ލިވަޕޫލުން ނަޕޯލީ ބަލިކުރި ނަމަވެސް ނަޕޯލީއަށް އެއްވަނަ

ގޯލުޖެހުމަށްފަހު ޑާވިން ނުނޭޒް އުފާ ފާޅުކުރަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ނަޕޯލީ ބަލިކޮށްފިއެވެ.

ރޭ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލަށް އެ މެޗުން މޮޅެއް ލިބުނު ނަމަވެސް އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ގޮސްފައިވަނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ގްރޫޕް އޭގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ނިމުނުއިރު އެ ގްރޫޕްގެ އެއްވަނަ ލިބެނީ ނަޕޯލީއަށެވެ. އެ ޓީމު އެއްވަނައިގައި އޮތީ 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. ނަމަވެސް ނަޕޯލީއަށް އެއްވަނަ ލިބެނީ ހެޑް ޓު ހެޑް އުސޫލަށް ބަލާއިރު އެ ޓީމަށް އެއް ގޯލު އިތުރަށް ލިބޭތީއެވެ.

ގޯލުޖެހުމަށްފަހު ސަލަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް

ހެޑް ޓު ހެޑް އުސޫލަކީ ޕޮއިންޓުގެ ގޮތުން އެއްވަރުވާ ދެ ޓީމު ބައްދަލުކުރާ ދެ މެޗުގެ ގޯލުގެ ތަފާތަށް ބަލާ އުސޫލެކެވެ. އެ ސޫލުގެ ތެރެއިން ނަޕޯލީ ވަނީ ލިވަޕޫލް އެ ޓީމުގެ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ހަމަހަމަ ކުޅުމެއް ފެނިފައެވެ. އެގޮތުން މެޗުގައި ގޯލެއް ޖެހުމަށް ދެ ޓީމުން ކުރި މަސައްކަތަށް ނިމުމެއްއައީ މެޗުގެ 85 ވަނަ މިނެޓުގައި ލިވަޕޫލުން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހުމުންނެވެ. އެ ގޯލަކީ މުހައްމަދު ޞަލާހު ޖެހި ގޯލެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލުން އެ ޓީމުގެ ދެވަނަ ގޯލު ޖެހިއެވެ. އެ ގޯލުޖެހީ ޑާވިން ނުނޭޒްއެވެ.

comment ކޮމެންޓް