ލެއިޕްޒިގްއިން ރެއާލްގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލެއިޕްޒިގް އަތުން ބަލިވެ ރެއާލް މެޑްރިޑް ދަމަހައްޓަމުންއައި ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އަތުވެއްޖެއެވެ.

ލެއިޕްޒިގްގެ އަމިއްލަ ދަނޑުގައި ރެއާލް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗާހަމައަށް ރެއާލް ވަނީ 20 މެޗު ބަލިނުވެ ކުޅެފައެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ލެއިޕްޒިގްއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖޮސްކޯ ގްވާޑިއޯލްއެވެ. އަދި އޭގެ ފަސް މިނެޓުފަހުން ލެއިޕްޒިގްގެ ކްރިޓޮފާ އެންކުންކޫ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އެ ޓީމަށް ފުޅާ ކޮށްދީފައެވެ.

ގޯލުޖެހުމަށްފަހު ލެއިޕްޒިގްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ/ ލެއިޕްޒިގް

ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މި ސީޒަންގައި ރެއާލްއަށް މޮޅު ކުޅުމެއް ދައްކަމުންއަންނަ ވިނީޝިއަން ޖޫނިއާ ވަނީ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ޓީމޯ ވާނާ ވަނީ މުހައްމަދު ސިމަކަންގެ އެހީއާއެކު ގޯލެއް ޖަހައި ލެއިޕްޒިގްގެ ލީޑް ފުޅާކޮށްފައެވެ. އެ ގޯލާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރެއާލުން ގޯލެއް ޖެހިއެވެ. އެ ގޯލަކީ ރޮޑްރިގޯއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ.

ރެއާލް މެޑްރިޑާއި ލެއިޕްޒިގް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ރެއާލް މެޑްރިޑް

އެ ނަތީޖާއާއެކު ރެއާލް ބަލިވިނަމަވެސް އެ ޓީމު ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ޓީމު ގްރޫޕް އެޗްގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ލެއިޕްޒިގް އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި ޝަކްތަރު ޑޮނެސްކު ހަ ޕޮއިންޓާއެކު އޮތްއިރު ތާވަލުގެ ފުލުގައި އޮތް ސެލްޓިކްއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ރޭ ސެލްޓިކްގެ އަމިއްލަ ދަނޑުގައި ޝަކްތަރާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

comment ކޮމެންޓް