މޯލްޑިވްސް ޓެނިސް ޗެލެންޖް އަންނަ މަހު 15ގައި ފަށަނީ

މޯލްޑިވްސް ޓެނިސް ޗެލެންޖް އިފްތިތާހްކުރުމުގެ ތެރެއިން-- ސަން ފޮޓޯ/މުހައްމަދު ނާއިލް ހުސައިން

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ޓެނިސް މުބާރާތް " މޯލްޑިވްސް ޓެނިސް ޗެލެންޖް" އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޓެނިސް ޗެލެންޖް އިފްތިތާހުކުރުމުގެ ގޮތުން މިއަދު ޓެނިސް ކޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވީ، ރާއްޖޭގައި ބައިނަލްއަޤްވާމީ ޓެނިސް މުބާރާތެއް ބޭއްވިގެން ދިއުމަކީ ރާއްޖޭގެ ޓެނިހަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނޭ ކަމެއް ކަމަށެވެ.

އަދި މިއީ ރާއްޖޭގެ ޓެނިސް ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ލިބިގެންދާނޭ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނޭކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ.

"މިފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ހަމަ ގައިމު ވެސް ޔޫތް މިނިސްޓްރީން ދެވެން އޮތް އެއްބާރުލުމެއް ދޭނަން. އަންނަ މަހުގެ 15 ވަނަ ދުވަހު ބައިނަލްއަޤްވާމީ ޓެނިސް މުބާރާތެއް ފެށިގެންދާއިރު، މިއީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ މިފަދަ އަށް ވަނަ މުބާރާތް،" މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް ޓެނިސް ޗެލެންޖް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ސަން ފޮޓޯ/މުހައްމަދު ނާއިލް ހުސައިން

މިނިސްޓަރު ވިދާޅުވީ، އުއްމީދަކީ އަންނަ އަހަރު ވެސް ބައިނަލްއަޤްވާމީ މިފަދަ އިތުރު މުބާރާތްތައް ބޭއްވުން ކަމަށާއި، މުބާރާތްތައް ބޭއްވުމަށް ޔޫތް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނޭ ކަމަށެވެ.

މޯލްޑިވްސް ޓެނިސް ޗެލެންޖް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނޮވެމްބަރު މަހުގެ 15 އިން 21 ގެ ނިޔަލަށް ޓެނިސްކޯޓުގައެވެ. މި މުބާރާތުގައި ހަ ޤައުމަކުން ވާދަކުރާއިރު، ޖުމްލަ 50 ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ އިތުރުން ސްރީލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިއާއެވެ.

މި ފަހަރުގެ މުބާރާތުގައި ތައިލެންޑުން ވާދަކުރާނީ އެ ޤައުމުގެ 14 އަހަރުން ދަށުގެ އެއް ވަނަ އަދި ދެވަނަ ޓެނިސް ކުޅުންތެރިޔާއެވެ. ރާއްޖެއިން މުބާރާތުގެ 12 އަހަރުން ދަށުގެ އިވެންޓުގައި ވާދަކުރާނީ ނަބާ ނިހާނެވެ. އަދި 14 އަހަރުން ދަށުގެ އިވެންޓުގައި ވާދަކުރާނީ އުއްމީދީ ޓެނިސް ތަރި އާރާ އާސާލް އާޒިމެވެ.

މުބާރާތުގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި ޖޫނިއާ އޯޕަންއެވެ. މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ، 10،800 އެމެރިކާ ޑޮލަރު ނުވަތަ 166،536 ރުފިޔާއެވެ.

comment ކޮމެންޓް