އެންޑްރޮއިޑް ފޯނުތަކަށް ގޯސް އެޕްތަކެއްގެ އިންޒާރު، އަވަހަށް ޑިލީޓްކުރޭ!

ގޫގުލް ޕްލޭސްޓޯރުން 20 މިލިއަނަށް ވުރެ ގިނަ މީހުން ޑައުންލޯޑްކޮށްފައިވާ 16 އެޕެއްގެ ނުރައްކަލާ ބެހޭ ގޮތުން، އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުންނަށް އިންޒާރެއް ދީފިއެވެ.

ކޮމްޕިއުޓާ ސެކިއުރިޓީ ސޮފްޓްވެއާ އުފެއްދުމުގައި ކުރިއަރާފައިވާ އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މެކާފީގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އެ 16 އެޕް ފާހަގަކޮށްފައި ވަނީ ސައިބާ ސެކިއުރިޓީ ދިރާސާވެރިންނެވެ.

އެ އެޕްލިކޭޝަންތަކާ ގުޅޭ ގޮތުން ދިރާސާވެރިންނާ ހަވާލާދީ މެކާފީގެ ޕޯސްޓްގައި ބުނެފައިވަނީ އެ އެޕްތައް ބޭނުން ނުކުރި ނަމަވެސް، ފޯނުގެ ބެކްގްރައުންޑުގައި އެފަދަ އެޕްތައް ހިނގަމުންދާ ކަމަށާއި އޭގެ ތެރެއިން އިޝްތިހާރުތަކަށް ކްލިކް ކުރަމުންދާނެ ކަމަށެވެ.

ދިރާސާވެރިން ފާހަގަ ކޮށްފައިވާ ގޮތުގައި މި މައްސަލައަކީ އެހެން ބާވަތްތަކުގެ މެލްވެއާއާ އެއްވަރަށް ނުރައްކާތެރި މައްސަލައެއް ނޫން ނަމަވެސް، އެ އެޕްތަކުގެ ސަބަބުން ފޯނުގެ ޕާފޯމަންސަށް ވަރަށް ބޮޑަށް އަސަރު ފޯރާފާނެއެވެ. އަދި މިއެޕްތަކުގައި ހުޅުވޭ އިޝްތިހާރުތަކުގެ ސަބަބުން އެ އެޕްތަކުގެ ކްރިއޭޓަރުން ބޮޑު އާމްދަނީއެއް ލިބެމުންދާކަން ވެސް އެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.

މެކާފީއިން ފާހަގަކޮށްފައިވާ އެޕްތަކަކީ:

1. ބުސަންބަސް (com.kmshack.BusanBus)
2. ކަރެންސީ ކޮންވާޓާ (com.smartwho.SmartCurrencyConverter)
3. އެޒްޑިކާ (ކޮމް.ޖޮއިސޮފްޓް.އެޒްޑިކާ)
4. އެޒްނޯޓްސް (com.meek.tingboard)
5. ފްލެޝްލައިޓް+ (com.candlencom.candleprotest)
6. ފްލެޝްލައިޓް+ (com.dev.imagevoult)
7. ފްލެޝްލައިޓް+ (kr.caramel.flash_plus)
8. ހައި ސްޕީޑް ކެމެރާ (com.hantor.CozyCamera)
9. އިންސްޓަގްރާމް ޕްރޮފައިލް ޑައުންލޯޑާ (com.schedulezero.instapp)
10. ޖޮއިކޯޑް (com.joysoft.barcode)
11. ކޭ-ޑިކްޝަނަރީ (com.joysoft.wordBook)
12. ކުއިކް ނޯޓް (com.movinapp.quicknote)
13. ސްމާޓް ޓާސްކް މެނޭޖާ (com.james.SmartTaskManager)

މީގެ އިތުރުން ދެކުނު ކޮރެއާ ބަހުން ނަން ޖަހާފައި ހުންނަ އިތުރު ތިން އެޕަކުން ވެސް އެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށް މެކާފީގެ ޕޯސްޓުގައިވެއެވެ.

މި އެޕްތަކުގެ ނުރައްކާ ބޮޑުވެފައިވާކަން ގޫގުލްއަށްވެސް ފާހަގަވެފައިވާތީ ގޫގުލް ޕްލޭ ސްޓޯރުން އެ އެޕްތައް ވަނީ ނަގާފައެވެ. ނަމަވެސް އަދިވެސް ބައެއް ފޯނުތަަކުގައި އެ އެޕްތައް އިންސްޓޯލްކޮށްފައި ހުރެދާނެތީ، އެ އެޕްތައް ވަގުތުން ޑިލީޓް ކުރުމަށް ދިރާސާވެރިން ލަފާދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު