ރައީސް ނަޝީދުގެ ވެރިކަމަށްވުރެ މި ސަރުކާރުގެ އަނިޔާވެރިކަން ބޮޑު: ރައީސް ޔާމީން

ރައީސް ޔާމީން ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަގޫދޫގައި --

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށްވުރެ މި ސަރުކާރުގެ އަނިޔާވެރިކަން ބޮޑުކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަގޫދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީއަށް ވެރިކަންލިބޭ ކޮންމެ ފަހަރަކު ރާއްޖެ ސިއްސުވާލާކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމަށްވުރެ މި ސަރުކާރުގެ އަނިޔާވެރިކަން ބޮޑު ކަމަށް ތުހުމަތު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އަދުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތައް ވަރަށް ބޮޑު ކަމަށެވެ. ޖުމުލަ ގޮތެއްގައި ރާއްޖެއަށް މިހާރު ހުރިހާ ދާއިރާތަކަކުން ގޮންޖެހުންތައް އެބަހުރިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ފަރުދީގޮތުން އަދި ކިއެއްތަ ހަމައެކަނި ގައުމީ ބޮޑެތި މައްސަލަތައް އެކަންޏެއްނޫން. އާއިލާތަކަށް ދިމާވާ ކަންތައް. އާމްދަނީ ހޯދަން މީހުން ކުރާ މަސައްކަތްތަކަށް ދިމާވާ ކަންތައް. ބަލިހާލަތާއި ފަރުވާ ހޯދުމަށް ހުރި ގޮންޖެހުންތައް އެބަހުރި،" ރައީސް ޔާމީން ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރައްޖޭގެ މަސްރަހް މިހާރު ހުރި ގޮތުން މިވަގުތު ރައްޔިތުންގެ ހައްގުގައި އިހްލާސްތެރި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ މިނިވަން، އިންސާފުވެރި ތަހުގީގަކަށް ހަދައިދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ. ފުލުހުންގެ ވަރަށް ގިނަ ކަންކަން މިހާރު ދަނީ ސިޔާސީވަމުން ކަމަށާއި މިކަމުގައި ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދުގެ މަރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އޮޓޯޕްސީ ހެދުމުން، ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ހުރިނަމަ އެ އަނިޔާތައް ފެނުމުގެ އިތުރުން މަރުވި ވަގުތު ކަހަލަ މައުލޫމާތުތައް އެނގިދާނެކަމަށެވެ.

"އޭނަ ބައްޔެއްވެގެން އުޅޭއިރު ނުވަތަ ބޮޑު އުނދަގުލެއް ވެގެން އުޅޭއިރު ފުލުހުންނަށް އޭނަ އާދޭސްކުރިތޯ ޑޮކްޓަރަކަށް ދައްކަން. މި ކަންކަން ފެންނާނެތޯ އޮޓޯޕްސީ ރިޕޯޓުން،" ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ވަނީ މިލަދޫއަށް ވަޑައިގެން އެރަށުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިދެއްވާފައެވެ. މިލަދޫގައި މިރޭ މަޑުކުރެއްވުމަށްފަހު ރައީސް ޔާމީން މާދަމާ ވަޑައިގަންނަވާނީ އެ އަތޮޅުގެ ވެރިކަންކުރާ ރަށް މަނަދޫ އަށެވެ.

comment ކޮމެންޓް