ޕާކިސްތާނުގައި ރަހީނު ކުރި މީހަކު ފިލައިގެން ރާއްޖެ އައުމުން ހައްޔަރު ކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން: ޑްރަގާ ގުޅުންހުރި މީހަކު ޕާކިސްތާނުގައި ރަހީނުކޮށްފައި ހުއްޓައި ރާއްޖެއައުމުން ވަނީ ހައްޔަރު ކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮޅުވާލައިގެން ޕާކިސްތާނަށް ގެންދިޔަ މީހަކު ރަހީނު ކޮށްފައި ހުއްޓައި ފިލައިގެން ރާއްޖެ އައުމުން ފުލުހުން އޭނާ ހައްޔަރު ކޮށްފިއެވެ.

ބ. ގޮއިދުއަށް ނިސްބަތްވާ 22 އަހަރުގެ އެ ޒުވާނާއަށް ފުލުހުން ކުރާ ތުހުމަތަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅުމާއި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެހީތެރިވުމެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ސިދާ ތާރީޚް އަދި ސާފުވާ ގޮތް ނުވި ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް 10 ދުވަސް އިތުރު ކޮށްދީފައެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި އޭނާ ބުނީ ބަޔަކު އޮޅުވާލައިގެން އޭނާ ޕާކިސްތާނަށް ފޮނުވި ކަމަށެވެ. އަދި ޕާކިސްތާނަށް އޭނާ ދިއުުމުން ބަޔަކު އޭނާ ހައްޔަރުކޮށްގެން ގެންގުޅުނު ކަމަށް ވެސް ވަނީ ބުނެފައެވެ. ރާއްޖެ އައީ އެމީހުނަށް ފިލައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާގެ ބަންދަށް 10 ދުވަސް އިތުރު ކޮށްދީފައިވަނީ ފުލުހުން އޭނާގެ ބަޔާން އަދި ނަގާފައި ނުވާތީއެވެ. އެކަން ނުކުރެވި ވަނީ އޭނާ ވަކީލަކު އައްޔަނު ކޮށްފައި ނުވާތީއެވެ. އަމިއްލައަށް ވަކީލަކު އައްޔަނު ކުރުމަށް މީގެ ކުރިން ފުރުސަތު ދިން ނަމަވެސް އެ މުއްދަތުގައި އޭނާއަށް ވަނީ ވަކީލަކު އައްޔަނު ކުރެވޭ ގޮތް ނުވެފައެވެ. އަދި މިހާރު އެއްބަސް ވެފައިވަނީ ދައުލަތުން ހަމަޖައްސާ ވަކީލެއްގެ ހާޒިރުގައި މައްސަލަ ކުރިއަށް ދިއުމަށެވެ.

މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ރާއްޖޭގެ ނެޓްވޯކުތަކުން ވަނީ ބައެއް ދިވެހީން ރަހީނު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. ބައެއް ފަހަރު އެ މީހުނަށް ނޭނގި އެކަން ކުރާއިރު އަނެއްބައިފަހަރު އެކަން ކުރަނީ ރަހީނު ކުރަން ފޮނުވާ މީހާއަށް ވެސް އެނގިގެންނެވެ.

comment ކޮމެންޓް