މިހާރު ކުރިއަށްދާ މައިލޯ ޓްވެންޓީ ޓްވެންޓީ ކުރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް މާލޭ ސްޕޯޓްސް އާއި ވެސްޓް ކާމިޔާބުކޮށްފިއެވެ.
މިއަދު ކުޅުނު ފުރަތަމަ މެޗުގައި މާލޭ ސްޕޯޓްސް ނިކުތީ އައިޒީއާ ދެކޮޅަށެވެ. މިމެޗު މާލޭ ސްޕޯޓްސް ކްލަބް ކާމިޔާބުކުރީ 74 ލަނޑުންނެވެ. މެޗު ގުރު ދިމާވުމުން މާލޭ ސްޕޯރޓްސް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 177 ލަނޑުއެވެ.
މި އިނިންސް ގައި މާލޭ ސްޕޯޓްސްއަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ، ފާއިޒް (55 ލަނޑު)، ޢަބްދުﷲ (56 ލަނޑު)، އަދި ސިޔާމް (29 ލަނޑު)އެވެ. މެޗުގައި މާލޭ ސްޕޯޓްސްގެ ހަބީބް ވަނީ 38 ލަނޑަށް ތިން ވިކެޓް ނަގާފައެވެ.
ޖަވާބުގައި އައިޒީ ކުޅެންއަރާ 20 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 103 ލަނޑެއެވެ. އައިޒީއަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 43 ލަނޑު ހެދި އިރަންދަ ބަންޑާރައެވެ.
މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކްލަބުގެ ފާއިޒެވެ.

ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު މާލޭ ސްޕޯރޓްސް ކްލަބުގެ ފާއިޒަށް ޓްރޮފީ ހަވާލުކުރަނީ-- ފޮޓޯ/ކްރިކެޓް ބޯރޑް
މިއަދު ކުޅުނު ދެވަނަ މެޗް ނިއުސްޓާ އާއި ބައްދަލުކޮށް ވެސްޓް ކާމިޔާބުކުރީ ހަ ވިކެޓުންނެވެ.
ގުރުދިމާވުމުން ނިއުސްޓާ ގަސްދުކުރީ ކުޅުމަށެވެ. ވިހި އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ނިއުސްޓާއަށް ހެދިފައިވަނީ 149 ލަނޑެވެ. މި އިނިންސްގައި ސަފީގް 35 ލަނޑު ހެދިއިރު އާނަންދު ވަނީ، 40 ލަނޑު ހަދާފައެވެ. ޖަވާބުގައި ވެސްޓް ކުޅެންއަރާ 18 ވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 152 ލަނޑުހަދާ މެޗް ކާމިޔާބު ކުރިއެވެ. ވެސްޓަށް އެންމެ ގިނަ ލަނޑު ހަދާފައިވަނީ 40 ލަނޑުހެދި ކަށުން، އާއި ނުބައިނުވެ 55 ލަނޑު ހެދި ދިނޭސް އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ދިނޭސްއެވެ.

ދެވަނަ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ވެސްޓްގެ ދިނޭސްއަށް ޓްރޮފީ ހަވާލުކުރަނީ-- ފޮޓޯ/ކްރިކެޓް ބޯރޑް
މުބާރާތުގައި މާދަމާ ދެމެޗް ކުޅެވޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވިޔާންޒާއާއި މާލޭ ސްޕޯޓްސް ކްލަބެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އޮފް އެފް ސީއާއި މިލާން ކްރިކެޓް އެކަޑަމީއެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައެވެ.