ޔޫކްރެއިންގެ ގޮވާން ދުނިޔޭގެ ގައުމުތަކަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމުން ރަޝިއާ ވަކިވެއްޖެ

ޔުކްރެއިންގެ ގޮވާން

މޮސްކޯ (30 އޮކްޓޯބަރު 2022): ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ގައުމުތަކަށް އެކްސްޕޯޓު ކުރުމާބެހޭގޮތުން އަމަލުކުރަމުން ގެންދާ އެއްބަސްވުމުން ވަކިވެއްޖެކަން ރަޝިޔާ ހާމަކޮށްފިއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޫވާ ވިދާޅުވިގޮތުގައި މި އެއްބަސްވުމުން ވަކިވުމަށް ރަޝިއާ ނިންމީ ކަޅުކަނޑުގައި އޮންނަ ރަޝިއާގެ ކަނޑުގެ ފްލީޓަށް އިނގިރޭސިވިލާތުގެ އެހީތެރިކަމާއެކު ޔުކްރެއިނުން އިއްޔެ ދިން ހަމަލާތަކާ ގުޅިގެންނެވެ. މިހަމަލާތައް ދިނުމަށް ޔުކްރެއިންއަށް ހިތްވަރުދީ އެކަމަށް އަމަލީގޮތުން އެހީތެރިވީ އިނގިރޭސިވިލާތް ކަމަށް ރަޝިއާގެ އަސްކަރިއްޔާއިން ވެސް ވަނީ ތުހުމަތުކޮށްފައެވެ.

ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ގައުމުތަކަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމަކީ އދ. އާއި ތުރުކީން ރަޝިއާއެކު ދިގު މަޝްވަރާތަކެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެދެފަރާތުގެ ބެލުމުގެ ދަށުން ޔުކްރެއިން އާއެކު މިދިޔަ ޖުލައިމަހުގެ 22 ވަނަދުވަހު ރަޝިއާއިން ސޮއިކުރި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ރަޝިއާ ވަނީ ކަޅު ކަނޑުގައިވާ ޔުކްރެއިންގެ އޮޑެއްސާ ބަނދަރު ބޭނުންކޮށްގެން އެގައުމުގެ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދީފައެވެ. ނަތީޖާއެއްގެ ގޮތުން ގޮވާމުގެ ބާވަތްތަކުގެ އަގުތައް ދުނިޔޭގެ ބާޒާރުތަކުގައިވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން ހެޔޮވެފައެވެ.

މިއެއްބަސްވުމުގެ ދަށުން ރަޝިޔާގައި އުފައްދާ ގޮވާމުގެ ބާވަތްތަކާއި ރަޝިއާގެ ގަސްކާނާ އެކްސްޕޯޓު ކުރުމުގެ ފުރުސަތުވެސް ދޭންޖެހެއެވެ. ނަމަވެސް މިހާތަނަށްވެސް މިފުރުސަތު ނުލިބޭކަމަށް ރަޝިއާ ބުނެއެވެ.

ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތުދޭ އެއްބަސްވުމުގެ ދަށުން ފާއިތުވި ތިން މަސްތެރޭގައި ނުވަ މިލިޔަން ޓަނުގެ ގޮވާމުގެ ތަކެތި ވަނީ ކަޅުކަނޑު ހުރަސްކޮށް ތުރުކީ މަގުން ދުނިޔޭގެ ގައުމުތަކަށް އެކްސްޕޯޓް ކޮށްފައެވެ. ނަމަވެސް ޔުކްރެއިންގެ ގޮވާމުގެ މިބާވަތްތައް ފަގީރު ގައުތަކުގެ ބާޒާރުތަކަށް ދިޔުމުގެ ބަދަލުގައި އެތަކެތި ގިނައިން ގެންގޮސްފައިވަނީ ޔޫރަޕްގެ ގައުމުތަކަށް ކަމުގެ ޝަކުވާ ރަޝިއާ ކުރަމުން ގެންދެއެވެ.

ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް ބޭރުގެ ކުރުުމުގެ މަސައްކަތް ކުރަނީ

ގޮވާން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހު ހަމަވާން ގާތްވެފައި ވަނިކޮށް މިއެއްބަސްވުމުން ވަކިވިކަން ރަޝިއާ އިއްޔެ އިއުލާނު ކުރުމުން ޔުކްރެއިން އާއި އެގައުމަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ވަނީ ވަރަށް ބޮޑަށް ރުޅިއައިސް ރަޝިއާ ކުށްވެރިކޮށްފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން، ރަޝިއާގެ މިނިންމުން ސިފަކުރައްވާފައިވަނީ އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތް އަމަލެއްގެ ގޮތުގައެވެ.

ރަޝިއާ ބުނާގޮތުން ޔުކްރެއިންގެ ގޮވާމުގެ ތަކެތި އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދޭ އެއްބަސްވުމުން ވަކިވާންޖެހުނީ ޔުކްރެއިން އާއި ޔުކްރެއިން ހަނގުރާމައަށް ދަރުއަޅަމުންދާ ގައުމެއްކަމަށްވާ އިނގިރޭސިވިލާތުގެ ހަރުކަށި އަމަލުތަކުގެ ސަބަބުންނެވެ. ކަޅުކަނޑުގައިވާ ރަޝިއާގެ ކަނޑުގެ ފްލީޓަށް ހަމަލާ ދިނުމަށް އިނގިރޭސިވިލާތުން ޔުކްރެއިންއަށް އެހީތެރިވެދީ ހިތްވަރުދެމުން ގެންދާކަމަށާއި ރަޝިއާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދިނުމަށް ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ނޯޑް ސްޓްރީމްގެ ދެ ހޮޅި ގޮއްވާލުމުގެ ޖަރީމާ ހިންގުމުގެ ފަހަތުގައިވަނީވެސް އިނގިރޭސިވިލާތް ކަމަށް ރަޝިއާގެ ދިފާއި ވުޒާރާއިން ތުހުމަތު ކުރެއެވެ.

ނަމަވެސް ޔުކްރެއިންގެ ޚާރިޖީ ވަޒީރު ޑިމިޓްރީ ކޮލީބާ ވިދާޅުވިގޮތުގައި ރަޝިއާގެ މިވާހަކަތަކަކީ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ނުކުރަންވެގެން ދެއްކި ބަހަނާ ތަކެކެވެ. އދ. ވެސްވަނީ މިމައްސަލާގައި ކަންބޮޑުވާކަން ހާމަކޮށްފައެވެ.

އދ.ގެ ތަރުޖަމާނަކު ވިދާޅުވިގޮތުގައި ރަޝިއާގެ ނިންމުމާއެކު ޔުކްރެއިންގެ ގޮވާން އެކްސްޕޯޓް ކުރުން ހުއްޓުމަކަށް އައިސްފިނަމަ ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ ބާވަތްތަކުގެ އަގު އަނެއްކާވެސް އިންތިހާއަށް އުފުލިގެން ދާނެއެވެ. ޔުކްރެއިންގެ ގޮވާމުގެ ބާވްތައް އެކްސްޕޯޓް ކުރެވުމަކީ ދުނިޔޭގެ އެތައް ގައުމެއްގައި ދިރިއުޅޭ އެތައް މިލިޔަން ބަޔަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ލިބި ހެޔޮ އަގުގައި ގޮވާމުގެ ބާވަތްތައް ބާޒާރުތަކަށް ފަހިވާކަމެކެވެ. އެކަން ނުކުރެވިއްޖެނަމަ އިންސާނީ ކާރިސާއަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަން އދ. ގެ ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ޔޫކްރެއިން އާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު ޔޫކްރެއިނުގެ ގޮވާން އެކްސްޕޯޓު ކުރުން ހުއްޓުމަކަށް އައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުތަކުގައި ގޮވާމުގެ ބާވަތްތަކުގެ އަގުތައް އިންތިހާއަށް މައްޗަށް ދިޔައެވެ. އަދި ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހިދާނެކަމުގެ ބިރުވެސް ހީވިއެވެ.

މިކަން ހައްލުކުރުމަށްޓަކައި އދ.އިން އިސްނަގައިގެން ތުރުކީގެ އެހީއާއެކު ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރަޝިއާއާއި ޔުކްރެއިން އާއި އދ. އާއި ތުރުކީވަނީ ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް ކަޅުކަނޑުގެ މަގުން ދުނިޔޭގެ ބާޒާރަށް ނެރުމުގެ މަސައްކަތް ފަށާފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުތަކުގައި ގޮވާމުގެ ބާވަތްތަކުގެ އަގު ވަނީ ދަށަށްގޮސްފައެވެ.

comment ކޮމެންޓް