ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އިނގިރޭސިވިލާތަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ރަސްމީ ދަތުރުފުޅެއްގައި މިއަދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް މިއަދު ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޝާހިދުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ފަސް ދުވަހުގެ މި ދަތުރުފުޅުގައި ޖިންސީ އަނިޔާތައް ހުއްޓުވުމަށް އިނގިރޭސި ބޮޑުވަޒީރު ކަނޑައަޅުއްވާފައިވާ މަންދޫބުގެ އިތުރުން މިނިސްޓާ ފޯ އޭޝިޔާ, އެނާޖީ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމެންޓް ލޯޑް ގޯލްޑް ސްމިތާ، ޝާހިދު ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެބޭފުޅުންގެ އިތުރުން މެދު އިރުމައްޗާއި ދެކުނު އޭޝިއާގެ ކަންކަން ބެލުމަށް ކަނޑައަޅާފައި ހުންނަވާ އެންމެ އިސް މަންދޫބާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ވެސް ޝާހިދު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރުފުޅުގައި އޮކްސްފޯޑް ޔޫނިއަން ސޮސައިޓީގައި "ފިއުޗާ އޮފް މަލްޓިލަޓްރެލިޒަމް"އާ ބެހޭގޮތުން ތަގުރީރު ކުރައްވާނެ ކަމަށެވެ.

ޝާހިދުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް