އިންކަމް ޓެކުހާއި ބީޕީޓީ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިންކަމް ޓެކްސްގެ ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ ފަރާތްތަކުގެ ނަން މީރާއިން މިއަދު ހާމަކޮށްފިއެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ބީޕީޓީ ގެ ފައިސާ ނުދައްކައިވާ ފަރާތްތައް ވެސް މީރާއިން ވަނީ އާންމު ކޮށްފައެވެ.

މީރާއިން ބީޕީޓީގެ ފައިސާ އަދި 2020 އަދި 2021 ވަނަ އަހަރުގެ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ އިންކަމް ޓެކްސްގެ ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ ފަރާތްތަކުގެ ނަން ހާމަ ކޮށްފައިވާއިރު މީރާއިން ޝާއިއުކޮށްފައިވާ ލިސްޓުގައި ޖުމްލަ 393 ފަރާތެއްގެ ނަން ހާމަކޮށްފައިވެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ހިމަނައިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔާން ހުށަހަޅައި ފައިސާ ދައްކާ ފަރާތްތައް އެ ލިސްޓުން އުނިކުރެވޭނެ ކަމަށް ވެސް މީރާއިން ބުނެއެވެ.

އެ މުއްދަތުގައި ޓެކްސް ދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު އެއްފަހަރާ ދައްކާ ޚަލާސްކުރުމަށް އުޒުރުވެރިވާނަމަ، އިންސްޓޯލްމަންޓް ޕްލޭން ގެ ދަށުން އެ އަދަދު ބައި ބަޔަށް ބަހައިލައިގެން ދެއްކޭގޮތަށް ހަމަޖެއްސޭނެ ކަން ވެސް މީރާއިން ފާހަގަކުރެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާކަމަށް މީރާއިން ނެރެފައިވާ އިޢުލާނެއްގައި ހާމަކޮށްފައިވެއެވެ.

މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް