ވަޒީފާގައި ސްޓްރެސް ކުޑަކޮށްލަން ހިނގާ؟

ޒިންމާއަކީ ސްޓްރެސް ބޮޑު ކަމެކެވެ. ވަޒީފާގެ ޒިންމާތަކާއި ގޭތެރޭގެ ޒިންމާތަކާއި އަދި މަތީ ތައުލީމު ހާސިލުކުރާ އިރު ކިޔެވުމުގެ ޒިންމާއަކީ ވެސް އަހަރެމެން ސްޓްރެސްކޮށްލާ ކަމެކެވެ .އަދި ވަކިން ޚާއްސަކޮށް މި ތިން ޒިންމާ އެއްފަހަރާ އުފުލަމުންދާ ޒުވާނުން މަދެއް ނުވާނެއެވެ. ތިޔައީ ހަމަ ފަހުލަވާނުންނެވެ. ސާބަހެވެ!

ނިޒާމު އޮތް ގޮތުން މިއީ މިވަގުތަށް ތަހަންމަލުކުރަން ޖެހިފައިވާ ކަންކަމެވެ. އަހަރެމެންނަށް އޮންނާނީ މިކަންކަމާ ކުރިމަތިލާނޭ ގޮތް ދަސްކުރުމެވެ.

މި ހިނގާ 2022 ވަނަ އަހަރާ އެލައިޑް އިންޝުއަރަންސުން ކުރިމަތިލައިގެން މި އުޅެނީ ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއަޅާ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށެވެ. "ވެލްނެސް ވިތު އެލައިޑް"ގެ ޝިއާރާއެކުއެވެ. އެހެންކަމުން، މިފަހަރު އެލައިޑްގެ ފަރާތުން މި ކިޔައިދެނީ ވަޒީފާގެ ސްޓްރެސްފުލް މާހައުލުގައި ރިލެކްސްވުމަށާއި ފޯކަސްކުރުމަށް ޓިޕްސްކޮޅެކެވެ.

ވޯކް ސްޓޭޝަންގައި "ހޯމްލީ ފީލްސް"

ވަޒީފާ ނިންމާލުމަށް ފަހު ގެއަށް ވަދެވޭ ވަގުތުކޮޅަކީ ވަރަށް ވެސް ހިތްހަމަޖެހޭ ވަގުތުކޮޅަކަށް ވާނެކަން ޔަގީނެވެ. ގޭތެރެއިން ލިބޭ އެ "ޕޮޒިޓިވް އެނާޖީ" އޮފީހަށް ވެސް ގެންގޮސް ތިމާގެ މަސައްކަތުގެ މާހައުލުގައި ގެންގުޅެލުމަކީ އޮފީހުގައި ރިލެކްސް ވެލާ ހިތްހަމަޖެހިގެން މަސައްކަތް ކޮށްލުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

މިސާލަކަށް, ތިމާގެ އާއިލާ މެމްބަރުންގެ ފޮޓޯ ޖެހި ފްރޭމެއް ނުވަތަ ލޯބިވާ އެހެން މީހަކު ހަދިޔާއަކަށް ދިން ކުޑަކުޑަ އެއްޗެއް ތިމާގެ އޮފީސް މޭޒުގައި ބަހައްޓާލުމަކީ ކުރެވިދާނެ ކަމެކެވެ. ތިމާގެ ވޯކްސްޓޭޝަން އަކީ ތިމާގެ ސަރަހައްދެވެ. އެތަންކޮޅަށް ތިމާ ހިތްހަމަޖައްސައިދޭނެ ގޮތަކަށް "ޕަރސަނަލައިޒް" ކޮށްލުމަކީ ސްޓްރެސް ފިލުވާލާ "ޕޮޒިޓިވް އެނާޖީ" އުފައްދައިދޭނެ ކަމެކެވެ.

ގެއިން އޮފީހަށް ލަންޗް ގެންދިއުން

އަނެއްކާ ވެސް ގެއާ ގުޅިފައިވާ ކަމެކެވެ—ކޮންމެ ދުވަހަކު އޮފީހުގައި އުޅެމުން ގެއަށް ލަންޗަށް ގެއަށް ދިއުމަކީ ދަތި ކަމަކަށް ވެދާނެއެވެ. އޭގެ ބަދަލަށް، އޮފީހާ ކައިރީގައި ހުންނަ ރެސްޓޯރަންޓަށް ލަންޗް ހަމަޖައްސާލަން ދިއުން ވެސް މާ ފަސޭހަ ވެދާނެއެވެ. އެކަމަކު މިކަން ވާނީ ދިގު މުއްދަތުގައި ހަރަދު ބޮޑު ކަމަކަށެވެ. ހަރަދު ބޮޑުވުމަކީ ހަމަ ޔަގީނުން ވެސް ސްޓްރެސް އިތުރުކޮށްލާނެ ކަމަކަށް ވާނެއެވެ.

