ޒަޔާންގެ މަރުގެ ތަހުގީގަށް ނުފޫޒު ފޯރުވި ވަކީލުގެ މައްސަލަ ބާ ކައުންސިލަށް

ޒަޔާންގެ މަރުގެ މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެ ތަހުގީގަށް ހުރަސް އެޅީ ވަކީލެއް ކަމަށް ފުލުހުން ބުނި -- ސަން ފޮޓޯ/ މުއާވިޔަތު އަންވަރު

މިދިޔަ ޖޫން މަހު މާރާމާރީ ހިންގައި މަރާލާފައިވާ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާގެ މަރުގެ ތަހުގީގަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ވަކީލެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ބަންދުކޮށްފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމާއި ފުލުހުން ކުރަމުންދާ ތަހުގީގަށް ހުރަސް އެޅުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ.

ޒަޔާންގެ މަރުގެ މައްސަލައިގެ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރީ ވަކީލެއް ކަމަށެވެ.

"އޭނާ ދިޔައީ މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖަކަށް ނުފޫޒު ފޯރުވަމުން މަގާމުގެ ހައިސިއްޔަތު ނުވަތަ މަސައްކަތުގެ ނާޖާއިޒް ފައިދާ އޭގެ ތެރޭގައި ބޭނުން ކޮށްގެން،" ސާމިހު ވިދާޅުވިއެވެ.

ސާމިހު ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާ މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ. އެހެންނަމަވެސް ތަހުގީގުގެ އަލީގައި އޭނާގެ މައްސަލަ ބާ ކައުންސިލަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކު ހިމެނޭ ގޮތަށް މިހާތަނަށް 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ ދަށުގެ ހަތަރު ކުދިންގެ އިތުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ ހަތް ފިރިހެނުންނެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މި ހަމަލާ ދިނުމުގައާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައިވަނީ ފަސް މީހެކެވެ. އަދި ކުށްކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ އެހެން ބައެއްގެ އިރުޝާދާއެކު 15 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި ޒަޔާނަށް ހަމަލާ ދީފައިވަނީ ދުރާލާ ރާވައިގެން އެކަމަށް ތައްޔާރުވެގެންނެވެ.

މި މާރާމާރީއަކީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ބައެއްގެ ތެރޭގައި ހިންގި ސިލްސިލާ މާރާމާރީއެއް ކަމަށާއި ޒަޔާން މަރާލީ ބަދަލު ހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން މިއަދު ބުނެފައިވެއެވެ.

މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު މެންދަމު ހިންގި މާރާމާރީއެއްގައި ޒަޔާން މަރުވީ އޭނާއަށް ތޫނު އެއްޗަކުން ދީފައިވާ އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

comment ކޮމެންޓް