ގޫގުލް އަނެއްކާވެސް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

އިންޑިއާއިން ގޫގުލް 9.36 ބިލިއަން ރުޕީސް (113.04 މިލިއަން ޑޮލަރު)ން ޖޫރިމަނާކޮށްފިއެވެ.

އިންޑިއާގެ ވިޔަފާރިތައް ރެގިއުލޭޓްކޮށް މޮނިޓާކުރާ ސަރުކާރުގެ އިދާރާ ކޮމްޕެޓިޝަން ކޮމިޝަން އޮފް އިންޑިއާ (ސީސީއައި) އިން މިމަސްތެރޭ އެކަނިވެސް ގޫގުލް ދެވަނަ ފަހަރަށް ޖޫރިމަނާ ކޮށްފައިވާއިރު، އެންމެފަހުން ޖޫރިމަނާ ކޮށްފައިމިވަނީ ވިޔަފާރީގެ މިންގަނޑުތަކާއި ގަވާއިދުތަކާ ގޫގުލް ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.

ގޫގުލްގެ މައްޗަށް ސާބިތުވެފައި ވަނީ ގޫގުލްގެ ޕޭމަންޓްސް އެޕާއި، ގޫގުލްގެ "އިން އެޕް ޕޭމަންޓް ސިސްޓަމް" ޕްރޮމޯޓް ކުރުމަށް މާކެޓް ޕޮޒިޝަން ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށެވެ.

ސީސީއައިއިން ބުނީ ގޫގުލް އިން، އިން އެޕް ޑިޖިޓަލް މުދާ ވިއްކުމަކީ ޑިވެލޮޕަރުންނަށް އެމީހުންގެ މަސައްކަތަށް ފައިސާ ހޯދުމަށް މުހިންމު ވަސީލަތެއް ކަމަށް ބުނެ އެޕް ޑިވެލޮޕަރުންނަށް އިން އެޕް ޕޭމަންޓް ސިސްޓަމް ބޭނުން ކުރަން މަޖުބޫރު ކުރި ކަމަށެވެ.

ސީސީއައިގެ މި ފިޔަވަޅަކީ މީގެ ކުރިން އެންޑްރޮއިޑްއާ ގުޅުން ހުރި މައްސަލަތަކެއްގައި މިދިޔަ ބުރާސްފަތި ދުވަހު 162 މިލިއަން ޑޮލަރުން ގޫގުލް ޖޫރިމަނާ ކުރި ފަހުން އަނެއްކާވެސް ގޫގުލްއަށް ލިބުނު ބޮޑު ނާކާމިޔާބީ އެކެވެ. އަދި މީގެ އިތުރުންވެސް އިންޑިއާގެ ސްމާޓް ޓީވީ މާކެޓުގައި ގޫގުލްގެ ވިޔަފާރީގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ހިންގަންޖެހޭ ވަކި ތަހުގީގަކާ ކުރިމަތިލާން ގޫގުލްއަށް ޖެހޭނެކަމަށްވެސް އެ އިދާރާއިންވަނީ ބުނެފައެވެ.

އެންމެ ފަހުން ނެރުނު ކޯޓްގެ ހުކުމާއި ގުޅޭ ގޮތުން ގޫގުލްގެ ބަހެއް ހޯދުމަށް ބައިނަލްއަގުވާމީ ބައެއް ނޫސް އެޖެންސީ ތަކުން ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ސީސީއައި އިން ބުރާސްފަތި ދުވަހު ނިންމި ނިންމުމަކީ ވިޔަފާރި ވެރިންނާއި ވިޔަފާރިތަކަށްވެސް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް ވަނީ ގޫގުލްއިން ސިފަކޮށްފައެވެ.

ގޫގުލްއިން މިހެން ބުނިނަމަވެސް ކޮމިޝަނުން ގޫގުލްއަށް އަންގަނީ ވާދަވެރިކަމާ ދެކޮޅު އަމަލުތައް ހިންގުން ހުއްޓާލައި، ކުރިމަގުގައި އެކަންކަން އިސްލާޙް ކުރުމަށެވެ.

ސީސީއައި އިން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެޕް ޑިވެލޮޕަރުންނަށް އިން-އެޕް ގަތުމުގައި ނުވަތަ އެޕް ގަތުމަށް ވެސް ތިންވަނަ ފަރާތެއްގެ ބިލިން ނުވަތަ ޕޭމަންޓް ޕްރޮސެސިން ހިދުމަތެއް ބޭނުންކުރުން ގޫގުލް އިން ހަނިކޮށްގެން ނުވާނެ ކަމަށެވެ.

ގޫގުލްގެ އެޕް ސްޓޯރު ބޭނުންކުރާ ސޮފްޓްވެއާ ޑިވެލޮޕަރުން އެޕްގެ ތެރެއިން ގަންނަ ތަކެތިން 30 ޕަސެންޓާ ހަމައަށް ކޮމިޝަން ނަގާ، ޕްރޮޕްރިއޭޓަރީ އިން އެޕް ޕޭމަންޓް ސިސްޓަމެއް ބޭނުން ކުރަން ޖެހޭ ކަމަށް ގޫގުލް އިން ލާޒިމް ކުރުމުން ދުނިޔޭގެ ފެންވަރުގައި ފާޑުކިޔުންތައް ގޫގުލްއަށް އަމާޒުވެފައިވެއެވެ.

comment ކޮމެންޓް