އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 168 މިލިއަން ރުފިޔާ ލިބިއްޖެ

އެސްޓީއޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 168 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިން ނެރެފައިވާ އެ ކުންފުނީގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.6 ބިލިއަން ރުފިޔާ ލިބިފައެވެ.

މި ކުއާޓަރުގެ ޖުމްލަ ފައިދާގެ ގޮތުގައި 515 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެސްޓީއޯއިން ބުނީ ތިން ވަނަ ކުއާޓަރުގައި އާމްދަނީ ރަނގަޅުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ކުރަމުން ގެންދާ ހުރިހާ ވިޔަފާރީތައް ރަނގަޅު ކުރެވި މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރެވިފައިވުން ކަމަށެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 255 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި އެކު ހިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވިފައިވުމެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވުމާއިއެކު ބޭރުފައިސާ ހޯދުމަށް ކުރަންޖެހުނު ހަރަދު އިތުރުވެފައި ވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވުމާއި އެކު ސާފު ފައިދާ އިތުރުވެފައިވާ ކަމަށެވެ.

އެސްޓީއޯގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާރގެ ސާފު ފައިދާއަކީ 205 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބުނު އިރު، 8 އިންސައްތައިގެ ކުރިއެރުމަކާއިއެކު މިކުއާޓަރގައި ސާފް ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 168 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހިއްސާދާރުންނަށް އެންމެ ރަނގަޅު އަދަދަކުން ހިއްސާގެ ފައިދާ ބަހާ އެއް ކުންފުންޏެވެ. އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހާފައެވެ.

comment ކޮމެންޓް