ވަޓްސްއެޕްއަށް އިތުރު ފަސް ފީޗާއެއް ތައާރަފު ކުރަނީ

ވަޓްސްއެޕް

ވަޓްސްއެޕްއިން އަންނަނީ އެ ޕްލެޓްފޯމަށް ވަރަށް އަވަހަށް ތައާރަފު ކުރަން ރާވާފައިވާ އާ ފީޗާތަކެއްގެ މަސައްކަތް ކުރަމުންނެވެ. ވަޓްސްއެޕްގެ ހުރިހާ ޔޫޒަރުންނަށްމި ފީޗާތައް ތައާރަފު ކުރުމުގެ ކުރިން، މަދު ބަޔަކަށް ބޭނުން ކުރެވޭ ގޮތް ހަދައިގެން ޓެސްޓްކުރާނެއެވެ.

ކުރިއަށް އޮތް މަސްތަކުގައި އާންމުންނަށް ތައާރަފްކުރާނެ ކަމަށް ބެލެވޭ އަޕްޑޭޓްތަކުން ފާހަގަކުރެވޭ ފަސް ފީޗާއެއްގެ ތެރޭގައި:

1. އަމިއްލަ ނަފްސާ ޗެޓްކުރުން

އަމިއްލައަށް ޗެޓް ކުރެވޭނެ ފީޗާއެއް ވެސް ވަޓްސްއެޕް އިން އަންނަނީ ޓެސްޓް ކުރަމުންނެވެ. ގިނަ މީހުންނަށް ފާހަގަ ވެފައި ނެތް ނަމަވެސް މި ފީޗާ މިހާރުވެސް ކޮންމެވެސް މިންވަރަކަށް ބޭނުންކުރެވެއެވެ. އެގޮތުން ހަމައެކަނި އަމިއްލަ މީހާ ހުންނަ ގްރޫޕެއްގައި އަމިއްލައަށް ވާހަކަދެއްކޭނެއެވެ. ނަމަވެސް އަމިއްލަ މީހާ އެކަނި ހުންނަ ގުރޫޕެއް ހެދޭނީ، އިތުރު މީހަކު ހިމެނޭ ގުރޫޕެއް އުފެއްދުމަށް ފަހު އެ މީހާ ބޭރުކޮށްލައިގެންނެވެ.

ވަޓްސްއެޕުން މިހާރު ތައާރަފު ކުރަން އުޅޭ ފީޗާގައި ގުރޫޕެއް އުފައްދަން "ކްރިއޭޓް ގްރޫޕް"އަށް ފިތާލުމުން "މެސެޖް ޔުއާސެލްފް" ޚިޔާރު ކުރެވެން އަރާނެއެވެ. އެއަށް ފިތާލުމުން އަމިއްލައަށް ވާހަކަ ދެއްކޭނެއެވެ. މި ފީޗާއަކީ ނޯޓް ނެގުމަށާއި އަމިއްލަ ޚިޔާލުތައް ރައްކާކުރުމަށް ބޭނުން ކުރެވޭނެ ފީޗާއެކެވެ.

2. ކެޕްޝަންތަކާއެކު ފޮޓޯއާއި ވީޑިއޯ ފޯވާޑްކުރުން

ވަޓްސްއެޕްގައި ދައްކާ ވާހަކައެއްގެ ތެރެއިން އެހެން ކޮންވަޒޭޝަންއަކަށް ފޮޓޯ އާއި ވީޑިއޯ ފޯވާޑް ކުރާ އިރު ބައެއް ފަހަރު ކެޕްޝަންއަކާއެކު ފޯވާޑް ކުރަން ބޭނުން ވެދާނެއެވެ. ނަމަވެސް އެއީ މިވަގުތު ވަޓްސްއެޕުން ކުރެވޭ ކަމެއް ނޫނެވެ.

ވަޓްސްއެޕުން އަލަށް ތައާރަފު ކުރަން އުޅޭ ފީޗާއަކާއެކު، ކެޕްޝަންއެއް ހިމަނައިގެން ފޮޓޯއާއި ވީޑިއޯ ފޯވާޑް ކުރެވޭނެއެވެ.

3. އެވެޓާތައް

އެނިމޭޓް ކޮށްފައިވާ ކެރެކްޓާއެއްގެ ގޮތުގައި މީހުން ދައްކުވައިދޭ "މީމޯޖީ" ފީޗާ މެޓާގެ މެސެންޖާ ފަދަ އިންސްޓެންޓް މެސެޖިން އެޕްތަކުން ލިބެން ހުރެއެވެ. ވަޓްސްއެޕްއިން ވެސް މިހާރު ވަނީ އެ ފީޗާ ތައާރަފު ކުރަން ތައްޔާރުވެފައެވެ. އެގޮތުން ބައެއް ޔޫޒަރުންނަށް އެ ފީޗާ ބޭނުން ކުރެވޭ ގޮތް ހަދައިގެން މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ.

އެވެޓާސް ފީޗާ ބޭނުންކޮށްގެން އަމިއްލައަށް ޕާސަނަލް އެވެޓާއެއް އުފެއްދުމާއި، އެ އެވެޓާއަކަށް ބިނާކޮށް ސްޓިކާ ސެޓެއް ވެސް ހެދޭނެއެވެ. މި ސްޓިކާތައް ވަޓްސްއެޕުން މެސެޖު ކުރަން ބޭނުން ކުރެވޭއިރު، އަމިއްލަ އެވެޓާ ޑިސްޕްލޭ ޕިކްޗާގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ.

4. ގްރޫޕްތަކުން މީހުންގެ ޕްރޮފައިލް ފޮޓޯތައް ފެނުން

ވަޓްސްއެޕްގެ ގްރޫޕެއް ތެރޭގައި ވާހަކަދައްކާއިރު މިހާރު ހަމައެކަނި ފެންނަން ހުންނަނީ މީހާގެ ނަމެވެ. ނަމަވެސް ވަޓްސްއެޕްއިން ވަރަށް އަވަހަށް ތައާރަފް ކުރާ އަޕްޑޭޓަކަށް ފަހު، ގްރޫޕެއްގެ ތެރޭގައި ވާހަކަ ދައްކާ މީހުންގެ ޕްރޮފައިލް ފޮޓޯތައް ގްރޫޕުން ފެންނަ ގޮތް ވާނެއެވެ. މި ފީޗާ ވެސް ޓެސްޓް ކުރަމުންދާއިރު، ބީޓާ އަޕްޑޭޓްތަކުގައި ވެސް ފެނިފައިވެއެވެ.

5. ޑެސްކްޓޮޕްގައި ފޮޓޯ އާއި ވީޑިއޯ އޮޓޮމެޓިކްކޮށް ޑައުންލޯޑްވުން

މި ފީޗާގެ ސަބަބުން ފޯނުތަކާ އެއްގޮތަށް، ވަޓްސްއެޕް ވެބްގައި ހުންނަ ތަސްވީރުތަކާއި ވީޑިއޯތަކާއި އޯޑިއޯ ފައިލްތަކާއި ލިޔެކިޔުންތައް އޮޓޮމެޓިކްކޮށް ޑައުންލޯޑް ކުރެވޭނެއެވެ. މި ފީޗާ މިވަގުތު ވިންޑޯޒް އާއި މެކްއޯއެސްގައި ވެސް ދަނީ ޓެސްޓު ކުރަމުންނެވެ.

comment ކޮމެންޓް