ކޮމެންޓުތަކަކަށް ޖަވާބު

ނޫސްވެރީން ލިޔާ ލިޔުންތަކަށް ކުރެވޭ ބައެއް ކޮމެންޓުތަކަކީ ހަރުދަނާ އަސާސެއްގެ މައްޗަށް، އިޚްލާޞްތެރި ގޮތުގައި، ހެޔޮ ނިޔަތުގައި ކޮށްފައި ހުންނަ ކޮމެންޓުތަކެވެ. ނަމަވެސް ބައެއް ކޮމެންޓުތަކަކީ ޞައްޙަ މަޢުލޫމާތެއް ނެތި، ޙަޤީޤަތާ ޚިލާފަށް ކޮށްފައި ހުންނަ ކޮމެންޓުތަކެވެ. އެފަދަ ކޮމެންޓުތަކާ މެދު ކަން ކުރާން އޮންނަ އެންމެ މޮޅު ގޮތަކީ އަޅައިނުލުމެވެ. ޒުވާބު ކުރުމަކުން ވާނޭ ފައިދާއެއް ނޯންނާނޭތީއެވެ. ރުޅިވެރިކަމުގައި ތިބޭ ބަޔަކަށް ޖަވާބު ދީގެން ކުރާނޭ މަންފާއެއް ނޯންނާނޭތީއެވެ. ޖަވާބު ދޭން ވަގުތު ވެސް ނޯންނާތީއެވެ. ނަމަވެސް، ކޮމެންޓުތަކަށް ޖަވާބު ދޭން ޖެހޭ ޙާލަތުތައް ވެސް އައުދެއެވެ.

އެންމެ ފަހުން އަޅުގަނޑު މި ކޮލަމުގައި ލިޔުނު "ފޮރުވައިލި ތާރީޚުން ... މުސްލިމުން ޤުދުސް ފަތަޙަ ކުރުން" މި ލިޔުން އަޅުގަނޑުގެ ޓްވިޓަރގައި ޙިއްޞާ ކުރުމުން، 23 އޮކްޓޯބަރު 2022 ގައި ޓްވިޓަރުގައި މީހަކު ކޮށްފައި ހުރި ކޮމެންޓުތަކަކާ ގުޅިގެން، އަޅުގަނޑަށް ޤަބޫލު ކުރެވުނީ އެއީ ޖަވާބު ދޭން ޖެހޭ ވާހަކަތަކެއް ކަމުގައެވެ. ކޮމެންޓު ކުރި ފަރާތުގެ ޝަޚްޞިއްޔަތަށް ބަދުބަހެއް ރައްދު ކުރުމުގެ އެއްވެސް ނިޔަތެއް އަދި ގަސްތެއް އަޅުގަނޑުގެ ނެތެވެ. ނަމަވެސް ޙަޤީޤަތާ މުޅީން ޚިލާފަށް އޭނާ ލިޔެފައި ހުރި ވާހަކަތަކުން ފެންނަނީ އަޅުގަނޑުމެންގެ ތެރޭގައި ފަހަކަށް އައިސް ފެތުރެމުންދާ ނުބައި ވިސްނުންތަކެއް ކަމަށް ފެންނާތީ، އަދި އެ ވާހަކަތަކަށް ޖަވާބު ނުދީ ދޫ ކޮށްލައިފިއްޔާ އެހެން މީހުން ވެސް "ވައު ވަނުމުގެ" ފުރުޞަތު އޮތް ކަމަށް ފެންނާތީ، އަޅުގަނޑަށް ފެނުނީ އެ ވާހަކަތަކަށް ޖަވާބު ދީ، ކަމުގެ ޙަޤީޤަތުގެ މައްޗަށް އަލިކަން ފޯރުވުމީ އަޅުގަނޑުގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް ކަމުގައެވެ.

ޤުދުސް މުހިއްމު ވުން ... މުޤައްދަސް ވުން

ކޮމެންޓު ކުރި މީހާ ބުނެފައި ވެއެވެ. "ޤުދުސް ޔަހޫދީންނަށް މުހިއްމު ވަނީ ބަނީ އިސްރާއީލްގެ ނަބީ ބެއިކަލުންނާއި ދާއޫދާއި ސުލައިމާން އެތާގައި އުޅުނު ކަމަށް ޓަކައެއް ނޫނެވެ. ނަމަވެސް އިހު ޒަމާނުގެ އިޒްރޭލް ކިޔާ ޤައުމު އެތަނުގައި އޮތުމުން އެއީ އެމީހުންގެ ޤައުމަށް ވާތީއެވެ. މިސާލަކަށް ދިވެހީންނަށް ދިވެހިރާއްޖެ މުހިއްމު ވަނީ ދިވެހީންގެ ޤައުމަކީ އެތަނަށް ވާތީއެވެ."

ކޮމެންޓް ކުރި މީހާ މި ބަސްތައް ރައްދު ކޮށްފައި ވަނީ، ކޮލަމުގައި އަޅުގަނޑު ލިޔެފައި ވާ އަންނަނިވި ވާހަކައަށެވެ. "ޔަހޫދީންނަށް އެ ޝަހަރު (ޤުދުސް) މުޤައްދަސް ވަނީ، އެއީ ދާއޫދު ޢަލައިހިއްސަލާމް އެ ޝަހަރެއްގައި ބަނީ އިސްރާއީލުގެ ރަސްކަމެއް ޤާއިމު ކުރެއްވި ޝަހަރަށް ވާތީއެވެ. ދާއޫދު ޢަލައިހިއްސަލާމްގެ ދަރިކަލުން ސުލައިމާން ޢަލައިހިއްސަލާމް އެ ޝަހަރުގައި "ބައިތުލް މަޤްދިސް" ގެ ނަމުގައި އަޅުކަން ކުރެވޭ ގެކޮޅެއް ބިނާ ކުރެއްވީތީއެވެ. އަދި އޭގެ ފަހުން ވެސް ބަނީ އިސްރާއީލުގެ އެތައް ނަބީ ބެއިބެއިކަލުން ދުނިޔެއަށް ވަޑައިގަތީ ނުވަތަ އުޅުއްވީ އެ ޝަހަރުގައި ކަމަށް ވާތީއެވެ."

އަޅުގަނޑު މިތަނުގައި ޔަހޫދީންނަށް ޤުދުސް "މުހިއްމު" ވާ ގޮތާއި "މުހިއްމު" ވާ ސަބަބުގެ ވާހަކައެއް ނުދައްކަމެވެ. ދައްކައިފައި އެވަނީ ޔަހޫދީންނަށް ޤުދުސް "މުޤައްދަސް" ވާ ސަބަބުތަކުގެ ވާހަކައެވެ. "މުޤައްދަސް" ވުމާއި "މުހިއްމު" ވުމާ މިއީ މުޅީން ދެ ކަމެކެވެ. "މުޤައްދަސް" ވުމުގެ މާނައަކީ، މާތްރަސްކަލާނގެ ރަސްކަންފުޅާ ޚާއްޞަ ގުޅުމަކުން ގުޅި، ރޫޙާނީ ޙައިޘިއްޔަތަކާއި ދީނީ މާތްކަމެއް ލިބިފައި ވުމެވެ. "މުހިއްމު" ވުމަކީ ތަފާތު މާނައެއްގައި ބޭނުން ކުރެވޭ ލަފުޒެކެވެ. "މުޤައްދަސް" ތަންތަން ވެސް، އެ ތަންތަނުގެ މުޤައްދަސް ކަމަށް ޓަކައި "މުހިއްމު" ވެއެވެ. ހަމަ އެއާއެކު، މުޤައްދަސް ނޫން ތަންތަނާއި އެއްޗެއްސާއި މީހުން ވެސް "މުހިއްމު" ވެއެވެ. "މުޤައްދަސް" ވުމާ އެއްވެސް ގުޅުމެއް ނެތް ދުނިޔަވީ އަދި މާއްދީ ސަބަބުތަކާ ހުރެއެވެ. ކޮމެންޓު ކުރި މީހާ ބޭނުން ކުރި މިސާލެއްގެ އެހީގައި ދަންނަވަންޏާ، ދިވެހީންނަށް ދިވެހިރާއްޖެ މުހިއްމެވެ. މީގެ އެތައް ޤަރުނެއް ކުރީއްސުރެ ދިވެހީންގެ އަމިއްލަ ވަޒަނުގެ ގޮތުގައި މި ރާއްޖެ އޮތީތީއެވެ. ނަމަވެސް ދިވެހީންނަށް ދިވެހިރާއްޖެ ދީނީ ގޮތުން "މުޤައްދަސް" އެއް ނޫނެވެ!

ޔަހޫދީންނަށް ޤުދުސާއި ފަލަސްޠީން، އަދި ފުރާތާއި ނީލާ ދެ ކޯރުގެ ދެމެދުގައި ވާ އެހެނިހެން ބިންތައް ވެސް "މުހިއްމު" ވަނީ ތަފާތު އެތައް ސަބަބުތަކަކަށް ޓަކައެވެ. އެ ބިންތައް އޮތް ސަރަޙައްދާއި، އެ ބިންތަކުގައި ވާ ޤުދުރަތީ ވަސީލަތްތަކާއި، އެ ބިންތަކުގެ މައްޗށް ބާރުވެރިކަން އޮތް ބަޔަކަށް ދުނިޔޭގެ ޖިއޯ-ޕޮލިޓިކަލް ދަނޑުގައި ލިބޭ މީޒާތައް ފަދަ ސަބަބުތަކެވެ. ނަމަވެސް އެމީހުންނަށް ޤުދުސް "މުޤައްދަސް" ވަނީ، އަޅުގަނޑު ދެންނެވި ފަދައިން، އެމީހުންގެ ނަބީރަސޫލުން ޤުދުސްގައި އުޅުއްވީތީއެވެ. އެތަނުގައި ނަބީ ސުލައިމާން ބިނާ ކުރެއްވި "ހައިކަލް ސުލައިމާން" އެވެ ކިޔޭ މިސްކިތްކޮޅަށް ޓަކައެވެ.

މީހަކު ލިޔެފައި އޮންނަ އެއްޗަކަށް ޖަވާބު ދިނުމުގައި – އެއީ ފާޑު ކިޔުމުގެ ގޮތުން ކަމުގައި ވިޔަސް އަދި އެހެން ނިޔަތެއްގައި ކަމުގައި ވިޔަސް – އެންމެ މުހިއްމު ކަމަކީ، އެންމެ ފުރަތަމަ އެ މީހަކު ބުނެފައި އޮތް އެއްޗެއް ރަނގަޅަށް ކިޔައި، ބުނެފައި އޮތީ ކީކޭކަން ދެނެގަތުމެވެ. މީހަކު ބުނި އެއްޗަކަށް ޖަވާބު ދޭން އުޅޭ އުޅުމުގައި، އެ އެއްޗެއް ރަނގަޅަށް ނޭނގި، އެ މީހާ ބުނެފައި ނެތް ވާހަކަތަކެއް ޚިޔާލަށް ގެނެސްގެން ޖަވާބު ދެވޭ ގޮތް ދިމާ ވަނީ ބައެއް ފަހަރު ޖަވާބު ދޭ މީހާގެ ކިބައިގައި އިޚްލާޞްތެރިކަމެއް ނެތުމުންނެވެ. ބައެއް ފަހަރު، ޖަވާބު ދިނުމުގައި ބޭނުން ކުރާން ޖެހޭ ޢިލްމީ މަންހަޖަށް ތިމާ ނުފަރިތަ ވުމުގެ ސަބަބުންނެވެ. ބައެއް ފަހަރު، ތިމާގެ ވިސްނުމާއި ވާހަކަ ތަޢައްޞުބުގެ ދުމުގެ ތެރޭގައި ވައު ވަދެގެން ދާތީއެވެ. ބައެއް ފަހަރު، ރަނގަޅު މަޢުލޫމާތާއި ޢިލްމު ނެތުމުގެ ސަބަބުންނެވެ. ބައެއް ފަހަރު، ހިސާބަށް ވުރެ ފަރުވާ ވެސް ކުޑަ ވުމުގެ ސަބަބުންނެވެ. ބައެއް ފަހަރު، މުހިއްމު ލަފުޒުތަކާއި އިޞްޠިލާޙުތަކުގެ މާނަ ނޭނގި ހުރެ ވާހަކަ ދައްކާން އުޅެވޭތީއެވެ. ކޮމެންޓު ކުރި މީހާއަށް ދިމާ ވީ މީގެ ތެރެއިން ކޮން ސަބަބެއް ކަމެއް، އަދި މި ނޫން އެހެން ސަބަބެއް ކަމެއް ވެސް އަޅުގަނޑަކަށް ނޭނގެއެވެ. އުއްމީދަކީ، އަޅުގަނޑު މި ދެންނެވި ވާހަކަތަކުން އޭނާއަށް ވެސް އޮޅުންތައް ފިލުމެވެ.

ތައުރާތާއި ޤުދުސް

ކޮމެންޓް ކުރި މީހާގެ ވާހަކައިގައި، މާތް ރަސޫލާ މޫސާ ޢަލައިހިއް ޞަލާތު ވައްސަލާމަށް ބާވައިލެއްވި އިލާހީ ވަޙީ ބަސްފުޅު ކަމުގައި ވާ ތައުރާތުގެ ޝަރީޢަތުގެ ބޮޑު ބައެއް ޤުދުސްގެ މަސްޖިދުލް އަޤްޞާގައި ޤުރުބާންތައް ކުރުމާއި އަޅުކަން ކުރުމުގެ މައްޗަށް ބިނާ ވެގެންވާ ކަމަށް ބުނެއެވެ. އަންނަނިވި ޢިބާރާތުންނެވެ. "ތައުރާތުގެ ޝަރީޢަތުގެ ބޮޑު ބައެއް ބިނާ ވެގެން ވަނީ ޤުދުސްގެ މަސްޖިދުލް އަޤްޞާގައި ޤުރުބާންތައް ކުރުމާއި އަޅުކަން ކުރުމުގެ މައްޗަށެވެ. މިހެން ވުމުން އެއީ ޔަހޫދީ ދީނުގެ ގެފުޅެވެ."

ތައުރާތުގެ ޝަރީޢަތުގެ ބޮޑު ބައެއް ކީއް ކުރާން، އެއްވެސް ބައެއް "މަސްޖިދުލް އަޤްޞާ" ގައި ނުވަތަ ޤުދުސްގެ އެހެން ތަނެއްގައި ވިޔަސް ޤުރުބާނާއި އަޅުކަން ކުރުމުގެ މައްޗަށް ބިނާ ވާ ވާހަކައަކީ އެއްވެސް އަޞްލެއް ނުވަތަ އަސާސެއް އޮތް ވާހަކައެއް ނޫނެވެ. އެހެން އެކަން ވާނީ ކިހިނެއްތޯއެވެ؟ ބަނީ އިސްރާއީލުންނަށް މާތްރަސްކަލާނގެ ތައުރާތު ދެއްވި އިރު – އެބަހީ، މޫސާގެފާނަށް ތައުރާތު ބާވައިލެއްވުނު އިރު – ބަނީ އިސްރާއީލުންގެ ބާރުގެ ދަށަކަށް ޤުދުސް ނުދެއެވެ. ޤުދުސް ކީއްކުރާންތޯއެވެ! ފަލަސްޠީނޭ ކިޔޭ ބިމުގެ އެއްވެސް ތަނެއް އެއިރަކު ބަނީ އިސްރާއީލުންގެ އަތްދަށަކަށް ނުދެއެވެ. ތައުރާތު ބާވައިލެއްވުނު އިރު ބަނީ އިސްރާއީލުން ތިބީ ވެސް ފަލަސްޠީނަކު ވެސް ނޫނެވެ. އެއިރު އެމީހުން ތިބީ ސީނާގެ ޞަޙަރާގައެވެ. އެޔާއެކު، ތައުރާތު ބާވައިލެއްވެވުމުގެ ކުރީން، ބަނީ އިސްރާއީލުގެ އެހެން ނަބީއަކާ ވެސް އެ ޝަހަރަކާ އެއްވެސް ގުޅުމެއް ނެތެވެ. އަދި ތައުރާތު ބާވައިލެއްވުމާ ހަމަޔަށް، ބަނީ އިސްރާއީލުންގެ ތެރޭގައި ޤުދުސްގެ މުޤައްދަސްކަމުގެ އެއްވެސް ވިސްނުމެއް ނެތެވެ.

ތާރީޚުގެ އަހުލުވެރީންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މޫސާގެފާނު ބަނީ އިސްރާއީލުންނާއިގެން މިޞްރުން ނުކުމެވަޑައިގެން، ހިޖުރަ ކުރައްވައި ވަޑައިގަތީ ސީނާގެ ސަހަރާއަށެވެ. މުޅި ތައުރާތު ނުވަތަ ތައުރާތުގެ ބޮޑުބައެއް ބާވައިލެއްވެވުނު މަޤާމަކީ ސީނާގެ ފަރުބަދައެވެ. ބައެއް ބައިތައް، ސަހަރާގެ ތެރޭގައި ބަނީ އިސްރާއީލުން އުޅުނު ދުވަސްވަރު މޫސާގެފާނު އެކިއެކި މަޖިލިސްތައް ބޭއްވެވުމަށް ބޭނުން ކުރައްވައިއުޅުއްވި "މިޝްކާން" – އިނގިރޭސިން ޢާއްމުކޮށް ކިޔާ ގޮތުން ވިއްޔާ "ޓަބަރނެކަލް" – ގައި ބާވައިލެއްވެވުނު ކަމަށް ވެސް ބުނެވެއެވެ. ތައުރާތު ބާވައިލެއްވުނު ތާރީޚަކީ ކޮބައިކަން ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް ލަފާ ކުރެވެނީ އެ ތާރީޚަކީ މާތް ނަބިއްޔާ ޢީސާ ޢަލައިހިއް ޞަލާތު ވައްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ ގާތްގަނޑަކަށް 1250 އަހަރު ކުރި ކަމުގައެވެ. ބަނީ އިސްރާއީލުން ޤުދުސް – އެއިރު ކިޔާ ގޮތުން "ޔަބޫސް" – ފަތަޙަ ކުރީ އޭގެ 240 ވަރަކަށް އަހަރު ފަހުން، ޢީސާއީ މީލާދުގެ ގާތްގަނޑަކަށް 1000 އަހަރު ކުރީންނެވެ.

މޫސާގެފާނަށް ﷲ ބާވައިލެއްވެވި ޙަޤީޤީ "ތައުރާތު" އޭގެ ފުރިހަމަ އަދި ޞައްޙަ ގޮތުގައި މިހާރު ފެންނާން ނެތް އިރު، "ތައުރާތު" ގެ ގޮތުގައި ޔަހޫދީން މިހާރު ދައްކާ އެއްޗަކީ "ޢިބްރީ ބައިބަލް" – ޢިބްރީ ބައިބަލަށް "ތަނާޚް" އަދި "މިކްރާ" މި ދެ ނަން ވެސް ކިޔައެވެ – ގެ 24 ފޮތުގެ ތެރެއިން ފުރަތަމަ 5 ފޮތެވެ. މި 5 ފޮތަށް ކިޔާ ޖުމުލަ ނަމެއްގެ ގޮތުގައި "ޕޭންޓެޓިޔުކް" ވެސް ކިޔައެވެ. ޢާއްމުކޮށް ޢިބްރީ ބައިބަލް މި ޒަމާނުގައި ޗާޕު ކޮށްފައި ހުންނަ އިރު، މި 5 ފޮތް ނިމެނީ 250 ވަރަކަށް ޞަފުޙާއިންނެވެ. މި 5 ފޮތުގައި، ޢިބްރީ ބައިބަލުގެ ފުރަތަމަ 250 ވަރަކަށް ޞަފުޙާގައި، "ޤުދުސް" ގެ ނަންވެސް ޒިކުރު ކުރެވިފައެއް ނޯވެއެވެ. ވީއިރު، "ތައުރާތުގެ ޝަރީޢަތުގެ ބޮޑު ބައެއް" ޤުދުސްގައި "އަޅުކަން ކުރުމާއި ޤުރުބާން ކުރުމުގެ" މައްޗަށް ބިނާ ވެގެންވާ ކަމަށް ކޮމެންޓު ކުރި މީހާއަށް ހީ ވެގެން މި އުޅެނީ ކޮން ސަބަބަކާ ހުރެތޯ ސުވާލު އުފެދެއެވެ.

ސޮފްރޯނިއަސްއާ ގުޅޭ ވާހަކަތަކުގެ ސަނަދު

ކޮމެންޓު ކުރި މީހާ ސުވާލު ކޮށްފައި ވެއެވެ. "އަނެއް ކަމަކީ ތީގައި ވާ ސޮފްރޯނިއަސްގެ ވާހަކަތަކުގެ ސަނަދަކީ ކޮބައިތޯއެވެ. އެންމެ ކުރީގެ ޙަދީޘް ފޮތްތައް "މުވައްޠާ" އާއި "ބުޚާރީ" ގައި ތިޔަ ވާހަކައެއް ނެތެވެ."

އިމާމް މާލިކު ރަޙިމަހުﷲ ގެ "އަލްމުވައްޠާ" އާއި އިމާމް ބުޚާރީ ރަޙިމަހުﷲ ގެ "ޞަޙީޙް ބުޚާރީ" އަކީ ތާރީޚު ފޮތްތަކެއް ނޫނެވެ. އެއީ ޙަދީޘް ފޮތްތަކެކެވެ. އިސްލާމީ ތާރީޚުގެ ހުރިހައި ޙާދިޘާތަކެއް ރިކޯޑު ކުރެއްވުމަށް ނުވަތަ އިސްލާމީ ތާރީޚު ލިޔުއްވުމަށް މި ދެ ބެއިފުޅުން ކުރެ ބެއިފުޅަކު މަސައްކަތެއް ނުކުރައްވައެވެ. އެ ބެއިފުޅުންގެ ފޮތްތަކުގައި ނެތް ކޮންމެ ވާހަކައަކީ ތާރީޚީ ގޮތުން ނެތް ވާހަކައެއް ކަމަށް ހެދުމަކީ ޢިލްމީ ގޮތުން އެއްވެސް ކަހަލަ ބިންގަލެއް އޮތް ކަމެއް ނޫނެވެ.

ކޮމެންޓް ކުރި މީހާގެ ވާހަކައިގައި، ޤުދުސްގެ ފަތަޙައާ ބެހޭގޮތުން އަޅުގަނޑު ލިޔެފައި ވާ ވާހަކަތަކުގެ އަޞްލަކީ ހަމައެކަނި ކަޢްބުލް އަޙްބާރުގެ ރިވާޔަތްތަކެއް ކަމަށް މީހުންނަށް ދޭހަ ވެދާނޭ ފަދަ ޢިބާރާތްތަކެއް ގެނެސްފައި ވެއެވެ. ނަމަވެސް ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު ޤުދުސް ފަތަޙަ ކުރެއްވި ދުވަހު ހިނގި ކަންކަން ހިނގައިދިޔައީ އެތައް ސަތޭކަ ބައެއްގެ ލޯމަތީގައެވެ. އެކަލޭގެފާނާއި ޕެޓްރިއާރކް ސޮފްރޯނިއަސްއާ ދެމެދުގައި ކުރެވުނު މުޢާމަލާތްތަކާއި މުޙާވިރާތައް ފެންނަ އަދި އަޑު އިވޭ ހިސާބުގައި އެތައް ބަޔަކު ތިއްބެވެ. އޭގެ ތެރޭގައި މުސްލިމުންގެ އިތުރުން ނަޞާރާއިންގެ އިސް ލީޑަރުން ވެސް ހިމެނެއެވެ. މި އެންމެންގެ ފަރާތުން، އެ ދުވަހު ކަންތައްތައް ހިނގި ގޮތުގެ ވާހަކަ ޚަބަރުތައް ވަނީ ތަފްޞީލީ ގޮތެއްގައި ރިވާ ވެފައެވެ. އެމީހުންގެ ފަރާތުން އެތައް ސަތޭކަ ބަޔަކަށް، އަދި ފަހުގެ ޖީލުތަކުގައި އެތައް ހާސް ބަޔަކަށް އެ މަޢުލޫމާތު ވަނީ ނަޤުލު ވެފައެވެ. ފުރަތަމަ ދައުރުގެ މުސްލިމް މުއައްރިޚުން އެ ވާހަކަތައް ލިޔުއްވައި ރިކޯޑު ކުރެއްވީ އެފަދަ އެތައް ބައެއްގެ ހެކިބަހުގެ އަސާސުގައެވެ. ކަންކަން ހިނގި ގޮތް އަމިއްލަ ލޮލުން ދެކެ ކަންފަތުން އަޑު އެހި އެތައް ބައެއްގެ ޝަހާދާއަށް – "އައި-ވިޓްނެސް އެކައުންޓްތަކަށް" – ރިޢާޔަތް ކުރައްވައިގެންނެވެ. އެ ވާހަކަތަކާ މެދު މުސްލިމު ރާވީންނާއި ނަޞާރާ ރާވީންގެ މެދަކު ޚިލާފުތަކެއް ވެސް ނެތެވެ. އެ ވާހަކަތަކަކީ ދޮގެއް ކަމަށް ބަލާން ޖެހޭ ޢިލްމީ އެއްވެސް ސަބަބެއް ވެސް ނެތެވެ.

ކުރީގެ މުސްލިމް މުއައްރިޚުން ޤުދުސް ފަތަޙައާ މެދު ރިވާ ކުރައްވައިފައި ވާ ބަޔާންތަކަށް މި ޒަމާނުގެ އެންމެ މަތީ ފެންވަރުގެ ޢިލްމުވެރީން ވެސް އިތުބާރު ކުރައްވައެވެ. މި ޒަމާނުގެ ތާރީޚު ފޮތްތަކުގައި ވެސް އެ ޙާދިޘާގެ ޚަބަރުތައް ކިޔައިދެވިފައި ހުންނަނީ މުސްލިމު މުއައްރިޚުންގެ ފޮތްތަކުގައި ހުރި ގޮތަށެވެ. މިސާލަކަށް، ޖޯން އެލް. އެސްޕޮޒީޓޯ އެޑިޓް ކުރެއްވި "ދި އޮކްސްފަރޑް ހިސްޓްރީ އޮފް އިސްލާމް" މި ފޮތުގެ 312 އަދި 313 ވަނަ ޞަފުޙާ ބައްލަވާށެވެ!

ޢަމަލް މަދީނާ

ކޮމެންޓް ކުރި މީހާ، އަޅުގަނޑުގެ ލިޔުމުގައި އެ ބެއިފުޅުންނެއްގެ ވާހަކަ ގެނެސްފައި ވާ ޞަޙާބީންގެ ޢަމަލުފުޅުތަކަކީ "ޢަމަލް މަދީނާ" ކަމަށް ބުނެ، އެ ބެއިކަލުން ކަން ކުރެއްވި ގޮތުގެ މައްޗަށް އުފެދިފައި ވާ މަޛްހަބަކީ މާލިކީ މަޛްހަބު ކަމަށް ބުނެފައި ވެއެވެ. ކޮމެންޓުގައި އޮންނަނީ "ތީގައިވާ ބެއިކަލުން ކަން ކުރެއްވި ގޮތްކަމަށް ބުނެވޭ "ޢަމަލް މަދީނާ" މައްޗަށް ޚާއްޞަކޮށް ޢުމަރުގެފާނުގެ ޢަމަލް މައްޗަށް އުފެދިފައިވާ މަޒްހަބަކީ މާލިކީ މަޒްހަބް" މި ޢިބާރާތެވެ.

މިއީ ވެސް އެއްވެސް ކަހަލަ ޢިލްމީ އަސާސެއް ނެތް ޚިޔާލީ ވާހަކައެކެވެ. "ޢަމަލް މަދީނާ" މި ޢިބާރާތަކީ ވެސް ހަމަޖެހޭ ޢިބާރާތެއް ނޫނެވެ. އިސްލާމީ ފިޤްހާއި އުޞޫލުލް ފިޤްހުގެ ޢިލްމުތަކުގައި ބޭނުން ކުރެވޭ ޢިބާރާތަކީ "ޢަމަލް އަހްލުލް މަދީނާ" މިއެވެ. "މަދީނާގެ އަހުލުވެރީން ޢަމަލު ކުރަމުން އަންނަ ގޮތް" ނުވަތަ "މަދީނާގެ ޢުރުފު" މިއީ މި މަފްހޫމު ދިވެހި ބަހުން ގެނެވިދާނޭ ދެ ގޮތެވެ. އިނގިރޭސި ބަހުން އިސްލާމީ ޢިލްމުވެރީންނާއި ޔޫރަޕުގެ ޢިލްމުވެރީން މި މަފްހޫމު ޢާއްމުކޮށް ވިދާޅުވެދެއްވަނީ "ކަސްޓަމް އޮފް ދަ ޕީޕަލް އޮފް މަދީނާ" ނުވަތަ "ޕްރެކްޓިސް އޮފް ދަ ޕީޕަލް އޮފް މަދީނާ" ނުވަތަ "ޕްރެކްސިސް އޮފް މަދީނާ" ފަދަ ޢިބާރާތްތަކުންނެވެ. "މަދީނާގެ ޢުރުފު" އަކީ އިސްލާމީ ފިޤްހީ ޙުކުމްތަކުގެ މަޞްދަރެއް ކަމުގައި އިސްލާމީ ފިޤްހީ މަޛްހަބެއް ކަމުގައި ވާ މާލިކީ މަޛްހަބުގައި ބެލެވެއެވެ. އެއީ އިމާމް މާލިކު ރަޟިޔައްﷲ ޢަންހުގެ ފިޤްހީ މަންހަޖުގެ ދަށުންނެވެ. މާލިކީން މި މަފްހޫމު ބޭނުން ކުރައްވަނީ ޞަޙާބީން ޢަމަލު ކުރެއްވި ގޮތަށް، ނުވަތަ ޞަޙާބީންގެ ފަރާތުން އައިސްފައި އޮންނަ ރިވާޔަތްތަކަށް ކިޔުއްވާ ނަމެއްގެ ގޮތުގައެއް ނޫނެވެ. ޢުމަރުގެފާނު ޢަމަލު ކުރެއްވި ގޮތަށް ދެއްވާ ނަމެއްގެ ގޮތުގައެއް ވެސް ނޫނެވެ. އެޔާ ޚިލާފަށް، މި މަފްހޫމުގެ ދަށުން ފިޤްހީ މަޞްދަރަކަށް ވަނީ މަދީނާގެ މުސްލިމުންގެ މެދުގައި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދައުރުން ފެށިގެން އެތައް ޖީލުތަކަކަށް ދެމި ހިނގަމުން އައި ޢުރުފުތަކެވެ. މަދީނާގެ މުސްލިމުން ކުރެ ޞަޙާބީންނާއި ޞަޙާބީން ނޫން އެހެން މީހުން ވެސް ހިމެނޭ ގޮތުންނެވެ. އެހެންކަމުން، މަދީނާގެ ޢުރުފު ފެންނާނީ މަދީނާއިންނެވެ. ޤުދުސް ފަތަޙަ ކުރެއްވި ދުވަހު އެ ޝަހަރުގައި ތިއްބެވި ޞަޙާބީން ނުވަތަ އޭގެ ތެރެއިން ބައެއް ބެއިފުޅުން ދެއްކެވި ވާހަކަތަކަކަށް ނުވަތަ ކުރެއްވި ޢަމަލުފުޅުތަކަކަށް ނިސްބަތް ކޮށް "ޢަމަލް އަހްލުމް މަދީނާ" އެވެ ބުނެވޭނޭ އެއްވެސް ގޮތެއް ނެތެވެ.

މަދީނާގެ އަހުލުވެރީންގެ ޢުރުފުގެ މަފްހޫމު އިސްލާމީ ފިޤްހާއި އުޞޫލުލް ފިޤްހުގައި އޮތް ގޮތުގެ އެންމެ ރަނގަޅު ބަޔާނެއް އިނގިރޭސި ބަހުން ގެންނަވައިފައި ވަނީ، އަޅުގަނޑަށް މިހައިތަނަށް ފެނިފައި ވާ ގޮތުން، އެމެރިކާގެ މަޝްހޫރު މުސްލިމް ޢިލްމުވެރިޔާ ޑރ. ޢުމަރު ފާރޫޤު ޢަބްދުﷲ ވައިމަން-ލޭންޑްގްރެފެވެ. އެއީ އޭނާ ލިޔުއްވި ޕީއެޗްޑީ ތީސިސްގައެވެ. އެ ތީސިސް ވަނީ "މާލިކް އެންޑް މަދީނާ: އިސްލާމިކް ލީގަލް ރީޒަނިންގ އިން ދަ ފޯރމެޓިވް ޕީރިއަޑް" މި ނަމުގައި ފޮތެއްގެ ގޮތުގައި ޝާއިޢު ވެސް ކުރެވިފައެވެ. ކޮމެންޓް ކުރި މީހާ ކަމުގެ ޙަޤީޤަތް ދެނެގަންނާން ބޭނުމިއްޔާ މި ފޮތް ކިޔައިލުމަށް އަޅުގަނޑު އިރުޝާދު ދެމެވެ. އިންޓަރނެޓުން މި ފޮތް ހިލޭ ޑައުންލޯޑު ކުރެވޭން ވެސް އެބަހުއްޓެވެ.

އެންޓި-ސެމިޓިޒަމާއި "ވޯރމްޓެއިލް ކޮމްޕްލެކްސް"

ކޮމެންޓް ކުރި މީހާ ދެން ދައްކައިފައި އޮންނަނީ އަޅުގަނޑު އެންމެ އަޅައިގަތް އެއް ވާހަކައެވެ. އޭނާ ލިޔެފައި ވެއެވެ. "ތީއަށް ބަލާއިރު، "ރޯމަނުން ޔަހޫދީންގެ އަމިއްލަ ޤައުމު ޤުދުސް ހިފައި ތަން ތަޅާލާފައި ޔަހޫދީން ޔޫރަޕަށް ގެންދިޔައީއެވެ". ދެން ފަހުން ހިޓްލަރާއި އެނޫން މީހުން އެމީހުނަށް އަނިޔާވެރި ވެ ޤަތުލުޢާއްމު ހިންގުމުން އިންގިރޭސިންގެ ބާރުގައި އަނބުރާ އެމީހުންގެ ވަޒަން ޤުދުސަށް ގެނައީއެވެ. އަދި މިނިވަން ޔަހޫދީ ދަލަތެއް އިޒްރޭލުގެ ނަމުގައި އުފެއްދުނީއެވެ." މި ކޮމެންޓުގައި، އަޅުގަނޑަށް ފޫޅު ކަނޑައިފައި ވިޔަސް، ކޮމެންޓް ކުރި މީހާގެ ޢިބާރާތް ހުރި ގޮތުން، ޤުދުސަކީ ޔަހޫދީންގެ ޤައުމު ކަމަށް އެބަ ބުނެއެވެ. ޢިބާރާތް ކޮށްފައި ހުރި ގޮތުން، އެއީ އޭނާ ދެކޭ ގޮތް ކަމަށް ވެސް ހީ ވާން އެބައުޅެއެވެ. އެޔާއެކު، އޭނާ ދެން ދައްކައިފައި އޮންނަ ވާހަކަތަކުގައި، ދިވެހިރާއްޖޭގައި އުޅޭ "ލާދީނީ ނުވަތަ ސެކިޔުލަރިސްޓުންގެ ފަލްސަފާ އަކީ އެންޓި-ސެމިޓިޒަމާ ދެކޮޅު ހެދުން" ކަމަށް ބުނެފައި ވެއެވެ. މި ބުނުމުގެ ކުރިޔަށް އޭނާ ދައްކައިފައި ހުރި ވާހަކަތަކުން، ފަލަސްޠީނުގެ ބިމުގައި ސަހުޔޫނީން ގަދަބަދަވިކަމާއި އަނިޔާވެރިކަމުގެ ބާރުގައި އުފައްދައިފައި ވާ ޣައިރުޤާނޫނީ "ސެޓްލަރ-ކޮލޯނިއަލް" އެންޓިޓީ އަކީ ޙައްޤު ގޮތުގައި އުފައްދައިފައި ވާ އެންޓިޓީއެއްކަމަށް އޭނާ ދެކޭ ކަމާއި، އެ އެންޓިޓީއާ ދެކޮޅު ހެދުމަކީ "އެންޓި-ސެމިޓިޒަމް" ކަމަށް އޭނާ ޤަބޫލު ކުރާ ކަން ވެސް ދޭހަ ކޮށްދެއެވެ. އަދި، އޭނާގެ ނަޒަރުގައި ރާއްޖޭގެ ލާދީނީންނާއި ސެކިޔުލަރިސްޓުން ސަހުޔޫނީ އިސްރާއީލަށް ތާއީދު ކުރަނީ "އެންޓި-ސެމިޓިޒަމާ" ދެކޮޅު ހެދުމަށް ޓަކައެވެ!!

ފަލަސްޠީނަކީ ޔަހޫދީންގެ ބިމެއް ކަމަށް ބުނާ ބަހަކީ އެއްވެސް ބުންޔާދެއް އަދި ޙަޤީޤަތެއް ނެތް ހޮޅި ވާހަކައެއްކަން، އިރާދަފުޅު ކުރެއްވިއްޔާ މި ކޮލަމުގައި ދެން އަޅުގަނޑު ލިޔާ ލިޔުމެއްގައި ބަޔާން ކުރެވޭތޯ މަސައްކަތް ކުރާނަމެވެ. އެޔާއެކު، ޢިލްމީ ޙަޤީޤަތްތަކަށާއި ތާރީޚީ ޙަޤީޤަތްތަކަށް ބުއްދި ކަނު ނޫން ކޮންމެ މީހަކު ދަންނާނޭ ފަދައިން، ސަހުޔޫނީ އިސްރާއީލަކީ ފަލަސްޠީނީންގެ އަމިއްލަ ބިމަށް މަކަރު ޙީލަތާއި، އިނގިރޭސި އަންބަރާޠޫރިއްޔާގެ އިސްތިޢުމާރީ މަދަދާއި، ޖައްބާރިއްޔަތާއި ގަދަބާރުގެ ބޭނުން ކޮށްގެން ޔޫރަޕިއަން ނަސްލެއްގެ ބަޔަކު އަރައި، އެ ބިމުގެ ޙަޤީޤީ ވަޒަންވެރީންގެ އެތައް ލައްކަ ބަޔަކު ކަތިލައި، އެމީހުންގެ އެތައް ސަތޭކަ އަވަށާއި ޝަހަރުތައް ސުންނާފަތި ކޮށް، އެމީހުންގެ ދަނޑުބިންތަކާއި ގެދޮރުތައް ފޭރި، ޅަދަރީންނަށް ދާންދެން ކަތިލުމަށް ފަހު އުފައްދައިފައި އޮތް އެންޓިޓީއެކެވެ. އެ އެންޓިޓީ ދަމަހައްޓަމުން ގެންދަނީ މި ދެންނެވި ޖަރީމާތައް ތަކުރާރު ކުރަމުން، ބައިނަލްއަޤްވާމީ ޤާނޫނާއި ޢަދުލުއިންޞާފުގެ ހުރިހައި ހަމަތަކެއް މުގުރަމުންނެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ "ޕެރެމްޓަރީ ނޯރމްސް" ގެ އެތައް ހަމަތަކެއް ސުންނާފަތި ކުރަމުން، ހަނގުރާމައިގެ އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. ކަން މިހެން އޮތް އިރު، އެ އެންޓިޓީއަށް ތާއީދު ކުރުމަކީ "އެންޓި-ސެމިޓިޒަމް" އާ ދެކޮޅު ހެދުމުގެ ގޮތުން ކުރާ ކަމެކޭ، އެއީ އިންސާނީ އަޚްލާޤީ ވާޖިބެކޭ ބުނާނީ ކޮން ކަހަލަ މީހެއް ބާވައެވެ! ފަލަސްޠީނީންގެ ޙައްޤުގައި އަޑު ނުއުފުލައި، ސަހްޔޫނީ އިސްރާއީލޭ ކިޔާ "ވައިޓް-ސެޓްލަރ-ކޮލޯނިއަލް" އެންޓިޓީއާ ދެކޮޅަށް އެމީހުން އަމިއްލަ ނަފުސުތަކާއި އަމިއްލަ މުދަލާއި އަމިއްލަ ވަޒަނުގެ ޙައްޤުގައި ކުރަމުންދާ މަތިވެރި ޖިހާދަށް ތާއީދު ކުރުމަށް އިންކާރު ކޮށް، އެމީހުންގެ ބިމަކީ އިސްރާއީލުގެ ޙައްޤެކޭ ބުނާނީ ކޮން ކަހަލަ މީހެއް ބާވައެވެ!

ދިވެހީންގެ ތެރޭގައި މި ވިސްނުން ގެންގުޅޭ މީހުން ގިނަ ވަމުން ދާއިރު، އަޅުގަނޑުގެ ހިތަށް އަރައެވެ! ދިވެހި މަދަރުސާތަކުގައި ދިވެހި ދަރީންނަށް ކިޔަވައިދެނީ ފަހެ ކޮން އެއްޗެއް ބާވައެވެ!

ކޮމެންޓް ކުރި މީހާ ކޮންމެ އެއްޗެކޭ ބުނެފައި އޮތް ކަމުގައި ވިޔަސް، ދިވެހިރާއްޖޭގައި އުޅޭ "ލާދީނީންނާއި ސެކިޔުލަރިސްޓުން" ނަކީ "އެންޓި-ސެމިޓިޒަމާ" ދެކޮޅު ބައެއް ނޫނެވެ! "އެންޓި-ސެމިޓިޒަމާ" ދެކޮޅީ ވެސް މުޙައްމަދު ނަބީ ކަލޭގެފާނުގެ ސުންނަތަށް ޙަޤީޤީ މާނައިގައި ތަބަޢަ ވާ މުސްލިމުންނެވެ. އެކަން މުސްލިމުން އޮންނާނީ ތާރީޚުގައި ފާއިތު ވެދިޔަ 1400 އަހަރުގެ ތެރޭގައި މުޅި ދުނިޔެއަށް ދައްކައިދީފައެވެ. ޔަހޫދީން ދިޔަހައި ތަނެއްގައި ކަހަލަ ގޮތަކަށް އެމީހުން އަޅުވެތި ކުރެވެމުން، އެމީހުންނަށް އަނިޔާ ކުރެވެމުން ދިޔަ އިރު، ޔަހޫދީންނަށް ބާއްޖަވެރިކަމާއި މިނިވަންކަމާއި ޝަރަފާ އެކު ދިރިއުޅެވޭނޭ ޙާލަތާއި ފުރުޞަތު މި ދެންނެވި މުއްދަތުގައި ތަކުރާރުކޮށް ދީފައި ވަނީ މުސްލިމުން ވެރިކަން ހިންގި ބިންތަކުގައެވެ. މުސްލިމުންގެ ޝަހަރުތަކާއި ރަށްތަކުގައެވެ. މި ބަހުގެ ހެކި، ހަމައެކަނި ނަބަވީ ދައުރާއި ޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި ޔަހޫދީންނާ މެދު ކަން ކުރެވުނު ގޮތާއި، މުސްލިމް ސްޕޭނުގައި ޔަހޫދީން އުޅުނު ގޮތާއި، ނަޞާރާއިން ސްޕޭނުގެ އިންކުއިޒިޝަނުގައި ޔަހޫދީންނަށް ދިން އަނިޔާތަކުން އެމީހުން ސަލާމަތް ކޮށްދީ އެމީހުންނަށް ސަލާމަތާއި ރައްކައުތެރިކަން ހޯދައިދިނުމުގައި މުސްލިމް ޢުޘްމާނީން ކުރި މަސައްކަތުގެ ތާރީޚު ކިޔައިލުމުން ވެސް ފެންނާނެއެވެ.

އެހެނެއް ނޫނެވެ! ދިވެހިރާއްޖޭގެ ލާދީނީންނާއި ސެކިޔުލަރިސްޓުން ސަހުޔޫނީންނަށް ތާއީދު ކުރަނީ އެއްވެސް ޙާލެއްގައި "އެންޓި-ސެމިޓިޒަމް" އާ ދެކޮޅު ހެދުމުގެ ގޮތަކުން ނޫނެވެ. "އެންޓި-ސެމިޓިޒަމް" އަކީ ވަކި ނަސްލަކާ ދެކޮޅު ވިސްނުމެއް އަދި ޙަރަކާތެއް ކަމުގައި ވާތީ، އިންސާނީ ކަރާމާތާއި ޝަރަފުގެ ޙައްޤުގައި އެ ވިސްނުމާއި ޙަރަކާތާ ދެކޮޅު ހަދާ ބަޔަކު ވިއްޔާ، ސަހުޔޫނީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް މާ ބޮޑަށް ދެކޮޅު ހަދާން ޖެހޭނެއެވެ. މަޝްހޫރު ޔަހޫދީ ޢިލްމުވެރީން ކަމުގައި ވާ ނޯމް ޗޮމްސްކީ އާއި ނޯރމަން ފިންކްލްސްޓެއިން ފަދަ ބެއިފުޅުން ތަކުރާރުކޮށް ވިދާޅުވެފައި ވާ ފަދައިންނެވެ. އާދޭހެވެ! ދިވެހިރާއްޖޭގެ ލާދީނީންނާއި ސެކިޔުލަރިސްޓުން ސަހުޔޫނީންނަށް ތާއީދު ކުރަނީ މުޅީން އެހެން ސަބަބުތަކަކަށް ޓަކައެވެ. އެއް ސަބަބަކީ އެމީހުންގެ ހިތްތަކުގައި މުސްލިމުންނާއި ޢަރަބީންނާ މެދު އޮންނަ އަލިފާން ކަހަލަ ރުޅިވެރިކަމާއި ޙަސަދައެވެ. ސަހުޔޫނީން ފަލަސްޠީނުގެ ޢަރަބި މުސްލިމުންނަށް އަނިޔާ ކުރާތީ، އެކަމަށް ޓަކައި އެމީހުންނަށް ސަހުޔޫނީން ދެކެ ރުހެވެނީއެވެ. ލޯބި ވެވެނީއެވެ. ކަމުގެ ޙަޤީޤަތް އެނގިތިބި ޙާލުގައެވެ. ދެވަނަ ސަބަބަކީ އިސްލާމް ދީނާއި މުސްލިމުންނާ މެދު އޮންނަ ރުޅި އާއި ތަޢައްޞުބުގެ ސަބަބުން، ފަލަސްޠީނުގެ މައްސަލައިގައި ޙަޤީޤަތް ނުބަލައި، ޖާހިލުކަމުގައި ތިބެ ވާހަކަ ދެއްކޭކަމެވެ. ތިންވަނަ ސަބަބަކީ "ވޯރމްޓެއިލް ކޮމްޕްލެކްސް" އެވެ.

"ވޯރމްޓެއިލް ކޮމްޕްލެކްސް" މިއީ އެއްވެސް ރަދީފަކުން ފެނިވަޑައިގަންނަވާނޭ ލަފުޒެއް ނޫނެވެ. މިއީ އަޅުގަނޑު އަމިއްލަޔަށް "ކޮއިން" ކޮށްގެން ބޭނުން ކުރާ ލަފުޒެކެވެ. މި ލަފުޒުގެ އަޞްލަކީ މަޝްހޫރު "ހެރީ ޕޮޓަރ" ވާހަކަތަކުގެ ސިލްސިލާގައި އުޅޭ އެއް ޝަޚްޞު ކަމުގައި ވާ "ޕީޓަރ ވޯރމްޓެއިލް ޕެޓިގްރޫވ" އާއި، އޭނާގެ ސާހިބާ "ލޯރޑް ވޯލްޑެމޯރޓް" އާ ދެމެދު އޮންނަ ގުޅުމެވެ. އެ ގުޅުމުގެ ތާރީޚާއި ތަފްޞީލުތައް "ހެރީ ޕޮޓަރ" ވާހަކައަށް ފަރިތަ މީހެއްގެ ގާތުން އޮޅުން ފިލުވައިލެއްވެދާނެއެވެ. ވަރަށް ކުރުކޮށް ދަންނަވަންޏާ، ޕީޓަރ "ވޯރމްޓެއިލް" ޕެޓިގްރޫވ ލޯރޑް ވޯލްޑެމޯރޓަކީ އަނިޔާވެރި، ޖައްބާރު، އަދި ހަމައެއް އިންޞާފެއް ނެތް މީހެއްކަން ދެނެހުރެމެ، އޭނާއަށް ތާއީދު ކޮށް، އަމިއްލަ އެކުވެރީންނަށް ޚިޔާނާތްތެރި ވެ، ވޯރލްޑެމޯރޓްގެ އަޅަކަށް ވެގަނެއެވެ. ސަބަބަކީ، ވޯލްޑެމޯރޓަކީ މޮޅު އަދި ބާރުގަދަ މީހަކަށް ވުމެވެ. ދިވެހި ބަހުގެ މުޙާވަރާއެއް ކަމަށް ވާ "އަރާ އިރަށް އަޅުކަން ކުރުން" މިއީ ވެސް މި ދަންނަވާ ޙާލަތު ސިފަ ކޮށްދޭ މުޙާވަރާއެކެވެ. އާދޭހެވެ! ބައެއް މީހުންގެ ބުއްދިތަކާއި ޟަމީރުގައި ހުންނަ އުނިކަމެއްގެ ސަބަބުން، އެމީހުން "މައިދާނުން ފެންނަ އެންމެ ބޮޑު ބުލީ" ގެ ފަހަތަށް އަބަދުވެސް އަރައެވެ. އެންމެ މުއްސަނދި، އެންމެ ބާރުގަދަ، އެންމެ ވިދުވަރު ގަދަ ޖަމާޢަތާ ބައިވެގަނެއެވެ. އެ ބުލީގެ ނުވަތަ އެ ޖަމާޢަތުގެ ތެރޭގައި "ފައިދޮށު ބުޅާގަނޑެއްގެ" ދަރަޖައިގައި އޮންނާން ޖެހުނު ކަމުގައި ވިޔަސް ވެހެވެ. "ވޯރމްޓެއިލް ކޮމްޕްލެކްސް" އޭ އަޅުގަނޑު މި ދަންނަވަނީ މި ގޮތުގެ މަތީން، ހަމައެއް އިންޞާފެއް ނުބަލައި، ޙަޤީޤަތަކަށް އިޙުތިރާމު ކުރުމެއް ނެތި، ޙައްޤާ މެދު ވިސްނުމެއް ފިކުރު ކުރުމެއް ނެތި، އެންމެ ބާރުގަދަ އަދި އެންމެ މުއްސަނދި އަދި އެންމެ އަޑުގަދަ އަދި އެންމެ ބައިގިނަ މީހާ ރުއްސުމަށް ޓަކައި، ބުއްދި އާއި ޟަމީރު އެއްލައިލައިފައި، އެ މީހާގެ އަޅުވެތިކަމުގެ ދަށަށް ފިކުރީ ގޮތުން ވެއްޓިގެން އުޅޭ މީހުންނަށް ނިސްބަތް ކޮށެވެ. މަތީގައި އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުމެން މުސްލިމުންގެ ތެރެއިން ފައުޅު ވާ ލާދީނީންނާއި ސެކިޔުލަރިސްޓުންގެ އެތައް ބަޔަކަށް ދިމާ ވާ ޙަޤީޤީ މައްސަލަ އަކީ "ވޯރމްޓެއިލް ކޮމްޕްލެކްސް" އެވެ. އޭގެ ސަބަބުން، މިއަދުގެ ދުނިޔޭގައި އެންމެ ބާރުގަދަ، އެންމެ މުއްސަނދި، އެންމެ އަޑުގަދަ، އެންމެ ބޮޑަށް ޖައްބާރުކަން ދައްކާ، ހުރިހައި ގޮތަކުން ވެސް އެންމެ މާއްދީ ވިދުވަރު ގަދަ، އަދި މިއަދުގެ ދުނިޔޭގައި "އަރައިހުރި އިރު ކަމުގައި" ވެފައި ވާ ހުޅަނގު ނުވަތަ ޔޫރަޕާއި އެމެރިކާ އާއި އޮސްޓްރޭލިއާ އާއި ކެނެޑާ ފަދަ ޤައުމުތައް އެމީހުންނަށް "ސާހިބުންގެ ގޮތުގައި" ފެންނަނީއެވެ! އެ ޤައުމުތަކުން ސަހުޔޫނީ އިސްރާއީލުގެ ދިދަ އުފުލައި "އެންޓި-ސެމިޓިޒަމާ އެންމެން ދެކޮޅު ވާށޭ" ބުނާ އިރަށް، އަޅުގަނޑުމެންގެ ތެރެއިން "ވޯރމްޓެއިލް ކޮމްޕްލެކްސް" ޖެހިފައި ތިބި މީހުންގަނޑު ތެޅިފޮޅިގަނެގެން، "އަހަރެމެން އެންމެން އެންޓި-ސެމިޓިޒަމާ ދެކޮޅޭ" ކިޔައި އިސްރާއީލު ޙިމާޔަތް ކުރާން ދުއްވައިގަނެތެވެ! އެ ޤައުމުތަކުން "އެލްޖީބީޓީކިޔު އަކީ ޙިމާޔަތް ކުރާން ޖެހޭ ކަމެކޭ" ބުނާ އިރަށް، "ވޯރމްޓެއިލް ކޮމްޕްލެކްސް" ގެ އަހުލުވެރީން ވެސް ތެޅެމުންފޮޅެމުން، "އާނއެކޭ، އާނއެކޭ، ޙިމާޔަތް ކުރާން ވާނެޔޭ، ކޮންމެހެން ވެސް ވާނެޔޭ" ކިޔަމުން ފުމެއަރާން ފަށައިފަތެވެ!

އިތުރު ވާހަކަތައް

ކޮމެންޓް ކުރި މީހާ ދައްކައިފައި ހުރި މައިގަނޑު ވާހަކަތަކުގެ ޖަވާބު މި ދެވުނީއެވެ.

މީގެ އިތުރުން ވެސް އޭނާ ބައެއް ދަޢުވާތައް ކޮށްފައި ވެއެވެ. މިސާލެއްގެ ގޮތުން، ރާއްޖޭގައި ގިނަ ޢަދަދެއްގެ ބަޔަކު އެ މީހަކީ ލީޑަރެއް ކަމަށް ދެކެގެން އުޅޭ މީހަކާ ނިސްބަތް ކޮށް، އަޅުގަނޑުމެންގެ ތެރޭގައި ކީރިތި މާތް ނަބިއްޔާގެ ސުންނަތަށް ޢަމަލު ކުރާނޭ ސިޔާސީ ލީޑަރަކީ އެއީ ކަމަށް ބުނެފައި ވެއެވެ. އޭނާގެ މި ބުނުމާ ބެހޭގޮތުން ސުވާލުތަކެއް ކުރެވިދާނެއެވެ.

ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު، ކީރިތި ޤުރްއާނަށް ފުރައްސާރަ ކޮށް ފޮތް ލިޔުނު ސަލްމާން ރުޝްދީ ފަދަ މީހުންނާ އެކު ފޮޓޯ ނަންގަވައިއުޅުއްވާނެ ހެއްޔެވެ؟ އަޒްހަރު ޔުނިވަރުސިޓީ ފަދަ މުސްލިމް ޢިލްމީ މަރުކަޒުތަކަކީ ފަންޑިތަ ކިޔަވައިދޭ ތަންތަނޭ ވިދާޅުވެ އެ ތަންތަނާ ދިމާ ކުރައްވައިފާނެ ހެއްޔެވެ؟ މުސްލިމުންގެ ވެރިކަމުގެ ނިޒާމު ހިންގުމާ ބެހޭ ލަފަޔާއި އިރުޝާދު ދޭ ބައެއްގެ ގޮތުގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާއިން ފާދިރީންނާއި އިސްލާމޮފޯބުން ގެންނަވާނެ ހެއްޔެވެ؟ ރައްޔިތުންނާ މުޚާޠަބު ކޮށް ދައްކަވާ ވާހަކަތަކުގައި، ﷲ ގެ ޝަރީޢަތަކީ އަގެއް ނެތް އެއްޗެއްކަން ދޭހަ ވާ ގޮތަށް ވާހަކަ ދައްކަވާނެ ހެއްޔެވެ؟ ވެރިކަމުގައި ހުންނަވައިގެން، މުސްލިމުންގެ ބިންތަކުގައި ބަނގުރާޚާނާތައް އަޅުއްވާން މަސައްކަތް ކުރައްވާނެ ހެއްޔެވެ؟ "ވެރިކަމުގައި ހުރެގެން އަހަރެން ޤައުމުގެ ތަޢުލީމީ ނިޒާމު އިސްލާމް ދީނާ ދުރަށް ގެންދެވޭތޯ މަސައްކަތް ކުރީމޭ" ވިދާޅުވެ ވޮޝިންގޓަން ޕޯސްޓަށް ބަސްދީގަތުން ދެއްވައިފާނެ ހެއްޔެވެ؟ ކީރިތި މާތް ނަބިއްޔާއަށް ނުސީދާ ގޮތުން މައްލަވަ ކޮށް އެއްޗެހި ގޮވުން ކަމަށް ވާގޮތަށް "އަހަރެމެން 9 އަހަރުގެ އަންހެން ކުދީންނާ ނުއިންނާނަމޭ، ޖާރިޔާއިން ނުގެންގުޅޭނަމޭ، އަންހެން ކުދީން ޚިތާނެއް ނުކުރާނަމޭ" ބުނެ، އެންމެ ދަށު ދަރަޖައިގެ ބަހުރުވައިން ވާހަކަ ދައްކަވާނެ ހެއްޔެވެ؟ މުސްލިމުންގެ ލެއި ދުވާލާއި ރެއިގަނޑު އޮހޮރުވާ އިސްރާއީލާ އެކު ގާތް ގުޅުންތައް ޤާއިމު ކުރައްވާން ތެޅިފޮޅިވަޑައިގަންނަވާނެ ހެއްޔެވެ؟ "ދިވެހި ޤައުމު ހަތްވަނަ ޤަރުނުގެ ޢަރަބި ކަރަޔަށް ބަދަލު ކުރާން އުޅެނީއޭ" ވިދާޅުވެ ވަރަށް ސާފުކޮށް ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނު ބިނާ ކުރެއްވި އިސްލާމީ ދައުލަތަށް ނިސްބަތް ކޮށް ބަދު ބަސްތައް ވިދާޅުވާނެ ހެއްޔެވެ؟ އަހަރަކު ދެތިން ފަހަރު މައްކާ އާއި މަދީނާ މަތީން ލަންޑަނަށް އުދުހިވަޑައިގަންނަވާ އިރު، ޙައްޖާއި ޢުމްރާ ވެވަޑައިނުގެން ހުންނަވާނެ ހެއްޔެވެ؟ މުސްލިމުންގެ ލެއިން ފެންކުޅި ކުޅޭ ނަރެންދުރަ މޯދީ ފަދަ މީހުންނާ އެއް މަޖިލިހެއްގައި އުފާ ކުރައްވާން އިންނަވާނެ ހެއްޔެވެ؟ އެމްޑީއެނާއި އުތެމަ ފަދަ، ﷲ ގެ ދީނާ ޢަދާވާތްތެރި އަދި "ވޯރމްޓެއިލް ކޮމްޕްލެކްސް" ގެ ބަލި ތަޙައްމަލު ކުރާ މީހުން ކައިރި ކުރައްވައިގެން، އެމީހުންނަށް ދައުލަތުގެ ބޮޑެތި މަޤާމުތައް ދެއްވައިގެން އުޅުއްވައިފާނެ ހެއްޔެވެ؟ އެއް ޖިންސުން ގުޅުން ހިންގުމާއި އެކަން ކުރާ މީހުންގެ ޙިމާޔަތުގައި އުޅުއްވާނެ ހެއްޔެވެ؟ ... އަދިވެސް ކިތަންމެ ސުވާލެކެވެ. ނަމަވެސް މި ވަރުން ފުއްދައިލާނަމެވެ!

ކޮމެންޓް ކުރި މީހާ "ސެކިޔުލަރިޒަމް" އާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ވެސް އެއްޗެއް ދަންނަވައިލާނަމެވެ.

"ސެކިޔުލަރިޒަމް" ގެ ދެ މާނައެއް ނޯވެއެވެ. ސެކިޔުލަރިޒަމްގެ ކިތަންމެ "ބަދީލެއް" ހުރެދާނެއެވެ. "ސެކިޔުލަރިޒަމް" އެކިއެކި ޤައުމުތަކުގައި ތަންފީޒު ކުރެވޭ ގޮތްތައް ތަފާތު ވެދާނެއެވެ. ނަމަވެސް އޭގެ މާނަ އަކީ އެކައްޗެކެވެ. އާދޭހެވެ! "ސެކިޔުލަރިޒަމް" އަކީ ޤައުމެއްގައި މުޖުތަމަޢީ ނިޒާމާއި ސިޔާސީ ކިޔާނެއް ޤާއިމު ކުރެވޭ އިރު، ދައުލަތުން ބަލައިގަނެ ތަންފީޛު ކުރާ ވަކި ދީނެއް ނެތުމެވެ. ދައުލަތާއި އިޖުތިމާޢީ ނިޒާމު، ވަކި ދީނެއްގެ ތަޢުލީމާތުގެ މައްޗަށް ބިނާ ކުރެވި ބައްޓަން ކުރެވިފައި ނެތުމެވެ. އެހެން ޢިބާރާތަކުން ދަންނަވަންޏާ، "ސެކިޔުލަރިޒަމް" އެވެ ބުނެވެނީ ދައުލަތާއި އިޖުތިމާޢީ ނިޒާމު ވަކި ދީނަކަށް ތަބަޢަ ނުވުމަށެވެ. ދައުލަތާއި އިޖުތިމާޢީ ނިޒާމު، އެއްވެސް ދީނަކީ ތަބަޢަ ވެ ތަންފީޛު ކުރާން ޖެހޭ އެއްޗެއް ކަމުގައި ނުބެލުމެވެ. އެހެންކަމުން، "ސެކިޔުލަރިޒަމް" އަކީ ޙަޤީޤަތަށް ވާހަކަ ދައްކައި ބުނަންޏާ، "ސްޓޭޓް އެތެއިޒަމް" އެވެ. އާދެ، ވަކިވަކި ފަރުދުންގެ ތެރެއިން މީހަކު އިލާހަކު ވޮޑިގެން ވާކަން ޤަބޫލު ނުކުރީމާ އޭނާއަކީ "އެތީސްޓެއް" ނުވަތަ "އިލްޙާދީ" އަކަށް ވާ ފަދައިން، ދައުލަތުން ވެސް ދައުލަތް އެ އިލާހަކަށް ތަބަޢަ ވެ އެ އިލާހެއްގެ އަމުރުފުޅުތަކާ އެއްގޮތަށް އިންތިޒާމު ވާން ޖެހޭ އިލާހެއް ނެތް ކަމަށް ބަލާ ހިސާބުން، ދައުލަތް ވާނީ "އެތީސްޓް" އަކަށެވެ. ދައުލަތަކުން "އެތެއިޒަމް" ގެ ފަލްސަފާ ހިންގަންޏާ، އެ ކުރެވޭ ކަމަކީ "ސްޓޭޓް އެތެއިޒަމް" ކަމުގައި ނުވާނޭ ގޮތެއް ނެތެވެ. އޮޅުމެއް ނެތް ގޮތުގައި، މިއީ ކުފްރެވެ. އިންސާނާ ވެސް، އިންސާނާ ހަދާ ކޮންމެ ޖަމްޢިއްޔާ ޖަމާޢަތެއް ވެސް، އިންސާނާ ޤާއިމު ކުރާ ޤައުމެއް މުޖުތަމަޢެއް ދައުލަތެއް ވިޔަސް، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަން ގަތުމުގެ މުޠުލަޤު ވާޖިބުން ބަރީއައެއް ނުވެއެވެ. ދައުލަތަކުން އެ ވާޖިބަށް ފުރަގަސް ދީފިއްޔާ، ދައުލަތުން އެ ކުރާ ކަމަކީ ކުފްރެވެ!

ކޮމެންޓު ކުރި މީހާއަށް ކުރެވިފައި ވާ އަނެއް ކުށް ހީއަކީ، އެމެރިކާގެ ފައުންޑަރުންނާއި އެމީހުން ލިޔުނު ދުސްތޫރުގައި "ހުރިހައި ދީނެއް ޙިމާޔަތް ކުރުމަށް" މަސައްކަތް ކުރިކަމުގެ ކުށްހީއެވެ. އެމެރިކާގެ ދުސްތޫރީ ނިޒާމުގައި އޮންނަ ގޮތުން، އަދި ފައުންޑަރުންގެ ފަލްސަފާގައި، ރައްޔިތުންނަށް ދީނީ މިނިވަންކަން ދިނުމާ އެކު، ދައުލަތުން އެއްވެސް ދީނެއް "ޤާއިމު ކޮށް، ޙިމާޔަތް ކޮށް، ރައްކައުތެރި ކޮށް، ކުރި އަރުވައިދީގެން" ވެސް ނުވާނެއެވެ. މި އުޞޫލު އެ ޤައުމުގެ ޤާނޫނުއަސާސީގެ "ފަރސްޓް އެމެންޑްމެންޓް" ގައި އޮންނާނެއެވެ.

އެންމެ ފަހު ނުކުތާއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރާނީ، ދިވެހިރާއްޖޭގައި ތިއްބެވި ދީނީ "ޢިލްމުވެރީން" ނޭ ކިޔައިގެން، ކޮމެންޓް ކުރި މީހާ ދައްކައިފައި ހުރި ބައެއް ވާހަކަތަކާ ގުޅޭ ނުކުތާއެކެވެ! ޔުނިވަރުސިޓީއަކުން ޑިގްރީއެއް ނުވަތަ މާސްޓަރޒް ފާހެއް ނަގާ އިރަށް، މީހަކު "ދީނީ ޢިލްމުވެރިޔަކަށް" ނުވެއެވެ. މިއީ ހަމައެކަނި ދީނީ ޢިލްމާ މެދު އޮތް ގޮތެއް ނޫނެވެ. މީހަކު އެކައުންޓިންގ ދާއިރާއިން ޑިގްރީއެއް ނަގާ އިރަށް، އޭނާ އަކީ އެކައުންޓިންގގެ ދާއިރާގައި ބޮޑު ޢިލްމުވެރިޔަކަށް ވޭހެއްޔެވެ؟ މީހަކު އެމްބީބީއެސް ނަގައިލާ އިރަށް، އޭނާ އަކީ ޞިއްޙީ ކަންކަމާއި ބޭސްފަރުވާގެ ދާއިރާގައި ޢާއްމުންނަށާއި މުޅި މުޖުތަމަޢަށް މަގު ދައްކައިދީ ތަޤުރީރު ކުރަމުން ހިނގާވަރުގެ ބޮޑު ޢިލްމުވެރިޔަކަށް އެ ދާއިރާއިން ބަލައިގަނޭ ހެއްޔެވެ؟ ޤާނޫނީ ދާއިރާއިން ޑިގްރީގަނޑެއް ނަގައިލާ އިރަށް، އެ މީހަކީ ޤާނޫނާ ބެހޭގޮތުން މުޅި ޤައުމަށް ލެކްޗަރު ދެމުން ހިނގާ ވަރުގެ ބޮޑު ޤާނޫނީ ޢިލްމުވެރިޔެއް ކަމަށް ބުއްދި ހަމަޖެހޭ މީހުން ބަލާ ހެއްޔެވެ؟ ޝައްކެއް ނެތެވެ! މިއިން އެއްވެސް ޙާލަތެއްގައި، އަދި ޢިލްމާއި ފަންނުތަކާއި ހުނަރުތަކުގެ އެހެން ދާއިރާތަކުގައި ވެސް، ޑިގްރީއެއް ނުވަތަ މާސްޓަރޒްއެއް ހަމަ ފުރިހަމަ ކޮށްލާ އިރަކަށް، މީހަކު އެ ދާއިރާގެ ބޮޑު ޢިލްމުވެރިޔަކަށް ނުވެއެވެ. އެ އުޞޫލުން، ރާއްޖޭގައި ސުޢޫދީ ޢަރަބިއްޔާ ނުވަތަ މިޞްރު ނުވަތަ މެލޭޝިޔާގެ ޔުނިވަރުސިޓިތަކުން ދީނީ ތަޢުލީމުގެ ދާއިރާތަކުން ޑިގްރީ އާއި މާސްޓަރޒް އާއި – އަދި ޕީއެޗްޑީ ވެސް – ޙާޞިލު ކުރައްވައިގެން ތިއްބެވި ބެއިފުޅުން ތިއްބެވިޔަސް، އެއިން ބެއިފުޅަކު އެއްޗެއް ވިދާޅުވާ އިރަށް، އެއީ އިސްލާމީ އުއްމަތުގެ ޢިލްމުވެރީންގެ ބަސް ކަމުގައި ހަދައިގެން އުޅުމަކީ ވަރަށް ވެސް ތާކުންތާކު ނުޖެހޭ ކަމެކެވެ. މި ދެންނެވި "ޑިގްރީ-ހޯލްޑަރުންގެ" ތެރެއިން މީހަކު ނުވަތަ ބަޔަކު ޔަހޫދީންނަށް އެއްޗެތި ގޮވާ އިރަށް، އިސްލާމް ދީނަކީ "އެންޓި-ސެމިޓިޒަމް" ގެ ދީނެކޭ ބުނެވޭނޭ ގޮތެއް ނޯންނާނެއެވެ. މި ގޮތަށް، އާދައިގެ "ޑިގްރީ ހޯލްޑަރުން" ދައްކާހައި ވާހަކަތަކަކީ އިސްލާމީ އުއްމަތުގެ ޢާލިމުންގެ ބަސް ކަމުގައި ހަދައިގެން އުޅުމަކީ މި އުއްމަތުގެ ޙަޤީޤީ ޢިލްމުވެރީންނަށް ކުރެވޭ ބޮޑު ބޭއިންޞާފެކެވެ!

ގުޅޭ ޓެގު
comment ކޮމެންޓް