ބޮޑެތި މަޝްރޫޢުތައް ހިންގާކަށް މި ސަރުކާރަކަށް ވަގުތެއްނެތް: ރައީސް ޔާމީން

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީނު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ބޮޑެތި މަޝްރޫޢުތައް ހިންގާކަށް މި ސަރުކާރަކަށް ދެން ވަގުތެއްނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، ކުރިއަށްދެން އޮތީ ވައުދުތައް ފުއްދުންކަމަށް ސަރުކާރުން ބުނާއިރު، މި ސަރުކާރަކަށް ދެން މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމާކަށް ވަގުތެއް ނެތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަދުގެ ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރަން ކަމަށާއި، އެކަން ބަޖެޓް ހުށަހެޅި ދުވަހުވެސް ފެނިފައިވާ ކަމަށެވެ.

"ދައުލަތަށް ޓެކްސް އާއި އެނޫންވެސް ގޮތްގޮތުން މި ލިބެނީ ގާތްގަނޑަކަށް 20 ބިލިއަނެއްހާ ރުފިޔާ. ސަރުކާރުން 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިގެން މިއުޅެނީ ރައްޔިތުން ގުނބޯހައްދަން،" ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރަށް ލިބޭނޭކަމަށް ލަފާކުރި އާމްދަނީވެސް މިހާތަނަށް ލިބިފައިނުވާކަމަށާއި، ފައިސާ ހޯދުމަށް ކުރެވުނުހާވެސް ކަމަކީ ޓީބީލް ވިއްކުމާއި ފައިސާ ޗާޕުކުރުންކަމަށެވެ. އަދި ސަރުކާރަށް އާމްދަނީ ލިބޭނޭކަމަށް ބަޖެޓުގައި ކިތަންމެ ބޮޑެތި އަދަދުތަކެއް ޖެހިނަމަވެސް އެއީކީ ލިބޭނޭ އަދަދުތަކެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތަށް ބޮޑެތި އާމްދަނީ މި ލިބެނީ ޓޫރިޒަމް ސިނާއަތުން. ދެން އެ ފައިސާވެސް އެންމެ އަވަހަށްވެސް ލިބެން އަންނަނީ އަންނަ އަހަރުގެ އޭޕްރިލްމަހު. އަންނަ އަހަރުގެ ސެޕްޓެމްބަރުމަހު ރިޔާސީ އިންތިޚާބު އޮންނައިރު 42 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް މަޝްރޫޢުތައް ނިންމައި ވައުދުތައް ފުއްދައި ނިންމަން ވަގުތެއް ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ހަތަރު މަސް ދުވަހުގެ ތެރޭގައި ބޮޑެތި މަޝްރޫޢުތައް ނިމޭނޭކަމަށް ސަރުކާރުން ބުނިނަމަވެސް މިއަދު ރައްޔިތުން އެވާހަކަތައް ޤަބޫލު ނުކުރާނެކަމަށެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުގައި މި ސަރުކާރުން ފަށާފައިވާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 42.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ މިއީ އުންމީދީ ބަޖެޓަކަށް ވާނެ ކަމަށެވެ.

comment ކޮމެންޓް