ޒުވާނުންނާއި ކުޑަކުދިން ދީނާ ދުރުކުރަން ބަޔަކު މަސައްކަތް ކުރޭ، މިކަމަށް ސަމާލުވާން ޖެހޭ: ސިޔާމް

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދިން އިސްލާމް ދީނާ ދުރުކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ މެދު ސަމާލުވެ، އެފަދަ ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ޚިޠާބުގައި ވަނީ މި ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އެމްޑީއޭގެ ހުރިހާ މެމްބަރުންނަށް ފޮނުއްވައިފައެވެ.

އެ ޚިޠާބުގައި ސިޔާމް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ވެސް، މި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮންނަ އޮތުން ހަޖަމުނުވާ ބައެއްގެ އުނދަގޫ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ.

"މިގައުމުގެ ޒުވާނުންނާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން އިސްލާމް ދީނާ ދުރުކުރުމުގެ ނުރައްކާތެރި މަސައްކަތްތަކެއް ބަޔަކު ދަނީ ހިންގަމުން. އެހެންކަމުން، ހުރިހާ ރައްޔިތުން ވެސް މިކަމާމެދު ސަމާލުވެ، މިފަދަ ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ އިސްލާމްދީނުގެ ހިދާޔަތަކީ ދިވެހިންނަށް ލިބުނު އެންމެ ފުރިހަމަ، އެންމެ އަގު ބޮޑު ނިއުމަތް ކަމަށެވެ. އަދި މި ނިއުމަތް މިހާ ހިސާބަށް ގެނެސްދެއްވުމުގައި މެދުވެރިއަކަށް ވެލެއްވި އެންމެހައި ފަރާތްތަކުގެ ޒިކުރާ އައުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ރާއްޖެއަށް އިސްލާމް ދީން ފެތުރުމުގައި މެދުވެރިއަކަށް ވެލެއްވި މަޣްރިބްކަރައިގެ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އޭރު ރާއްޖޭގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ އިސްލާމް ދީނަކީ ދިވެހިންގެ ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމަށާއި މިއަދު ދިވެހިން ދެކޭ މިނިވަންކަމާއި އެއްބައިވަންތަކަމުގެ އަސްލަކީ ވެސް ދީން ކަމަށެވެ.

"މިކަމުގެ ސިއްރަކީ، ރާއްޖެ އިސްލާމްވީއްސުރެ އަޅުގަނޑުމެންގެ ކާބަފައިން މިދީނުގެ ފަރުޟުތަކަށް ރައްކާތެރިވެ، ދީނުގެ މަތިވެރި ޝިއާރުތައް ދަމަހައްޓަމުން ގެންދިއުން. ދީނީ އެއްބައިވަންތަކަން ގެއްލުނަނުދީ މި ދީނުގެ މަތީގައި ދެމިތިބުން،" ސިޔާމް ވިދާޅުވިއެވެ.

އެހެންކަމުން، މިއަދު ދިވެހިންގެ އެންމެ އިސް ވާޖިބެއްކަމުގައި ވާންވާނީ އިސްލާމް ދީން މި ގައުމުގައި ދެމެހެއްޓުމާއި ލާދީނީ ފިކުރުތައް މި ބިމުން އެކީ އެކައްޗަކަށް ފޮހެލައި އިސްލާމީ ޝަރީއަތް ފުރިހަމަ ގޮތުގައި ގާއިމު ކުރުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް