މަޝްހޫރު ސޮފްޓްވެއާ އިންޖިނިއަރު ސްރީރާމް ކްރިޝްނަން ޓްވިޓާއަށް

ސްރީރާމް ކްރިޝްނާން -- ފޮޓޯ/ ބިޒްނަސް ޓުޑޭ

ސޮފްޓްވެއާ އުފެއްދުމުގައި މަޝްހޫރު ސްރީރާމް ކްރިޝްނާން ޓްވިޓާގެ އާ ވެރިޔާ އީލޯން މަސްކްގެ ޓީމުގައި ހިމަނައިފިއެވެ.

ޓްވިޓާގެ ކޮންޓްރޯލް ނެގުމަށްފަހު އަމިއަލައަށް 'ޓްވިޓާގެ ޗީފް'ގެ މަގާމާ ހަވާލުވެ މަސްކް ވަނީ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޓްވިޓާގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އޭނާ ގެނައި ބަދަލުތަކުގެ ތެރޭގައި މަތީ މަގާމްތަކުގައި ތިއްބެވި ޓްވިޓާގެ ވެރިން ވަޒީފާތަކުން ވަކިކޮށް އޭނާއަށް އިތުބާރުކުރެވޭ އަދި ތަޖުރިބާހުރި ބައެއް މީހުން އެ މަގާމުތަކަށް އައްޔަން ކުރުން ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާއަށް އުފަން ސްރީރާމް ކްރިޝްނާން މަސްކްގެ ޓީމުގައި ހިމަނާފައިވީ ނަމަވެސް އޭނާ އަދި ހުރީ ޓްވިޓާގެ ކަންކަމުގައި މަސްކްއަށް ޚިޔާލުތައްދޭ އެޑްވައިޒަރެއްގެ ގޮތުގައެވެ. އޭނާ ރަސްމީކޮށް ޓްވިޓާގެ ކަންކަމާ ހަވާލުވާނެ ދުވަހެއް އަދި ޔަގީންކޮށް ބުނާކަށް ނޭނގެއެވެ.

ސްރީރާމް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެހެން މޮޅެތި މީހުންނާއެކު 'ވަގުތީ ގޮތުން' ޓްވިޓާގައި މަސްކްއަށް އެހީތެރިވެދޭނެ ކަމަށެވެ.

އިންޑިއާގެ ޔުނިވާސިޓީ އޮފް އެސްއާރުއެމް އިންޖިނިއަރިން ކޮލެޖުން ކިޔަވައިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކޮށްފައިވާ ކްރިޝްނާން އުފަންވީ ޗެންނާއީއަށެވެ.

އިންޑިއާގައި ކިޔެވުން ނިންމުމަށްފަހު އެމެރިކާއަށް ބަދަލުވެ އޭގެ ދެތިން އަހަރު ފަހުން މައިކްރޮސޮފްޓްގައި ވިޝުއަލް ސްޓޫޑިއޯގެ ޕްރޮގްރާމް މެނޭޖަރެއްގެ ގޮތުގައި ކްރިޝްނާން މަސައްކަތް ފެށިއެވެ. އޭގެ ފަހުން އޭނާ ވަނީ ޕްރޮޑަކްޓް އެންޑް ސޮފްޓްވެއާ ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރުމަށް ފޭސްބުކް އަދި ސްނެޕްޗެޓް ފަދަ މަތީ ފެންވަރުގެ ބައެއް ކުންފުނިތަކާ ގުޅިފައެވެ.

ކްރިޝްނާން ފޭސްބުކް ދޫކޮށް 2016 ވަނަ އަހަރު ސްނެޕްޗެޓާ ގުޅުނީ އެ ޕްލެޓްފޯމްގެ އެޑް ޓެކް ބިލްޑް ކުރުމަށެވެ. އެއަށްފަހު 2017 ވަނަ އަހަރު ސްނެޕްޗެޓް ދޫކޮށް، ހަމަ އެ އަހަރު ޓްވިޓާއާ ގުޅިގެން ކޯ ކޮންސިއުމާ ޕްރޮޑަކްޓް ޓީމް ލީޑް ކުރި އެވެ. ނަމަވެސް 2019 ވަނަ އަހަރު އެ ވަޒީފާ ދޫކޮށްލިއިރު، އޭގެ ފަހުން އޭނާ މަސައްކަތް ކުރަމުން އައީ ސްޕޭސްއެކްސް ފަދަ ކުންފުނިތަކުގެ އެޑްވައިޒަރެއްގެ ގޮތުގައެވެ.

ކްރިޝްނާން އާއި އޭނާގެ އަންހެނުން އާރްތީ ރާމާމުރްތީ މިހާރު ޔޫޓިއުބް އަދި ކްލަބްހައުސްގައި ޕޮޑްކާސްޓެއް ކުރިއަށް ގެންދެއެވެ. އެ ޕޮޑްކާސްޓްތަކަށް ކުންފުނިތަކުގެ ސީއީއޯއިންނާއި ކުންފުނިތަކުގެ މަތީ ފެންވަރުގެ މީހުންނަށް ދައުވަތު ދެއެވެ.

ކްރިޝްނާންގެ ކެރިއަރުގެ ބޮޑު ބައެއް މިހާތަނަށް ހޭދަކޮށްފައި ވަނީ ސޯޝަލް މީޑިއާ ނުވަތަ ސޮފްޓްވެއާ އެޕްތައް އުފެއްދުމާއި އެކަންކަމާ ގުޅޭ މަސައްކަތްތަކުގައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާއަކީ މިހާރު އެފަންނުގައި ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރެކެވެ.

ކްރިޝްނާން މީގެ ކުރިން ޓްވިޓާއާއި ސްޕޭސްއެކްސްގައި މަސައްކަތް ކޮށްފައިވާތީ އޭނާއާ މަސްކްއާ ރަނގަޅު ގުޅުމެއް އޮވެދާނެ ކަމަށާއި އޭގެ ސަބަބުން، މަސްކް ޓްވިޓާއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އޭނާއަށް އެހީތެރިވެދެވޭނެ ކަމަށް ކަމާ ގުޅުން ހުރި ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް