ގުޅުންތައް އަލުން މުރާޖާ ކުރާނެކަމަށް ބުނެ އެމެރިކާ ދިން އިންޒާރާމެދު ކަންބޮޑެއްނުވޭ: ސައޫދީ

އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރު ރީމާ ބިންތު ބަންދަރު

ރިޔާޟް (28 އޮކްޓޯބަރު 2022): ސައޫދީއާއެކު އޮންނަ ގުޅުންތައް އަލުން މުރާޖާ ކުރާނެކަމަށް އެމެރިކާ ދިން އިންޒާރާމެދު ކަންބޮޑުނުވާ ކަމަށް ވޮޝިންޓަންގައި ހުންނަވާ ސައޫދީ ސަފީރު ރީމާ ބިންތު ބަންދަރު ވިދާޅުވެއްޖެއެވެ.

ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި ރީމާ ވިދާޅުވީ ސައޫދީއާއެކު އޮންނަ ގުޅުންތައް އަލުން މުރާޖާ ކުރަން ބޭނުންނަމަ އެމެރިކާ އެކަން ކުރަންވީ ކަމަށާއި އެއީ އެމެރިކާއަށް ލިބިފައިވާ މިނިވަން ކަމެއް ކަމަށެވެ. އަދި އެއީ ސައޫދީ ކަންބޮޑުވާ ކަމެއްނޫން ކަމަށެވެ.

ރީމާ ވިދާޅުވިގޮތުގައި އެމެރިކާ ސައޫދީއާމެދު މިހާރުވެސް ދެކެނީ އެންމެ ކުރީއްސުރެވެސް ދެކޭގޮތަށް ކަމަށާއި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކުވެސް އެމެރިކާގެ ވިސްނުމާއި މެންޓަލިޓީއަށް އެއްވެސް ބަދަލެއް އަންނަތަން ނުފެންނަ ކަމުގައެވެ. ނަމަވެސް ސައޫދީ ސިޔާސަތަށް މިހާރު އިސްލާހީ ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ރީމާ ފާހަގަ ކުރެއްވިއެވެ.

"ސައޫދީ އިސްކަންދޭ ކަންކަމާއި ސައޫދީގެ ގައުމީ މަސްލަހަތާގުޅޭ ކަންކަމާއި ސައޫދީގެ އެތެރޭގެ ކަންކަމަށްވެސް ފާއިތުވި އަހަރުތަކުގައި ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ނަމަވެސް އެމެރިކާ ފެންނަނީ އެހެންގައުމުތަކާމެދު އެމެރިކާ ގެންގުޅޭ ވިސްނުމާއި ފިކުރަށް ބަދަލެއް ނުގެނަސް އުޅޭ ގައުމެއްގެ ގޮތުގައި،" ރީމާ ވިދާޅުވިއެވެ.

އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރު ރީމާ، ސީއެންއެން އަށް ބަސްދީގަތުން ދެއްވަނީ

ސީއެންއެން އަށް ދެއްވި ބަސްދީގަތުމުގައި ރީމާ ދެއްކެވި ވާހަކައިގެ ރާގު ހުރީ ކުރިން ސައޫދީ ސަފީރުން އެމެރިކާއާމެދު ވާހަކަ ދައްކަވާގޮތާ ޚިލާފަށް ވަރަށް އަމިއްލަވަންތަ އަދި ތަހައްދީގެ ނަޒަރަކުންނެވެ. މިގޮތުން ސައޫދީ އިސްކަންދޭނީ އެގައުމުގެ މަސްލަހަތަށް ކަމަށް އެތައް ފަހަރަކު ރީމާ ވިދާޅުވިއެވެ. މީގެކުރިން ސައޫދީ މަސްއޫލުވެރިންގެ ވާހަކަފުޅުގައި ސައޫދީ މަސްލަހަތަށް އިސްކަންދޭ ވާހަކަ އެހާބޮޑަށް ދައްކަވާފައެއް ނުވެއެވެ.

ކުރިން ސައޫދީގެ ވަރަށް ގިނަ ސިޔާސަތުތަކަކީ އެމެރިކާގެ ފޯނު ކޯލަކުން އެމެރިކާ އެދޭގޮތަށް ދީލާލާގޮތަށް އޮންނަ ތަސައްރަފު ނުފުދޭ ޚާރިޖީ ސިޔާސަތެއްކަމަށް މުހައްލިލުން ސިފަކުރައްވައެވެ. ނަމަވެސް ތެޔޮއުފައްދާ މިންވަރު އިތުރު ކުރުމަށް އެދި މިފަހަރު އެމެރިކާއިން އެތައް ފަހަރަކު ސައޫދީއަށް އިލްތިމާސް ކުރުމުންވެސް ސައޫދީ ވަނީ އެމެރިކާ އެދުނު ގޮތަށް ދީލާނުލައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމުގެ ބަދަލުގައި ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައެވެ.

މިކަމުގެ ސަބަބުން ފައިދާ ލިބޭނީ ރަޝިއާއަށް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އެނޫންވެސް އިސް މަސްއޫލުވެރިންވަނީ ސައޫދީއާމެދު މާޔޫސްވެއްޖެ ކަމަށް ވިދާޅުވެ ސައުދީއާއެކު އެމެރިކާ ގެންގުޅޭ ސިޔާސަތު އަލުން މުރާޖާ ކުރާނެކަމުގެ އިންޒާރު ދެއްވާފައެވެ. އެމެރިކާގެ މި އިންޒާރާއެކުވެސް ސައޫދީ ވަނީ އެކަމާމެދު ކަންބޮޑުނުވާކަމާއި ސައޫދީއަކީ ތަސައްރަފު ފުދިފައިވާ ގައުމެއްކަމަށް ސިފަކޮށްފައެވެ.

ސައޫދީއަށް އެންމެ ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަޑައިގަތުމުންވެސް އެގައުމުން ދިނީ އާދަޔާ ޚިލާފު ފިނި ތަރުހީބެކެވެ. ޖިއްދާގެ އެއާޕޯޓްގައި ރައީސް ބައިޑެންއަށް މަރުހަބާ ދެންނެވުމަށް ވަޒީރުން ފެންވަރުގެ ބޭފުޅަކުވެސް ފޮނުއްވާފައެއް ނުވެއެވެ. ފޮނުއްވީ ގަވަރުނަރު ފެންވަރުގެ ބޭފުޅެކެވެ.

އެމެރިކާ ބުނާހާގޮތަށް ހަދާ ސައޫދީގެ ފަރާތުން މިހާރު ފެންނަމުންމިދާ މަންޒަރުތަކުން އެމެރިކާވަނީ ވަރަށް ހިތްދަތިވެ މާޔޫސްވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ސައޫދީއާ ދެކޮޅަށް ފިޔަވަޅެއް އެޅުމަކީވެސް އެމެރިކާއަށް ކުރަންކެރޭނެ ކަމެއްނޫންކަމަށް މުހައްލިލުން ދެކެއެވެ.

comment ކޮމެންޓް