މިކަމުގެ ހައްލެއްގެ ގޮތުގައި، ގެއިން އޮފީހަށް ދާ އިރު މެންދުރުގެ ލަންޗް ޕެކް ކޮށްގެން ގެންދިއުމަކީ ވަރަށް އެދެވިގެން ވާނެ ކަމެކެވެ. ހަމަ ގައިމުވެސް ހަރަދުތައް ލުއިވެގެން ދާނެއެވެ. ލަންޗަށް ބޭރަށް ދާ އިރު މެނޫގައި ހުންނަ "ޖަންކް" ފުޑްސް ކެވޭލެއް ވެސް މަދުވާނެއެވެ—އޭގެ ބަދަލުގައި ލިބޭނީ ގޭގައި ކައްކާ, ސިއްހަތަށް ފައިދާހުރި ކާނާއެވެ. އާއިލާގެ މެމްބަރުން ނުވަތަ ތިމާ އަމިއްލައަށް ގޭގައި ކައްކާ އެއްޗެހިން ހިތްހަމަޖެހުން ލިބޭނެއެވެ. އަދި އެ ހިތްހަމަޖެހުމަކީ ދުވަހުގެ ބާކީ އޮތް ދެތިން ގަޑިއިރު އޮފީހުގައި މަސައްކަތް ކޮށްލުމަށް ހިތްވަރަކަށް ވެސް ވެގެން ދާނެކަން ޔަގީނެވެ.

ރޫޓީންސް ވަރަށް މުހިންމު

ކޮންމެ ކަމެއް ކުރުމުގައި ވެސް އުސޫލުތަކަކާއި ވައްޓަފާޅިތަކެއް ގެންގުޅުމަކީ ހިތްހަމަޖެހުން ގެނުވައިދޭނެ ކަމެކެވެ. އަދި ކުރަންޖެހޭ މަސައްކަތްތައް ހަމަޖެހިގެން ކޮށްލައި ނިންމާލުމަށް ހިތްވަރަކަށް ވެސް ވެގެން ދާނެއެވެ. މަސައްކަތުގެ މާހައުލުގައި ވަކި ރޫޓީނަކަށް ކަންކަން ކުރިއަށް ގެންދިއުމަކީ މިގޮތުން ވަރަށް މުހިންމު ކަމެކެވެ.

ރޫޓީނަކަށް އެޅުމަށް ޓަކައި ރޭވުންތެރިކަން ވަރަށް މުހިންމެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ވެސް އޮފީހުގެ މަސައްކަތް ފެށުމުގެ ކުރިން އެ ދުވަހަށް ޕްލޭނެއް ނުވަތަ ތާވަލެއް ހަދާލާށެވެ. ނިންމަން ޖެހޭ މަސައްކަތްތައް ނޯޓުކޮށްލާފައި ބެހެއްޓުމަކީ މަސައްކަތް ކޮށްލާ ނިންމުމަށް ފަސޭހަވެގެން ދާނެ ކަމެކެވެ. ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި މަސައްކަތްތައް ނިންމާލުމަށް ބާރުއަޅައިދޭނެ ކަމަކަށް ވާނެއެވެ.

ހަމަ މި ފަދައިން، އޮފީހުގެ މާހައުލުގައި ތިމާ ބައިވެރިވާ އެކިއެކި މީޓިންގްތަކުގައި ދައްކާ ވާހަކަތަކާއި ތިމާއާއި ހަވާލުކުރާ ޓާސްކްތައް ވެސް މިފަދައިން ނޯޓުކޮށްލާ، ދުވަހުގެ ނުވަތަ ހަފްތާގެ މަސައްކަތުގެ ތާވަލުގެ ތެރޭގައި ހިމަނާލުން ވަރަށް މުހިންމުވާނެއެވެ. މިސާލަކަށް، ޓާސްކެއްގެ މަތިން ހަނދާން ނެތި ފަހު ވަގުތު އެކަމާ ހާސްވެ ފިކުރު ބޮޑުވުމަށް ވުރެ މިގޮތް މާ ފަސޭހަވާނެއެވެ. ރޫޓީނަކަށް ކަންކަން ގެންދިއުމަކީ ފަހަށް ޕްލޭންކުރުމަށް ވެސް ބާރުއަޅާނެ ކަމެކެވެ.

ފެން

ދިރާސާތަކުން ދައްކާ ގޮތުގައި، ފެން ބުއިމަކީ މީހާ "ކާމް"ކޮށްދޭ ކަމެކެވެ. ނުވަތަ ސްޓްރެސް ލެވެލްސް ތިރިކޮށްދޭ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭ ނަމަ ތިމާގެ ނަފްސު ވަރުބަލިކޮށްލައެވެ. ރުޅިގަދަކޮށްލައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޑީހައިޑްރޭޝަން ނުވަތަ ހަށިގަނޑުން ފެން މަދުވުމަކީ ކޯޓިސޮލް (ސްޓްރެސް ހޯމޯންސް) މަތިވާ ސަބަބެކެވެ. އެހެންކަމުން ވަޒީފާގައި އުޅޭ އިރު ވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ.

އޮފީހުގައި ފެން ކޫލަރެއް ހުންނަ ނަމަ ރީފިލް ކުރެވޭ ފަދަ ފެންފުޅިއެއް ގެއިން ގެންދާށެވެ. ކޫލަރެއް ނުހުންނަ ނަމަ، ގިނަ މިންވަރަކަށް ފެން އެޅޭ ފުޅިއެއް ހޯދާ ގެއިން ފެން ހިފައިގެން ވެސް އޮފީހަށް ދެވިދާނެއެވެ. ކޮންމެ ދުވަހަކު ވެސް އޮފީހުގައި އުޅޭ ވަގުތު އެކަށީގެންވާ މިންވަރަކަށް ފެން ބުއިމަށް އިސްކަން ދޭށެވެ.

ގަވައިދުން ސްޓްރެޗް ކޮށްލާތި!

އޮފީހުގެ މާހައުލުގައި އާންމުކޮށް އަހަރެމެން ތިބެނީ މޭޒު ކައިރީގައި އިށީންދެ، ކޮމްޕިއުޓަރަކުން ޓައިޕްކުރާށެވެ. ގިނަ އިރު ވަންދެން މިހެން ތިބުމަކީ ހަށިގަނޑަށް މާ އެކަށޭނަ ކަމެއް ނޫނެވެ. އަހަރެމެންގެ ހަށިގަނޑުގެ މަސްތަކަށް މިކަމުން ވަރަށް ބާރު ކުރެއެވެ. މަސްތަކުގެ ވަރު ދަށްވާ ކަމެކެވެ. އަދި ކީބޯޑުގައި ގިނަ އިރު ހުއްޓުމެއް ނެތި ޓައިޕްކުރުމަކީ ކާޕަލް ޓަނަލް ސިންޑްރޯމް ފަދަ ހާލަތްތައް ކުރިމަތިވާ ކަމެކެވެ.

މިކަންކަމުގެ ހައްލަކީ ގަވައިދުން ބްރޭކެއް ނެގުމެވެ. ކޮންމެ އެއް ގަޑިއިރަކުން 10 ވަރަކަށް މިނިޓުގެ ބްރޭކެއް ނަގާ ގޮނޑިން ތެދުވެލައި ކުޑަކޮށް ހިނގާލާށެވެ. އަތާއި ހަށިގަނޑު ދަމާލައި ސްޓްރެޗް ކޮށްލާށެވެ. ކަސްރަތަކީ "ޑޯޕަމައިން" ނުވަތަ އުފާވެރިކަން ގެނެސްދޭ ހޯމޯން އުފައްދާ ކަމެކެވެ. ގަވައިދުން ތެދުވެލައި ހެލިފެލިވެ އުޅުމަކީ ވެސް ކުޑަވަރެއްގެ ކަސްރަތެކެވެ. ޑޯޕަމައިންގެ އުފާވެރިކަން އިހުސާސްކުރެވުމަކީ ވެސް ހަމަ އޮފީހުގެ ސްޓްރެސް ދުރުކޮށްދޭނެ ކަމެކެވެ.

comment ކޮމެންޓް