑޭ އާއި ޗީފް ފައިނޭންޝަލް އޮފިސަރު ނެޑް ސެގަލް އަދި ޖެނެރަލް ކައުންސެލް ޝޯން އެޖެޓް މަގާމުން ދުރުކޮށްފައެވެ.

comment ކޮމެންޓް