މޮރިޝަސްއަށް ފޮނުވި ސިޓީގެ މައުލޫމާތު ކާނަލް ނާޒިމާއި ގާސިމަށް އެނގޭނެ: ރައީސް ޔާމީނު

މަނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިނު ވާހަކަދައްކަވަނީ-- ފޮޓޯ/ޕީޕީއެމް

ފޯޅަވަހި މައްސަލައިގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ދެ ބޭފުޅުންނަކީ އެމްއެންޕީގެ ރައީސް ކާނަލް ނާޒިމާއި ޖޫމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ރައީސް ޢަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މަނަދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ފޯޅަވަހި މައްސަލަ ފެންމަތިވެގެން މި އުޅެނީ 2019 ވަނަ އަހަރު ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ކަމަށް ބުނާ ސިޓީއާ ހިސާބުންކަމަށެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވި ދުވަސްވަރު ރައީސް ޞާލިޙުގެ އަރިހުގައި އެންމެ ގާތްކޮށް މަސައްކަތްކުރެއްވި ދެ ބޭފުޅުންނަކީ ކާނަލް ނާޒިމާއި ގާސިމް އިބްރާހީމް ކަމަށާއި، މި ދެ ބޭފުޅުންނަށް އެ ސިޓީގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެގާތް އަޚުންގެ ގޮތުގައި އެންމެގާތް މުޝީރުންގެ ގޮތުގައި ގެންގުޅުއްވި ދެ ބޭފުޅުންނަކީ ކާނަލް ނާޒިމާއި ގާސިމް. އެހެންވީމައި 2019 ގައި ފޮނުއްވި އެ ސިޓީގެ މައުލޫމާތު އެ ދެބޭފުޅުންނަށް އެނގިފަ އޮންނާނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކާނަލް ނާޒިމުމެން ރަށްރަށަށް ވަޑައިގެން ބާއްވާ ޖަލްސާތަކުގައި ތިމަންނާމެންގެ ވެރިކަމުގައި ފޯޅަވަހި ދިވެހިންނަށް ހޯދައިދޭނޭކަމަށް ވިދާޅުވާ އިރު، އެވާހަކަތަކުގައި އެއްވެސް ކަހަލަ އަސާސެއް ނެތްކަމަށެވެ.

"ބައިނަލްއަގުވާމީ ސިޔާސީ ވާހަކައެއް މި ދައްކަނީ. ގެއްލިފައި އޮންނަ އެކަހަލަ ބިމެއް، ސިޔާސީ ގޮތުން ތަސައްރަފު ނުފުދިގެން ދޫކޮށްލާފައި އޮތް ބިމެއް ނުވަތަ ގައުމެއް ހޯދާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. އެގޮތަށް ދީފައި އޮތް ތަނެއް އަލުން އަނބުރާ ހޯދާނެ ގޮތެއް ނުވިސްނޭ. އަޅުގަނޑުމެންގެ އަތުގައި ނެތް ރަޝިޔާގައި ހުންނަ ކަހަލަ ހަނގުރާމަކުރުމުގެ ގާބިލްކަމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ފޯޅަވަހި މައްސަލައިގައި ރައީސް ޔާމީންގެ ތުހުމަތުތަކެއް ކާނަލް ނާޒިމާއި ގާސިމް އިބްރާހިމަށް ކޮށްފައިވާއިރު، ރާއްޖެ އިސްލާވި ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، ފޯޅަވަހި މައްސަލައިގައި އެއްވެސް ސަރުކާރަކާ ވާހަކަ ދައްކަވާފައި ނުވާނޭކަމަށެވެ.

އެ މައްސަލައިގައި، އެކި ސަރުކާރުތަކުން އެކި ފަރާތްތަކާ ވާހަކަ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއްބަޔަކު އިނގިރޭސިވިލާތާ ވާހަކަތައް ކުރިއަށްގެންދިޔައިރު، އަނެއްބަޔަކު މޮރިޝަސްއާ ވާހަކަތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައި ފުށުއަރާ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ކަމަށާއި، ވަކި ސަރުކާރަކާ އެކީ މި ވާހަކަތައް ކުރިއަށް ނުގެންދާކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ފޯޅަވަހި މައްސަލައިގައި މި އަހަރު އދ.ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވައިފައެވެ.

އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަންގާފައިވާ ގޮތަށް، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް ނަގާ ވޯޓެކެވެ. އެ ވޯޓުގެ ސަބަބުން، ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް