ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން ގައުމީ ޔުނިވާސިޓީއިން ހިނގާލުމެއް ބާއްވަނީ

އެމްއެންޔޫ އެފްއެޗްޓީއެސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ފަތުރުވެރިކަމަށް ރަންޔޫބީލް ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން (އެމްއެންޔޫ)އިން ޚާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

"ޖުބިލީ ވޯކް"ގެ ނަމުގައި ބާއްވާ މި ހިނގާލުމަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ ޓޫރިޒަމް ސްޓަޑީޒާއި، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. ޖުބިލީ ވޯކް އޮންނާނީ މި މަހު 19ވަނަ ދުވަހުގެ ހަވީރު 16:00ގައެވެ.

މި ހިނގާލުމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ފެކަލްޓީގެ ޑީން ޒީނަތު ޝަފީގް ވިދާޅުވީ މި ހިނގާލުމަކީ މި ދާއިރާގެ މަސައްކަތްތެރިންނާއި ޓޫރިޒަމް ދާއިރާގެ ދަރިވަރުންނާއެކު ބާއްވާ ހިނގާލުމެއް ކަމަށެވެ.

"މި ކަހަލަ ކަމެއް ކުރިއަށް ދާނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއެކީ. އެގޮތުން އަޅުގަނޑުމެން ހަމަ މި އިވެންޓަށް އެބަ ސީކް ކުރަން ސްޕޮންސަރުން ވެސް،" ޒީނަތު ވިދާޅުވިއެވެ.

ހިނގާލުމުގައި ބައިވެރިވުމަށް މާލޭގެ 21 ސްކޫލަކަށް ދައުވަތު ދީފައިވާކަމަށް ޒީނަތު ވިދާޅުވިއެވެ. ހަމައެއާއެކު ކޮލެޖުތަކަށް ވެސް ދައުވަތު ދީފައިވާނެކަމަށް ވިދާޅުވިއެވެ.

ހަމައެއާއެެކު މީގެ ކުރިން އެ ފަކަލްޓީން ދަރިވަރުވި ކުދިން ބައިވެރިވުމަކީ ވެސް ވަރަށް ބޮޑު އެދުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޑަސްޓްރީގެ އެސޯސިއޭޝަންތަކަށް ވެސް ދައުވަތު ދިފައިވާނެކަމަށް ވިދާޅުވިއެވެ.

ޖުބިލީ ވޯކްގެ އިތުރު މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ހޮސްޕިޓާލިޓީ ފެކަލްޓީގެ ލެކްޗަރާއެއް ކަމަށްވާ ހަޝްމާ އަދްނާން ވިދާޅުވީ ހިނގާލުމުގެ ތެރެއިން މުޖުތަމައުއާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެކަމަށެވެ.

"މި ހިނގާލުން ކުރިއަށްދާއިރު ހިނގާލުމުގެ ތެރެއިން ވަރަށް ބައިވަރު ސަޕްރައިޒް އިވެންޓްސްތައް ވެސް ކުރިއަށްދާނެ. ހަމައެއާއެކު ދާއިރާގެ ތަޖުރިބާހުރި މާހިރުންގެ ކުދި ކުދި ވާހަކަފުޅުތަކެއް ވެސް މީގެ ތެރެއިން ފެނިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި ހިނގާލުމުގެ މަގްސަދުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވަޒީފާތަކާއި އެ ދާއިރާއާ ގުޅުންހުރި މައުލޫމާތު ވެސް ހިއްސާކުރުން ހިމެނޭ ކަމަށެވެ. އަދި ކިޔައިވައިދޭ ބައެއްގެ ހައިސިއްޔަތުން އެފަދަ ކަންކަން ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިލައްވާކަމަށް ވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ، ފާތުމަތު ނިރްފާ ވިދާޅުވީ އެ މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން މި އިވެންޓަށް ލިބޭނެކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާ ހަމައަށް މި ހަރަކާތުގެ މައުލޫމާތު ގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް