ޓްވިޓާގެ ވެރިފައިޑް އެކައުންޓްތަކުން މަހަކު 20 ޑޮލަރު ނަގަން ނިންމައިފި

މަހުޖަނު އީލޮން މަސްކް ޓްވިޓާގަތުމަށްފަހު ޓްވިޓާއަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަވެސް ޓްވިޓާގެ މަތީ މަޤާމްތަކުގައި ތިބި އިސްވެރިންވަނީ އެމީހުންގެ ވަޒީފާތަކުން ވަކިކޮށްފައެވެ. އެއަށްފަހު މިހާރު އަނެއްކާވެސް ޓްވިޓާގެ ދިގުތާރީޚްގައިވެސް އަދި މިހާތަނަށް ގެންނާނެ އެންމެބޮޑު ބަދަލާދިމާއަށް މަސްކް މިވަނީ މިސްރާބު ޖަހާފައެވެ.

އަލަށް ގެންނަ އިތުރު އެހެން ބަދަލެއްގެ ގޮތުގައި ޓްވިޓާއިން މިހާރު ޔޫޒަރުންނަށް ދޫކޮށްފައިވާ މަހަކު 4.99 ޑޮލަރުގެ އިޚްތިޔާރީ، ސަބްސްކްރިޕްޝަން ކަމަށްވާ "ޓްވިޓާ ބްލޫ" ބަދަލުކޮށް، ޔޫޒަރުން ވެސް ޔަގީންކުރާ އަގުބޮޑު ސަބްސްކްރިޕްޝަނަކަށް ބަދަލުކުރާނެކަން މަސްކްވަނީ އިއުލާންކޮށްފައެވެ. އެގޮތުން ޓްވިޓާ ބްލޫ ސަބްސްކްރިޕްޝަން 19.99 ޑޮލަރަށް އަގުބޮޑު ކުރުމަށްވަނީ ނިންމާފައެވެ. މި ޕްލޭންގެ ދަށުން މިހާރު ތިބި ވެރިފައިޑް ޔޫޒަރުންނަށް ބްލޫ ޗެކްމާކް ގެއްލޭނެއެވެ. އަދި އަލުން ވެރިފައި ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

ޓްވިޓާގައި މަސައްކަތްކުރާ މަސްކުގެ މުވައްޒަފުންނަށް މިކަމާގުޅޭގޮތުން އާދީއްތަ ދުވަހު އަންގާފައި ވަނީ މި ފީޗާ ލޯންޗު ކުރުމަށް އޮތް ސުންގަޑިއަކީ ނޮވެމްބަރު ހަތް ވަނަ ދުވަސްކަމުގައެވެ. އެގޮތަށް އެކަން ނުކޮށްފިނަމަ އެކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރުވެސް މަސްކް ވަނީ ދީފައެވެ.

ޓްވިޓާ އިން އެކައުންޓްތައް ވެރިފައިކޮށް ބޮޓްތައް ބެލެހެއްޓޭ ގޮތް ރީވެމް ކުރަން ބޭނުންވާކަން ޓްވިޓާ ގަތުމުގެ ކުރިންވެސް މަސްކު ވަނީ ސާފުކޮށް ބުނެފައެވެ. ހުކުރު ދުވަހު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "މުޅި ވެރިފިކޭޝަން ޕްރޮސެސް މިވަގުތު ދަނީ ރީވެމް ކުރަމުން" ކަމަށެވެ.

މަސްކް އަށް ޓްވިޓާ ލިބުނުތާ އެންމެ ތިން ދުވަސް ތެރޭގައި ވެސް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާސްކް ވަނީ ފުރަތަމަ ލޮގް އައުޓް ކޮށްފައިވާ ޔޫޒަރުންނަށް ޓްވިޓާގެ ހޯމްޕޭޖްވެސް މިހާރުބަދަލުކޮށްފައެވެ.

އެޑްވައިޒަރުންގެ ގޮތުގައި ޓްވިޓާއަށް ގެނައި ޓެސްލާގެ އިންޖިނިއަރުންގެ އެހީތެރިކަމާއެކު، ޓްވިޓާގެ ކަންކަން ބައްޓަން ކުރަމުން ދާއިރު މަސްކުގެ ސިޔާސަތަށް އެއްބާރުލުން ނުދޭ ޓްވިޓާގެ މީޑިއަލް މެނޭޖަރުންނާއި އިންޖިނިއަރުންނަށް އަމާޒުކޮށްގެން ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަން ވެސް އޭނާ ރާވަމުންދާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ޓްވިޓާގެ މަޤާމުތަކުން އިތުރަށް ވަކިކުރަން ޖެހޭ ފަރާތްތައް ވަކިކުރުމުގެ މަސައްކަތް މި ހަފުތާގައި ފެށޭނެ ކަމަށް ބެލެވޭއިރު، ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފުންގެ ލިސްޓްތައް މިހާރުގެ މެނޭޖަރުން ދަނީ އެކުލަވާލަމުންނެވެ. ބުރާސްފަތި ދުވަހުގެ ހަވީރު ޓްވިޓާގެ ކޮންޓްރޯލް މާސްކްގެ ހޯއްދެވި ފަހުން އޭނާގެ ޓްވިޓާ ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މުވައްޒަފުން ގެންދަނީ ރޭގަނޑު ދަންވަރާއި، ހަފުތާ ބަންދުގައި ވެސް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް