ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ޔާމީން ވަޑައިގަންނަވާނެ: ޕީޕީއެމް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން، ރައީސް ޔާމީން އެ ރަށްރަށް ވަޑައިގަތުމަށް އެދެމުން ދާ ކަމަށެވެ.

އެގޮތުން އެންމެ އަވަހަށް އެމަނިކުފާނު ދަތުރުކުރައްވާނީ މި މަހުގެ 25ވަނަ ދުވަހުން ފެށިގެން 28ވަނަ ދުވަހާ ހަމައަށް ނ. އަތޮޅަށެވެ.

އެ އަތޮޅުގެ ހަ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ނ. ކެނދިކުޅުދޫ، ނ. މަނަދޫ، ނ. ހޮޅުދޫ، ނ. ވެލިދޫ، ނ. މިލަދޫގެ އަދި ނ. މަގޫދޫ ހިމެނެއެވެ.

ހީނާ ވިދާޅުވީ ނ. އަތޮޅަށް ފަހު އަންނަ މަހުގެ ތިން ވަނަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިކަމަށެވެ.

"މިހާރު ކަނޑައެޅިފަ އޮތް ޑޭޓަކީ ނޮވެމްބަރު ތިނެއް. އެކަމު ހަމަ ބަދަލެއް އައިސް ދާނެ ޑޭޓަށް. އެހެންވިޔަސް ނޮވެމްބަރު މަހު އައްޑޫ ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.

ހަމަ އެ މަހުގެ ތެރޭގައި ގދ. އަތޮޅާއި ފުވައްމުލަކު ސިޓީއަށް ވެސް ރައީސް ޔާމީން ވަޑައިގަންނަވާ ދަތުރުތަކެއް ރޭވެމުންދާ ކަމަށް ވެސް ހިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޮވެމްބަރު މަހަށް ފަހު އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ރައީސް ޔާމީނުގެ ދަތުރުތައް ބާރު ސްޕީޑުގައި ކުރިއަށްދާނެއެވެ.

އެގޮތުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު އެންމެ ކައިރިން ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ ކޯލިޝަންގެ ހަރަކާތްތައް ވަރަށް ވަރުގަދަކޮށް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ރަށްރަށުގައި ވެސް އެ ހަރަކާތްތައް ވަރަށް ވަރުގަދައަށް ކުރިއަށް ދާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެންމެ އަވަހަށް އޮންނަ ދާއިރާތަކުގެ އިންތިޚާބަށް ފަހު ރަށްރަށުގައި ކުރިއަށްދާ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ ދާދި ފަހުން ހއ. އަތޮޅުގެ ހަ ރަށަކަށް ވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ޒިޔާރަތް ކުރައްވާފައެވެ.

comment ކޮމެންޓް