އަރުޝަދު ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރު ބާތިލް ކޮށްފި

އަރުޝަދު ޚާލިދު މީގެ ކުރިން ސުޕްރީމް ކޯޓުގައި: ސުޕްރީމް ކޯޓުން ދެ މައްސަލަ ވެސް ނިންމާފައިވަނީ އަރުޝަދުއާ އެއްކޮޅަށް ----

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރު ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ދެހާސް ވިހި ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަރުޝަދު ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު އޭނާ އޭރު މިނިވަންވިއެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އޭގެ ފަހުން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި އޭނާ ހައްޔަރުކުރަން ބެލިއިރު ހުރީ ދުބާއީގައެވެ. އަދި ފަހުން ލަންކާގައި ހުއްޓާ، އޭނާ ބަންދުގައި ބަހައްޓައިގެން ހައި ކޯޓަށް ހާޒިރުކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުލުހުން އަރުޝަދު ހައްޔަރު ކުރި ނަމަވެސް، އޭނާ ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ދޫކޮށްލިއެވެ. އަދި އޭނާ ހައި ކޯޓަށް ހާޒިރުވެފައިވަނީ އަމިއްލައަކަށެވެ. އެހެންކަމުން ހައި ކޯޓުން ނިންމީ އޭނާ އަކީ ބަންދުގައި ބަހައްޓައިިގެން ހާޒިރު ކުރި މީހަކަށް ނުވާތީ ދޫކޮށްލުމަށެވެ.

ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރު އަރުޝަދުގެ ފަރާތުން އިސްތިއުނާފް ކުރިއެވެ. ހައި ކޯޓުން އޭނާ ބަންދު ނުކޮށް ދޫކޮށްލި މައްސަލަ ދައުލަތުން ވެސް އިސްތިއުނާފް ކުރިއެވެ.

އެ ދެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އަރުޝަދުއާ އެއްކޮޅަށެވެ. ފުރަތަމަ މައްސަލައިގައި ތިން ފަނޑިޔާރުން އިއްތިފާގު ވެފައިވަނީ, އަރުޝަދު ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރު ބާތިލް ކަމަށެވެ. އަދި ދައުލަތުން އިސްތިއުނާފް ކުރި މައްސަލައިގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ވަނީ އިއްތިފާގުވެފައެވެ.

ދެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒްއެވެ.

އަރުޝަދު މާލެ އައި ފަހުން ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް މުއްދަތު އިތުރުކުރުމަށް ކޯޓަށް ނުގެންގޮސް ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ. ހައި ކޯޓުން ވަނީ އަރުޝަދުގެ ޕާސްޕޯޓް ހިފަހައްޓާފައެވެ. އަދި މާލެ އިން ބޭރަށް ދެވޭނީ ކޯޓުގެ ހުއްދައާ އެކު ކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް