ގިރޯނާއިން ރެއާލް މޮޅުވިޔަ ނުދީ ހިފެހެއްޓި މެޗުގައި ކްރޫސްއަށް ފުރަތަމަ ރަތް ކާޑު

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ގިރޯނާއާ އެއްވަރު ވެއްޖެއެވެ.

ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ގިރޯނާއާ ދެކޮޅަށް ކުޅުނު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނު އެ މެޗުގެ 20 ވަނަ މިނެޓުގައި ގިރޯނާއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން ވަލެރީ ފަނާންޑޭޒް އޭރިއާތެރެއިން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ރޮޑްރިގޯ ޖިރޯނާ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ގިރޯނާގެ ވަލެރީ ހުސްކޮށް އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އެ ނަތީޖާއިން މެޗު ނިމުނު ނަމަވެސް ދެވަނަ ހާފުގައި ރެއާލް އިން ވަނީ ގޯލެއް ޖަހައި ލިޑު ނަގައިފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި ފެޑްރީކޯ ވަލްވާޑޭ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އެ ގޯލު ޖެހީ ވިނީޝިއަސް ޖޫނިއާއެވެ.

ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް

ނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި ކްރިސްޓިއަން ސްޓުއަނީ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ރެއާލްގެ ޕެނެލްޓީ އޭރިއާތެރެއިން މާކޯ އެސެންސިއޯ އަތުގައި ބޯޅަ ޖެހުމުން ޖިރޯނާއަށް ލިބުނު ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ރެއާލްއިން ގޯލެއްޖަހައި މެޗުން މޮޅުވުމުގެ އުންމީދު އާކުރިއެވެ. މާރިއާނޯ ޑިއާޒްގެ އެހީތެރިކަމާއެކު ރޮޑްރިގޯ އެ ބޯޅަ ފުރަތަމަ ފަހަރަށް ފޮނުވާލިއިރު އެ ޖިރޯނާގެ ކީޕަރު އެ ބޯޅަ ހިފެހެއްޓިއެވެ. ރެފްރީ ވީއޭއާރު ބެލުމަށްފަހު ނިންމީ ދެވަނަ ފަހަރު ރޮޑްރިގޯ އެ ބޯޅަ ފޮނުވާލީ ކީޕަރު އެ ބޯޅަ ހިފަހައްޓާފައިވަނިކޮށްކަމަށެވެ. އެހެންކަމުން އެ ގޯލު ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ރެއާލްގެ މެދުތެރެއަށް ކުޅެމުންއަންނަ މިޑްފީލްޑަރު ޓޯނީ ކްރޫސްއަށް ވަނީ އޭނާގެ ކެރިއަރުގައި ފުރަތަމަ ރަތްކާޑު ދައްކާފައެވެ. އުމުރުން 32 އަހަރުގެ ކްރޫސްގެ ކެރިއަރުގައި ރޭ ކުޅެފައިވަނީ 776 ވަނަ މެޗެވެ.

އެ މެޗުން މޮޅުނުވެވުނު ކަމުގައިވިޔަސް ރެއާލް އަދިވެސް އޮތީ ލަލީގާ ތާވަލުގެ އެއްވަނައިގައެވެ. ރެއާލް އެއްވަނައިގައި އޮތީ 32 ޕޮއިންޓާއެކުވެ. ތާވަލުގެ ދެވަނައިގައި ބާސެލޯނާ އޮތީ 31 ޕޮއިންޓާއެކުއެވެ. ޖިރޯނާ ތާވަލުގެ 16 ވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް