މައިލޯ ޓީ ޓްވެންޓީ ކްރިކެޓް ލީގުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ މިލާން ކްރިކެޓް އެކެޑަމީ ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީއަށް ލިބުނީ، މިއަދު މެންދުރުފަހު ކުޅުމަށް ހަމަޖެހިފައިވި މެޗަށް ކޮމެޓްސްގެ ޓީމް ހާޒިރުނުމުން ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާފައެވެ. މިހާތަނަށް ކުޅުނު އަށް މެޗުން 24 ޕޮއިންޓާއެކު މިލާން އުޅެނީ ތާވަލްގެ އެއްވަނާގައެވެ.
މިއަދު ހެނދުނު ކުޅުނު ލީގްގެ 41 ވަނަ މެޗުގައި ބައްދަލުކުރީ ނިއުސްޓާއާއި މާލޭ ވެޓްރަންސްއެވެ. މިމެޗް މާލޭ ވެޓްރަންސް ކާމިޔާބުކުރީ ހަ ވިކެޓުންއެވެ. ނިއުސްޓަރ 20 އޯވަރު ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 117 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އެންމެ ގިނަ ލަނޑު ހެދީ، 38 ލަނޑު ހެދި ކެޕްޓަން މަނޯ 38 އާއި 21 ލަނޑު ހެދި ޝާހިދެވެ.
ޖަވާބުގައި މާލޭ ވެޓްރަންސް ކުޅެންއަރާ 16 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 118 ލަނޑެވެ. އެންމެ ގިނަ ލަނޑު ހެދީ ނުބައިނުވެ 54 ލަނޑުހެދި ތާރަކަ އާއި 22 ލަނޑުހެދި ޕިޔާލްއެވެ.
ލީގްގެ އެންމެ މޮޅު ހަތަރު ޓީމްގެ މެދުގައި ވަނީ ޕްރެޒިޑެންޓް ކަޕް ކުޅޭގޮތަށް ހަމަޖެހިފައެވެ. މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، މިލާން، ވެޓްރަންސް އަދި މާލޭ ސްޕޯޓްސް ވަނީ އެ މުބާރާތުގެ ޖާގަ ކަށަވަރު ކޮށްފައެވެ.
މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ މަހުގެ ތިނެއްވާ ބުރާސްފަތި ދުވަހުއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އޮފް އެފް ސީ އާއި އައިޒީއެވެ. ދެވަނަ މެޗުގައި މިލާން ކްރިކެޓް އެކެޑަމީ ނިކުންނާނީ ވިޔާންޒާ އާ ދެކޮޅަށެވެ.