ތަފާތު ގޮތަކަށް އެއްޗެހި ފެންނަ ބައެއްގެ ވާހަކަ

ފޮޓޯ/ ފޮރެސްޓްވޯންޑަރ. ކޮމް

ބުއްދި ސަލާމަތުން ހުއްޓަސް އަދި ކޮންމެ މީހަކީ ތިމާގެ ވަށައިގެން ހިނގާ ކަންތައްތަކާމެދު ވިސްނައި ފިކުރުކޮށްގެން ދިރިއުޅޭ މީހެއްނޫނެވެ. ވަރަށް ގިނަ މީހުންނަކީ އެމީހާގެ ނޭފަތު ކުރިއަށްވުރެ ދުރަށް ނަޒަރު ހިންގައިލުމުގެ ގާބިލުކަން ނެތް މީހުންނެވެ. ނުވަތަ އެއަށްވުރެ ދުރަށް ވިސްނަން ބޭނުން ނުވާ މީހުންނެވެ. އެފަދަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ތަބާވާންޖެހޭ ޤާނޫނެއް ގަވާއިދެއް ނުވެއެވެ. ސަމާލުކަން ދޭންޖެހޭ އުސޫލެއް އާދަކާދައެއްވެސް ނުވެއެވެ. މިފަދަ މީހުން ހިނދުކޮޅަކަށް ނަމަވެސް ހަމައިގައި ބައިތިއްބުމަށްޓަކައި ކުރެވޭ އެއްކަމަކީ، އާއްމު ތަންތަނުގައި ތަފާތު ނިޝާންތަކާއި ލިޔުންތައް ހަރުކޮށްފައި ބެހެއްޓުމެވެ.

ހަމައެއް ލަމައެއްނެތި، ޖެހުނު ކޮންމެ ތަނެއްގައި، ހިތަށް އެރި ކޮންމެ ވަގުތެއްގައި "ނުބައިވެގެންވާ އަމަލެއް" ކުރާ މީހުން ސަމާލު ކުރުވުމަށްޓަކައި އިމާރާތްތަކާއި އާއްމު ތަންތަނުގައި ހަރުކޮށްފައި ހުންނަ އެއް ބޯޑަކީ "ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން" އަންގައިދޭ ބޯޑެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްކަން އަންގައިދޭ ބޯޑެއް --- ސަން ފޮޓޯ

މަތީގައި އެވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް އިންޒާރު ދީފައިވާ ބޯޑެކެވެ. ލިޔަން ކިޔަން ނުދަންނަ މީހުންވެސް އުޅޭނެކަމަށްޓަކައި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ނިޝާންވެސް ބޯޑުގައި އެބަ ވެއެވެ. އަދި ބޯޑުގައިވާ ކުލައާއި އެބޯޑު ފަރުމާކޮށްފައިވާ ގޮތުންވެސް އެއީ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ބޯޑެއްކަން ދެނެގަންނަން ފަސޭހަކޮށްދެއެވެ. ކަންމިހެން އޮތްނަމަވެސް، އެ ބޯޑުގައިވާ ލިޔުމާއި އޭގައިވާ ނިޝާންތައް އެކޮޅުކޮޅުން ފެންނަ މީހުން ވަރަށް ގިނައެވެ. އެ ބޯޑު ބަހައްޓާފައި ހުންނަ ހަމަ ކޮންމެ ތަނެއްގައިމެ ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.

ސައި ހޮޓާ, ކެފޭ ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުން އެކަން ކުރާއިރު، އެއީ މަނާކަމެއްކަން އަންގައިދޭ ބޯޑު ކުރިމަތިން ނުވަތަ ފަހަތުން ފެންނަން ހުންނާނެއެވެ. ފަޚުރުވެރި ގޮތަކަށް ދުންގަނޑު ދަމާ ދޫކުރަމުންދާއިރު، އެ އަމަލަށް ނަފުރަތުކޮށް އެކަމުން ތުރާވާ މީހުން އެތަނުގައި ތިބޭނެކަން އެނގޭނެވެސް މެއެވެ. މިބުނި ކަހަލަ މީހުންގެ މޫނު މައްޗަށް ދުންގަނޑު އަރުވައިގަތީމައި އުނދަގޫވެ މޫނު ހަދައިގެން ތިބޭ ތަން ފެންނާނެވެސް މެއެވެ. އެކަމަކުވެސް ... ކުރާނެ ކަމެއް އަދި ކުރެވޭނެ ކަމެއްވެސް ނެތެވެ!! އެއީ އެ ދަމާ ދޫކުރާ މީހާއަށް ލިބިގެންވާ މިނިވަންކަމެއް އަދި ހައްގެއްކަމަށް އޭނާ ދެކެއެވެ. އުނދަގޫވާ މީހަކުނަމަ އަމިއްލައަށް އެތަނުން ދުރަށް ދާށެވެ. ނަމަވެސް އަދުލުވެރި ވިސްނުމަކުން ވިސްނައިފިނަމަ .... އެ ބުނާ މިނިވަންކަމާއި ހައްގު އޮންނާނީ ވަކި އިމެއްގެ ތެރޭގައިކަން ދަންނަންޖެހޭނެއެވެ. މަސްލަހަތުތަކެއް ހިމާޔަތް ކުރުމަށްޓަކައި، ދުންފަތުގެ އިސްތިއުމާލުކުރުން "މަނާ ކޮށްފައިވާ ތަންތަނުގައި" އެ އަމަލު ކުރުމުގެ މިނިވަންކަމެއް އަދި ހައްގެއް އެކަކަށްވެސް ނޯންނާނެއެވެ!

ނުބައި ވަހާއެކު ނުރައްކާތެރި ދުންތައް އެހެންމީހުންގެ މޫނަށް ބުރުވައި ގެއްލުންދޭއިރު، އެކަމާ ނުރުހޭ މީހަކުވިއްޔާ އަމިއްލައަށް ދުރަށް ދާންޖެހޭކަމަށް ދެކޭ މީހާގެ ބުއްދި ކޮބައިހެއްޔެވެ؟ މިސާލަކަށް އެފަދަ މީހާ ނުރުހޭކަމެއް އެހެންމީހެއްގެ ފަރާތުން ކުރިމަތިވުމުން، ހަމަ ހީލާފައި އެމީހަކަށް ސާބަސް ދޭނީހެއްޔެވެ؟ ހައްގާއި މިނިވަންކަމަކީ ތިމާއަށް އެކަނި އޮންނަ އެއްޗެއްކަމަށް ދެކިގެން އުޅޭ އިންސާނުންނެކޭ ޖަނަވާރުންނެކޭ ވަކި ތަފާތެއް ކޮބައިހެއްޔެވެ؟

މަގުމަތީގެ ކުރެހުން ދައްކައިދޭ ފޮޓޯއެއް --- ފޮޓޯ/ ކޯޕަރޭޓްމޯލްޑިވްސް.ކޮމް

ދެކޮޅަށް ދުއްވާ މަގުތަކުގައި، މަގު މެދުގައި ރޮނގެއް ދަމައި ދެބައިކޮށްފައި ހުރެއެވެ. ގަވާއިދު ބުނާގޮތުން ކޮންމެ އުޅަނދެއްވެސް ދުއްވަންޖެހޭނީ މަގުގެ ވާތް ފަރާތުންނެވެ. ކަން މިހެން އޮތަސް ... އެފަދަ މަގުތަކުގައި ދުއްވާ އެކި އުމުރުގެ ވަރަށް ގިނަ މީހުންނަށް ޓުރެފިކު ރޮނގުތައް ފެންނަނީ އެކޮޅުކޮޅުންނެވެ! ދާންބޭނުންވެއްޖެނަމަ މަގުގެ ކޮންމެ ފަރާތެއްވެސް އެއީ އެމީހުންނަށް ވާތް ފަރާތެވެ. ކުރިމަތިން ކިތަންމެ ބާރަށް އަދި ކިތަންމެ ގިނައިން އުޅަނދުތައް ދުއްވާފައި އަންނަތަން ފެނުނަސް ފަރުވާލެއްނެތެވެ. އަމިއްލަ ނަފުސާއި އަނެކާގެ ފުރާނައާމެދު ވިސްނައިލެވޭވަރަށް ވުރެ މާބޮޑަށް ވަގުތު ކުޑަތަން ވެފައިވާތީ ދެވުނު ގޮތަކަށް އެމީހުން ދާނެއެވެ. ޖެހޭ ތާކު ޖެހެންވީއެވެ. މަރުވާމީހަކު މަރުވާންވީއެވެ. ވީމާ، މަންޒަރު ފެނި ބިރުގަންނަ މީހުންނާއި ގަވާއިދަށް އުޅެން ބޭނުންވާ މީހުން ނުރުހޭނަމަ މަގުމައްޗަށް ނުނިކުމެ ތިބެންވީއެވެ. ކުރާނެ ކަމެއް އަދި ކުރެވޭނެ ކަމެއްވެސް ނެތެވެ!!

މި ލިޔުމުގައި ފާހަގަ ކުރި ދެމައްސަލައާމެދުވެސް، "ކުރާނެ ކަމެއް އަދި ކުރެވޭނެ ކަމެއްވެސް ނެތް" ކަމަށް ބުނެފައި އެވަނީ ސަބަބެއް ނެތިއެއްނޫނެވެ. އިސްލާހަށް މަސައްކަތް ކުރާ އާއްމު ރައްޔިތަކަށް ކުރެވޭނެ އެއްކަމަކީ، ނޭއްގާނީކަން ދައްކާ މީހާއަށް ނަސޭހަތް ދިނުމެވެ. ނަމަވެސް އަޑުއަހަން ތިބި ގިނަ މީހުންގެ އަދަބު އަޚުލާގު މިހާރު ހުރި ފެންވަރަށް ބަލާއިރު އެކަން އެގޮތަށް ކުރެވޭނެ މާހައުލެއް ނެތްކަމަށް ބުނެވިދާނެއެވެ. ނަސޭހަތް ދޭން އަނގަ ހުޅުވައިލާއިރަށް .... ރުޅިވެރިކަމާއެކު ރައްދުގައި ކުރިމަތިލާނެއެވެ. ބެހޭކަމެއްނޫންކަމަށާއި އަމިއްލަ މިނިވަންކަމާ ނުބެހުމަށް ބުނެ އިންޒާރު ދޭނެއެވެ. މިކަން ތަޖުރިބާ ކޮށްފައިވާ ކިތަންމެ ބަޔަކު އެބަ ތިއްބެވެ.

އިސްލާހު ކުރުމަށްޓަކައި ކުރެވޭނެ ދެވަނަ ކަމަކީ، ގަވާއިދާ ޚިލާފުވާ ފަރާތްތައް ރިޕޯޓު ކުރުމެވެ. ނަމަވެސް ... މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ރިޕޯޓުކުރުމަށް ޖަހާފައި އޮންނަ ނަންބަރަކީވެސް "ހަމައެކަނި ނަންބަރެއް" ކަން އެނގޭނީ އެ ނަންބަރަށް ގުޅި މީހަކަށެވެ. ހަމަ ގައިމު އަހަރެން އެ ނަންބަރަށް ގުޅަން އެތައް ފަހަރަކު މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެއީ ފަހަރެއްގައި "ޓެކްނިކަލް މައްސަލައަކާ ހުރެ" ނުގުޅެނީކަމަށްވެސް ވެދާނެއެވެ. ޤާނޫނު ތަންފީޒުކުރާ މުވައްޒަފުވެސް ފޯނާ ކުޅެމުން ނުވަތަ ނުބައި ލޭނުން ދުންކަނޑާފައި ދާތަން މަދުން ނަމަވެސް ފެނުމުން ... އޭނާގެވެސް ކޮންމެވެސް ޒަރޫރަތެއް އޮތީތާއޭ މީހަކު ހިތަށް އަރާފާނެއެވެ.

މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުނުވާތީ އެކަމާ ކަންބޮޑުވެ ގޮތް ހުސްވިޔަސް، އުއްމީދު ކަނޑާލައިގެން ނުވާނެއެވެ. އެންމެ ފުރަތަމަ އަމިއްލަ ނަފުސު ހަމަ މަގުގައި ބަހައްޓަން މަސައްކަތް ކުރަމާ ހިނގާށެވެ. އެއަށްފަހުގައި، ގާތް މީހުންނަށާއި ދަންނަ މީހުންނަށް ނަސޭހަތްތެރިވަމާ ހިނގާށެވެ. ފަހަރެއްގައި ނުގޮތަކަށް ކަމެއް ހިނގާފައި އޮތަސް، ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަން ވެސް ރައްޔިތުންނަށް ލިބޭނެކަން ޔަގީންކުރަންވާނެއެވެ. އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަގުތަކަށް އަމަލުކޮށް، ޤާނޫނާއި ގަވާއިދުތަކަށް ތަބާވުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް