ކަނޑުގެ ސަރަހައްދާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުން ބޮޑުބައެއް ގެއްލޭފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާ ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލަ ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 55 މެމްބަރުންގެ ތެރެއިން 54 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއް މެމްބަރަކު ވަނީ އެ މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާ އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަަށެވެ. އަދި ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއަކަށް އަމަލުކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، މަޖިލީހުން ފާސް ކުރުމަށް ފަހު މަޖިލީހުން ނިންމާ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އައްޑޫސިޓީގެ ދެކުނުން ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުން ބައެއް ހިމެނޭހެން ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެގައުމުން އިޓްލޮސް އަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން މިހާތަނަށް ވަކާލާތު ކޮށްފައިވަނީ މޮރިޝަސްއާ ދެކޮޅަށް ކަމަށެވެ. އަދި މޮރިޝަސްއަށް ތާއީދު ކޮށްފިނަމަ ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ބައެއް ގެއްލޭނެ ކަމުގެ ބިރު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލުން އެ ސަރަހައްދު ހޯދުމުގައި ބައިނަލްއަގްވާމީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިކުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ފޯޅަވަހިން ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގެ ބައި ގެއްލޭނެ ކަމަށް މެމްބަރު ވިދާޅުވިއެެވެ.

މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އެކަމުގައި ރާއްޖޭގެ ހައްގު ހޯދުމުގެ ބަސް ބުނުމުގެ ދޮރު ރާއްޖެއަށް އެއްކޮށް ބަންދުވެގެންދާނެ ކަމަށެވެ.

"ދިވެހިރާއްޖެއަކީ ފޯޅަވައްސާއި ޗާގޯސްގެ ގިނަ ރަށްތަކާއި ކައިރި ގައުމަކަށްވާއިރު އެ ސަރަހައްދު ބައި ކުރުމުގައި ބައިނަލްއަގްވާމީގޮތުން އިސްކަންދޭނީ އެންމެ ކައިރީގައި އޮންނަ ގައުމަށް ކަމަށް ބެލެވޭތީ، ދިވެހިރާއްޖެއިން ވަކާލާތުކޮށްފި ނަމަ ޗާގޯސްގެ ރާއްޖޭގައި ހިމެނޭ ސަރަހައްދުގެ ބޮޑުބައެއް ރާއްޖެއަށް ލިބޭނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމި މައްސަލައިގައި ގެއްލުން ލިބޭ ހަސްމަކީ ދިވެހިރާއްޖެ ކަމަށެވެ.

އެ ނިންމުމަކީ ރާއްޖެއަށް އިޔާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރައްޔިތުންގެ އެންމެ މަތީ މަސްލަހަތާ ގުޅުންހުރި އެފަދަ މައްސަލައެއްގައި ސަރުކާރުން ގޮތެއް ނިންމަންވާނީ ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށް މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޗާގޯސްގެ މައްޗަށް ބާރު ހިންގާ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމުން ޗާގޯސްގެ ސަރަހައްދުން ރާއްޖެ ހިމެނޭ ބަޔާމެދު މޮރިޝަސްއިން ވަކާލާތު ކުރުމުގެ ފުރުސަތު ހަނި ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

"އެކަމަށް ރިއާޔަތް ކުރުމެއްނެތި، ކުރިން ސަރުކާރުން ގެންގުޅުނު ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމުގެއްގެ ގޮތުގައި ރާއްޖެއިން ނިންމި ނިންމުމަކީ އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބި، ރާއްޖެއިން 96،000 އަކަ ކިލޯމީޓަރުގެ ބޮޑު ބައެއް ގެއްލިގެން ދާނެ ކަމެއް،" އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެވެމުންދާއިރު ޗާގޮސް މައްސަލައިގައި ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ދިފާއުކޮށްފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެ އޮފީހުން ބުނީ ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމާ ގުޅުވައިގެން އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަން އެ އޮފީހުން ފާހަގަކުރެއެވެ. އަދި އދ. ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

comment ކޮމެންޓް