އެނގްރީބާޑްސް ފަޒާއިން ސިޓިން ރޫމަށް

މަޝްހޫރު މޯބައިލް ގޭމް އެންގްރީ ބާޑްސް އުދުހި ޖައްވަށް ތިރިކުރުމަށްފަހު މިހާރު މިސްރާބު ޖަހާފައިވަނީ އަހަރެމެންގެ ގޭތެރޭ ސިޓިން ރޫމްތަކަށެވެ. މިފަހަރު އެނގްރީ ބާޑްސްގެ ސާޅަނގަތައް އަމާޒަށް އުކަން ފަށާނީ ކާޓޫނު ސީރިޒެއްގެ ގޮތުގަ އެވެ. އެންގްރީ ބާޑްސްގެ ވާހަކަ އިތުރަށް ކިޔައި ދިނުމަށްޓަކައި ގެނެސްދޭ ކާޓޫން ސީރީޒް މިއަހަރު އޯގަސްޓް މަހު ތެރޭގައި ސިޓިން ރޫމާ ހަމައަށް ގެނެސް ދިނުމަށް ރޯވިއޯއިން އޮތީ އަވަދި ނެތި އެވެ.

ރޯވިއޯގެ ހެޑް އޮފް އެނިމޭޝަން ނިކް ޑޯރާ ވިދާޅުވަނީ އެނގްރީ ބާޑްސްގެ ކާޓޫން ސީރީސް ނެރޭނީ ހަފުތާއަކު އެއްފަހަރު ކަމަށާއި ސީރީޒް ތައާރަފު ކުރާނީ 52 އެޕިސޯޑުގެ މައްޗަށް ބެހިގެންދާ ތިން މިނެޓެއްހާ އިރުގެ ކުރު ސީރީޒެެއް ގޮތުގައި ކަމަށެވެ.

ރޯވިއޯއިން މިހެން ބުނާއިރު އެންގްރީ ބާޑްސްގެ ފިލްމެއް ނެރޭނެ ކަމުގެ އަޑު ވެސް މީގެ ކުރިން ފެތުރިފައިވާތީ ނިކް ޑޯރާ ވަނީ އެއަށް ވެސް ޖަވާބެއް ދެއްވާފަ އެވެ. ނިކް ޑޯރާ ވިދާޅުވީ އެއީ ތެދެއް ކަމަށާ ނަމަވެސް ފިލްމެއް ފެންނަވަރު ވާނީ އަންނަ އަހަރު ނޫނީ 2014 ވަނަ އަހަރުތެރޭގައި ކަމަށެވެ. އެހެން ވެއްޖެނަމަ އަހަރެމެންނަށް އެނގްރީބާޑްސްގެ ފިލްމުތަކުގެ ތެރޭގައި ވަގުތު ދުއްވާލަން ފުރުސަތު ލިބޭނެ އެވެ.

ރުޅިއައިސްފައިވާ ދޫނިތަކާއެކު ސާޅަންގަ ޖެހުމުގެ ފުރުސަތު އޮތީ ހަމަ އެކަނި ޓީވީން އެކަންޏެއް ނޫނެވެ. ސްމާޓްފޯނުތަކާއި ޓެބްލެޓް ތަކުން ވެސް މި ސީރީޒް ބަލާލެވޭނެ ކަމަށް ރޯވިއޯ ޔަގީން ކޮށްދެ އެވެ.

ރޯވިއޯއިން ބުނަނީ މިސްރާބު އޮތީ ހަމައެކަނި ގޭމް ހަދާ ކުންފުންޔެއް ގޮތުގައި އެނގްރީ ބާޑްސްއާއެކު އުދުހުން ނޫން ކަމަށާއި ޑިޒްނީ ފަދައިން މުނިފޫހިފިލުވައިދޭ ނުވަތަ އެންޓަޓެއިންމެންޓް ކުންފުންޏެއްގެ ގޮތުގައި އޮތުމަށް ވެސް އެކުންފުނި އޮތީ ލޯ ހުޅުވައިގެން ކަމަށެވެ. އަދި އެންގްރީ ބާޑްސް ސްޕޭސް އަށް އަހަރެމެން މުޅިން ނުގެއްލެނީސް ސާޅަނގަ ޖެހުމުގެ އާ ގޭމްތައް އުނގަށް އޮއްސާލައި ދޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު