ސިޓީ ކައުންސިލުން ހުއްދަ ދިނުމުން ސްޓެލްކޯއިން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ސްޓެލްކޯގެ ގެއްލުންވެފައިވާ ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދަނީ -- ފޮޓޯ/ ސްޓެލްކޯ

ބޮޑުތަކުރުފާނު މަގުގައި ސްޓެލްކޯގެ ދެވަނަ ގޭޓާ ދިމާލަށް އޮންނަ ސަރަހައްދުން އެ ކުންފުނީގެ ހޮޅިއަކަށް ގެއްލުންވެ، މަގަށް ލޮނު ފެން އަރާ މައްސަލަ ހައްލުނުކުރެވިގެން އުޅުމަށް ފަހު މިހާރު އެ ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ މަގަށް ބިމު އަޑިން ފެން އަރަން ފެށީ އެ ކުންފުނީގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންވާ އައުޓް ފްލޯ ހޮޅިއަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ހައްލުކުރުން ލަސްވީ މަރާމާތުތައް ފެށުމުގެ ކުރިން ސިޓީ ކައުންސިލުން ދޭން ޖެހޭ ހުއްދައެއް ނުދިނުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ، ސިޓީ ކައުންސިލުން ދޭންޖެހޭ ހުއްދަތަކާއެކު މިހާރު ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށެވެ. އަދި މަގު ބަންދުކޮށްގެން މަސައްކަތް ކުރުމަށް ހުއްދަ ދީފައި ވަނީ މާދަމާގެ ނިޔަލަށް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ތާރުގަނޑު ކަނޑައިގެން އެ ހޮޅި ނެގޭނީ. އެ ހޮޅި ނަގާފަ އޭތި ރިޕެއާ ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ދެން،" އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ޖަނަރޭޓަރު ނިވާ، ކަރަންޓު ކެނޑުމުގެ އެއްވެސް ކަމެއް ނުކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަގަށް ލޮނު ލީކުވާ މައްސަލަ ސްޓެލްކޯގެ ސަމާލުކަމަށް ގެނައީ ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ކައުންސިލުން އެއްބާރުލުން ނުދޭކަމަށް ބުނެ ސްޓެލްކޯއިން ދައްކާ ވާހަކަ ގަބޫލުނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފަރާތުން ދޭންވާ ހުރިހާ އެއްބާރުލުމަކާ ހުރިހާ ހުއްދައެއް ލިބޭނެކަމަށް އަޅުގަނޑުމެން ބުނިން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެ މަރާމާތަށް ސްޓެލްކޯއިން ހުއްދައަށް އެދުނީ މިއަދު އެކެއްޖެހި ފަހުން ކަމަށާއި ހުއްދައަށް އެދުނުތާ ދެ ގަޑިއިރު ނުވަނީސް ހުއްދަ ދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ސްޓެލްކޯއިން ވަނީ މަގަށް ފެން އަރާ މައްސަލައެއް ސިޓީ ކައުންސިލުން ރަސްމީ ސިފައެއްގައި އެ ކުންފުންޏަށް އަންގާފައި ނުވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް